މާޒިޔާ ބަލިކޮށް ގްރީން އިން ފައިނަލަށް ދިއުމުގެ ބާރު ހޯދައިފި
މާޒިޔާ ބަލިކޮށް ގްރީން އިން ފައިނަލަށް ދިއުމުގެ ބާރު ހޯދައިފި

ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ވާދަކޮށް 2-0 އިން މެޗު ކާމިޔާބު ކޮށްގެން ކްލަބް ގްރީން ސްޓްރީޓްސް އިން މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލަށް ދަތުރު ކުރުމުގެ އަމިއްލަ ބާރު އެ ޓީމުން ހޯދައިފި އެވެ.

މާޒިޔާ ބަލިކޮށް ގްރީން އިން ފައިނަލަށް ދިއުމުގެ ބާރު ހޯދައިފި
މާޒިޔާ ބަލިކޮށް ގްރީން އިން ފައިނަލަށް ދިއުމުގެ ބާރު ހޯދައިފި

މި މެޗުން މޮޅުވުމާ އެކު ގްރީން އަށް ވަނީ މާޒިޔާ އާއި ވެލެންސިއާއާ އެއްވަރަށް 15 ޕޮއިންޓް ހަމަ ކޮށްފަ އެވެ. އަދި ފައިދާ ގޯލުގެ ތަފާތުން ލީގް ބުރުގެ ތާވަލުގެ އެއްވަނައިގައި ވެސް މި ވަގުތު އޮތީ ގްރީން ސްޓްރީޓްސް އެވެ. މިއީ 2019/2020 ވަނަ ސީޒަނުގައި ޕްރިމިއާ ލީގު ފަހު މެޗުގައި މާޒިޔާ އީގަލްސް އަތުން ބަލިވި މެޗަށް ފަހު އެ ޓީމު ރާއްޖޭގެ މުބާރާތެއްގައި މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ.

ގްރީން އިން މިއަދުގެ މެޗަށް ނުކުތީ އެ ޓީމުގެ ޕާކިސްތާނު ގޯލް ކީޕަރު ސާގިބް ހަނީފް ފުރަތަމަ 11 ގައި ހިމަނައިގެންނެވެ. މި ސީޒަނުގައި ގްރީންގެ ފުރަތަމަ ފަސް މެޗުގައި ވެސް އެ ޓީމުގެ ގޯލު ބެލެހެއްޓި ހުސެއިން ޝިފާދު މުހައްމަދު މިއަދުގެ މެޗުގައި އިނީ ބެންޗުގަ އެވެ.

މާޒިޔާ މެޗު ފެށިގެން ގްރީންގެ ފަހަތަށް ނުރައްކާ ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް މާ އެދެވޭ ހަމަލާތަހެއް ފުރަތަމަ ހާފުގައި އެޓީމަށް ފޮނުވާލެވިފައެއް ނުވެ އެވެ. ގޯލު ޖަހަން އެޓީމަށް އެންމެ ހުސް ފުރުސަތެއް ލިބުނީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަށެވެ. ނަމަވެސް ސިކްސް ޔާޑު ބޮކްސް މަތިން ކަހަލަ ގޮތަކަށް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ކީޕަރު އަތަށެވެ. އެއަށް ފަހު ހަމްޕު އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ވެސް ގްރީންގެ ކީޕަރު ދިފާއު ކުރިއިރު، ހަމްޕު ހުސް ކޮށްލާފައި ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަށް ދިން ބޯޅަ ކޯނޭ ފޮނުވާލުމުން ގޯލާ އަމާޒެއްނުވި އެވެ.

