13 ޖެނުއަރީ 2022 - 22:19

މިދިޔަ 24 ގަޑިއިރު ތެރޭ ރާއްޖޭން ކޮވިޑްގެ އިތުރު 816 ކޭސް ފެނި، މިހާތަނަށް ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ އަދަދު 100،000 އިން މައްޗަށް ހިނގައްޖެ އެވެ.
އަލަށް ފެނުނު ކޭސްތަކާ އެކު މިހާރު ވަނީ ރާއްޖޭން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 100،451 އަށް އަރައިފަ އެވެ.
ކޮވިޑްގެ ކޭސްތައް މިދިޔަ 24 ގަޑިއިރު ތެރޭ މިހާ ބޮޑަށް އިތުރުވި އެއް ސަބަބެއް ކަމަށް ފެންނަނީ ބައްޔަށް ޓެސްޓްކުރި އަދަދު ވެސް ރެކޯޑް މިންވަރަކަށް އިތުރުވުމެވެ. މިދިޔަ 24 ގަޑިއިރު އިރު 7،005 މީހަކު ޓެސްޓުކޮށްފައި ވާއިރު މިއީ މިދިޔަ އަހަރެއްހާ ދުވަހު ތެރޭ ވެސް އެންމެ ގިނައިން ޓެސްޓުކުރި އެއް ދުވަހެވެ.
އަލަށް ފެނުނު 816 ކޭސް އަކީ ޕޮޒިޓިވިޓީ ރޭޓުން ބަލާ ނަމަ 11.65 ޕަސެންޓެވެ. މި ކޭސްތަކުގެ ތެރޭގައި ހިމެނެނީ މާލޭން ފެނުނު 413 ކޭސް އާއި އެހެން ރަށްރަށުން ފެނުނު 249 ކޭސް އާއި ރިސޯޓްތަކުން ފެނުނު 92 ކޭސް އަދި ސަފާރީތަކުން ފެނުނު 15 ކޭސްއެކެވެ.
މިދިޔަ 24 ގަޑިއިރުގެ ކޭސްތައް ބަލާއިރު މާލޭގެ ޕޮޒިޓިވިޓީ ރޭޓް 12 ޕަސެންޓަށް އަރަ އެވެ.
މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 100،000 އިން މައްޗަށް ދިޔައިރު ބަލި ޖެހުނު މީހުންގެ ތެރެއިން 95،056 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އަދި ބަލީގައި 264 މީހަކު ވަނީ މަރުވެފަ އެވެ. އެހެންވެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 5،118 އެވެ.
މި ވަގުތު މި ބަލީގެ 25 މީހަކު މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްފައި އެބަ ތިއްބެވެ.
ރާއްޖޭގައި ވެސް ކޮވިޑްގެ ކޭސްތައް މިހާ ބޮޑަށް އިތުރުވެފައި ވަނީ ކޮވިޑްގެ އާ ވެރިއަންޓް އޮމިކްރޮން ފެތުރެން ފެށުމާ އެކުގަ އެވެ.
ބަލީގެ ނުރައްކާ އަނެއްކާވެސް ބޮޑުވުމާ އެކު މިހާރު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަނެއްކާ ވަރުގަދަކޮށް ކޮވިޑް ވެކްސިން ޕްރޮގްރާމް ވެސް ފުޅާކޮށްފަ އެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ވެކްސިން ފުރިހަމަކޮށްފައި ވާއިރު މިރޭ ވަނީ ވެކްސިންގެ ބޫސްޓަ ޑޯޒް ޖެހުމަށް ވެސް ހުޅުވާލައިފަ އެވެ.