15 ޑިސެމްބަރ 2016 - 11:54

ލަންޑަން (ޑިސެމްބަރު 15) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ޗެލްސީ އަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިފައިވާއިރު، އެއީ އެޑްވާންޓޭޖަކަށް ވުރެ ބޮޑަށް ކުޅުންތެރިން ކުރާ މަސައްކަތަށް ލިބިފައިވާ ބޯނަހެއްގެ ގޮތުގައި ދެކޭ ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ރޭ ސަންޑަލެންޑް އަތުން 1-0 އިން ހޯދި މޮޅާ އެކު ޗެލްސީ ވަނީ 16 މެޗުން 40 ޕޮއިންޓް ހަމަކޮށްފަ އެވެ. ލިވަޕޫލް ދެ ވަަނައިގައި އޮތީ 34 ޕޮއިންޓާ އެކު އެވެ.
ކޮންޓޭ ބުނީ ލީގުގެ އެއް ވަނަ މަގާމުގައި އޮތަސް އެއީ މާ ބޮޑު ސަމާލުކަމެއްދޭ ކަމެއް ނޫން ކަމަށެވެ.
"އަހަރެމެން ހަނދާނުގައި ބަހައްޓަންޖެހޭ މި ޓީމު މިދިޔަ ސީޒަނުގައި އޮތީ 10 ވަނައިގައިކަން. މި ވަގުތު ލީގުގެ ކުރީގައި އަހަރެމެން އޮތަސް އަދި ސީޒަނެއް ނުނިމޭ. ޗެލްސީ އަންނަނީ އަހަރެންގެ ސިސްޓަމަށް ހޭނެމުން." ރޭގެ މެޗަށް ފަހު ކޮންޓޭ ބުންޏެވެ.
"މި ވަގުތަށް ބަލާއިރު އަހަރެމެން ލީގުގެ އެއް ވަނައިގައި އޮތުމަކީ ލިބޭ އެޑްވާންޓޭޖަކަށް ވުރެން ބޮޑަށް ކުޅުންތެރިން ކުރާ މަސައްކަތުގެ ބޯނަހެއް."
ރޭގެ މެޗާ އެކު ޗެލްސީ ވަނީ ލީގުގައި ޖެހިޖެހިގެން 10 މޮޅު ހަަމަކޮށްފަ އެވެ. ސަންޑަލެންޑް ކޮޅަށް ޗެލްސީގެ ހަމައެކަނި ލަނޑު ޖެހީ ސެސް ފަބްރެގަސް އެވެ. ޗެލްސީ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނުމުގައި އެ ޓީމުގެ ކީޕަރު ތިބައު ކޯޓުއާގެ ދައުރު ބޮޑެވެ. އެއީ މެޗުގެ ފަހު ވަގުތު ސަންޑަލެންޑްގެ ޕެޓްރިކް ވެންއާންހޯލްޓް ފޮނުވާލި ބޯޅަ ކޯޓުއާ ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ.
ކޮންޓޭ ވަނީ ރޭގެ މެޗުގައި ފަބްރެގަސް އާއި ކޯޓުއާ އަށް ތައުރީފް ކޮށްފަ އެވެ.
"އަހަރެންނަކީ ވަކިވަކި ކުޅުންތެރިންނަށް ތައުރީފްކުރަން ބޭނުންވާ މީހެއް ނޫން. އެކަމަކު ކުޅުންތެރިން ކުރާ މަސައްކަތް ފާހަގަކުރަން ފަހެއް ނުޖެހޭނަން. ފަބްރެގަސް އަށް ފުރަތަމަ އެގާރައިން ފުރުސަތު ނުދޭތީ މީޑިއާގެ ފާޑުކިޔުން އަމާޒުވި ނަމަވެސް އޭނާ ޕްރޮފެޝަނަލްކޮށް ހުރެގެން ލިބޭ ފުރުސަތުތަކުގައި ޓީމަށް އެހީވެދޭތަން މި ފެންނަނީ. ދެން ކޯޓުއާ ކުރަމުން އަންނަ ހިތްވަރު ކޮންމެ މެޗެއްގައި އެބަފެނޭ،" ކޮންޓޭ ބުންޏެވެ.
އަނިޔާގެ ސަަބަބުން ރޭގެ މެޗު ގެއްލުނު އެޑެން ހަޒާޑަށް ލީގުގައި އަންނަ ހޮނިހިރު ދުވަހު އޮތް ކްރިސްޓަލް ޕެލަސް މެޗު ކުޅެވޭނެ ކަމުގައި އުއްމީދު ބޮޑުކަމަށް ކޮންޓޭ ވަނީ ބުނެފަ އެވެ.