ގްރީން އިން ލީޑު ނެގީ ފުރަތަމަ ހާފުގެ 45 މިނިޓުގެ ކުޅުން ނިމި، ދެއްކި އިތުރު ވަގުތުގެ ދެ ވަނަ މިނިޓުގައި ހަސަން ނަޒީމް (ޗޯޓު) ޖެހި ލަނޑުންނެވެ. އެޓީމުގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ދަނޑުގެ މެދަކާ ހިސާބުން ލިބުނު ހިލޭ ޖެހުމަކުން މަތިން ކުރިޔަށް ދިން ބޯޅަ ކޮންޓްރޯލް ކޮށްލައި ޗޯޓު ވަނީ މާޒިޔާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ކައިރީގައި ހުރި ޑިފެންޑަރު މޫސާ ޔާމީން (ޔާމްބެ) އޮފްބެލެންސް ކޮށްލައި ގޯލްކީޕަރު ކިރަން ޝެމްޝޮން އަށް އެއްވެސް ފުރުސަތެއް ނުދީ ތިރިތިރިން ގޯލުތެރަށް ބޯޅަ ފޮނުވާލައިފަ އެވެ. އަދި ހާފު ނިމުމުގެ ކުރިން، ލިބުނު ހިލޭޖެހުމަކުން ޗޯޓު ސީދާ މަތީ ކަނަށް ފޮނުވާލި ބޯޅަ ކީޕަރު ކިރަން ވަނީ ދިފާއުކޮށްފަ އެވެ.

މިއީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޓީސީ ކޮޅަށް ހެޓްރިކް ވެސް ހެދި އުމުރުން 20 އަހަރުގެ ފޯވާޑް މުބާރާތުގައި ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ.

ޗޯޓު ގްރީން އަށް ލީޑު ނަގައިދިނުމުގެ ކުރިން އެންހެލް ކަރަސްކޯސާ މުނޯޒް ވަނީ ގޯލު ޖަހަން ލިބުނު ހުސް ފުރުސަތެއް ނަގާލައިފަ އެވެ. ކަނާތްފަރާތު އަރިމަތިން ބޯޅަ ހިފައިގެން ގޮސް މުޅިން ހުސްކޮށް ހުރެ ގޯލުގެ ދުރު ކަނަށް ޖަހަން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލު ދަނޑިއަށެވެ.

ދެވަނަ ހާފް ފެށިގެން ފަސްވަނަ މިނިޓު ތެރޭ ގްރީން އިން ވަނީ އެޓީމުން މެޗުގައި ޖެހި ދެވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. މުނޯޒް ނެގި ހުރަހެއް ގޯލު ތެރަށް ވައްދާލައިގެން ގްރީން އަށް މި ލަނޑު ޖަހައިދިނީ އަލީ ޝާމިއު (މައިތޯ) އެވެ.

އެއަށް ފަހު ފެނުނީ މާޒިޔާއިން ފުލުފުލުގައި ގްރީންގެ ގޯލަށް ނުރައްކާ ކުރިތަނެވެ. މާޒިޔާގެ ކޯނޭ އާއި ނާއިޒް ހަސަން (ދާދު) ފޮނުވާލި ދެ ހަމަލާ ގްރީންގެ މުހައްމަދު ސާއިފް ބްލޮކް ކުރިއިރު، އައިސަމް އިބްރާހީމާއި، ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން ނުކުތް އަސަދުﷲ އަބްދުﷲ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި ހަމްޕު އޭރިއާ ބޭރުން ހުސްކޮށް އޮއްވައި ފޮނުވާލި ބޯޅަ ދިޔައީ ގޯލު މަތިން ބޭރަށެވެ.

ފަހު ވަގުތު ގްރީން އިން ވެސް ވަނީ އިތުރު ލަނޑެއް ޖެހޭތޯ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެޓީމުން ފޮނުވާލި ހަމަލާތައް ގޯލާ އަމާޒު ވެފައެއް ނުވެ އެވެ.

ގްރީން އާއި މާޒިޔާ އަށް ވެސް ލީގް ބުރުގައި ބާކީ އޮތީ އެންމެ މެޗެކެވެ. ގްރީންގެ ފަހު މެޗުގައި އަންނަ ބުދަ ދުވަހުގެ ހަވީރު އީގަލްސްއާ ދެކޮޅަށް ނުކުންނައިރު، އެރޭ މާޒިޔާ ނުކުންނާނީ މިވަގުތު ދެވަނައިގައި އޮތް ވެލެންސިއާއާ ދެކޮޅަށެވެ.

މުބާރާތުގައި މިރޭ ވާދަކުރާނީ ވެލެންސިއާ އާއި އީގަލްސް އެވެ. ތާވަލުގެ ދެވަނައިގައި އޮތް ވެލެންސިއާ ވަނީ މިހާތަނަށް މުބާރާތުގައި ކުޅުނު ފަސް މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ.