13 ޖެނުއަރީ 2022 - 11:49

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި ބައެއް ފްލެޓްތަކުގެ އެތެރޭގެ މަސައްކަތްކުރުމުގައި އުސޫލާ ހިލާފުވި ކަމަށް ބުނެ ބައެއް މީހުން ޖޫރިމަނާކުރަން ފަށައިފި އެވެ.
ފްލެޓު ލިބުނު ބައެއް މީހުންނަށް އެޗްޑީސީން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ފޮނުވަމުން އަންނަ ސިޓީގައިވާ ގޮތުން އެ މީހުން ޖޫރިމަނާކޮށްފައި ވަނީ އިމާރާތުގެ ސްޓްރަކްޗާއަށް ބަދަލު އަންނަ ގޮތަށް މަސައްކަތްކޮށްފައި ވާތީ އެވެ. ބައެއް މީހުން ބެލްކަނީގެ ތިރީ ބީމް ކަނޑާފައިވާތީ ޖޫރިމަނާކޮށްފައި ވާއިރު އަނެއް ބަޔަކު ޖޫރިމަނާކުރީ އުސޫލާ ހިލާފަށް ކޮންކްރީޓް ފާރު ކަނޑާފައި ވާތީ އެވެ.
މިއީ ފްލެޓްގެ އެއްބަސްވުމާ ހިލާފުވުން ކަމަށް ވާތީ ޖޫރިމަނާކުރީ 10،000ރ. އިންނެވެ.
އެޗްޑީސީން އެ މީހުންނަށް އަންގާފައި ވަނީ ސިޓީ ފޮނުވާތާ ފަސް ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ އެ ކޯޕަރޭޝަނަށް ދެއްކުމަށާއި ފްލެޓަށް ލިބުނު ގެއްލުން ރަނގަޅުކުރުމަށެވެ.
"މަސައްކަތް ފެށުމަށް ހުއްދަދިނުމަށް ހަމަޖެހިފައި ވަނީ ޖޫރިމަނާ ފައިސާ ދެއްކުމުން ކަމުގައި ދަންނަވަމެވެ. އަދި ފައިސާ ދެއްކުމަށް ފަހު މި ކޯޕަރޭޝަނަށް އެންގުމުން މަސައްކަތް ކުރިއަށް ގެންދިއުމުގެ އިރުޝާދު ދެވޭނެ ކަމުގައި ދަންނަވަމެވެ،" އެޗްޑީސީން ފްލެޓެއްގެ ވެރި ފަރާތަށް ފޮނުވި ސިޓީގައިވެ އެވެ.
ހިޔާގެ 12 ވަނަ ޓަވަރުން ފްލެޓް ލިބުނު މީހަކު "މިހާރު" އަށް ބުނީ، އޭނާއަށް ޖޫރިމަނާ ފައިސާ ދައްކަން ޖެހުނީ ސޮކެޓެއް ތިރިކުރުމަށް ފާރުން ބައި އިންޗިވަރު ކަނޑާލުމުން ކަމަށެވެ.
އެކަނިވެރި މައިންގެ ބައިން ފްލެޓް ލިބުނު އެ މީހާ ކިޔައިދިން ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފްލެޓަށް އޭނާ ބަދަލުވީ ހަމައެކަނި ދޮރުތަކާއި ތަށިމުށި ޖަހައިގެންނެވެ. އޭރު ބަދިގެ ސެޓް ވެސް ހަރެއް ނުކުރެ އެވެ.
"އަޅުގަނޑުމެން އޭރު ކައްކަމުން އައީ ކުރީގެ އަލަމާރިއެއް ކަފާލައިގެން އޭގެ މަތީގައި އުނދުން ބަހައްޓައިގެން. މިދިޔަ މަހުގެ 15 ހިސާބުގައި ބަދިގެ ސެޓް ނިމުނީ. އެކަމަކު އުނދުން ކައިރީގައި ކަރަންޓަށް ޖެހޭނެ ގޮތެއް ނެތް. އިނީ ސިންކާ ވާގޮތަށް. އެހެންވެ، އެ ސްވިޗް ބޯޑު ތިރުކޮށްލީ. އެއީ ކިރިޔާ ވެސް ފާރުން ތަންކޮޅެއް ކަނޑާލަން ޖެހުނު ގޮތަކީ،" އޭނާ ކިޔައިދިނެވެ.
އޭނާ ބުނި ގޮތުގައި އެ ބަދަލު ގެނެސްފައިވަނިކޮށް އެޗްޑީސީއަށް ފެނުނީ، މަތީ ފްލޯއަކުން ފެން ފައިބާތީ އެތަނުގެ އޮފިޝަލުން އެ ފްލެޓަށް ދިޔަ ދުވަހެއްގަ އެވެ. އެކަމަކު އެތަން ރަނގަޅުކުރުމަށް އަންގައި ސިޓީ ފޮނުވިއިރު އެ މަސައްކަތް ވަނީ އެއްކޮށް ނިމިފަ އެވެ.
"މި މީހުން [އެޗްޑީސީ] އިން އެތަން ރަނގަޅުކުރަން އެންގި ގޮތަށް މިއޮތީ ޖޫރިމަނާ ވެސް ކޮށްފައި. އަދި މިހާ ބޮޑު އެއްޗެއް ކުރީމާ ކިހިނެއް ދައްކާނީ. އަޅުގަނޑު ވާނީ ސިޓީއެއް ފޮނުވާފައި އެ މީހުންނަށް ޖޫރިމަނާ މައާފުކޮށްދޭން. އަޅުގަނޑަކީ އެކަނިވެރި މައެއް. ކިހިނެއް އެހާ ބޮޑު އެއްޗެއް ދައްކާނީ،" އޭނާ ބުންޏެވެ.
އެނގިފައިވާ ގޮތުގައި ހިޔާގެ 10 ވަނަ ޓަވަރުން ފްލެޓެއްގެ ވެރިއަކު ވެސް އެތެރޭގެ މަސައްކަތްކުރުމުގައި އުސޫލާ ހިލާފުވި ކަމަށް ބުނެ ޖޫރިމަނާކުރި އެވެ. އެކަމަކު އެޗްޑީސީގެ ބަހެއް އަދި ނުލިބޭތީ މިހާތަނަށް މިގޮތަށް މަސައްކަތްކުރި ކިތައް ފްލެޓް ޖޫރިމަނާކުރި ކަމެއް ސާފެއް ނުވި އެވެ.
ފްލެޓްތަކުގެ މަސައްކަތް ކުރަމުން އަންނައިރު އެއްވެސް ކަހަލަ ބެލުމެއްނެތި ބައެއް މީހުން ފްލެޓްގެ މަސައްކަތް ކުރަމުންދިޔަ ކަމުގެ އަޑު ކުރިން ވެސް އެރި އެވެ. އެކަމަކު އެތަންތަން އިންސްޕެކްޓް ނުކުރާ ކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރި އެވެ.
ކޮމާޝަލް ޔުނިޓްތަކުން ވެސް އެއްވެސް ކަހަލަ ބެލުމެއްނެތި އެ ޔުނިޓްތަކުގެ ބެރިތައް ތަޅައި ފާރުކަނޑަމުން ގެންދާ ނަމަ އެ ފަދަ އުސް އިމާރާތްތަކަށް ދިގު މުއްދަތަށް ވިސްނާއިރު ބޮޑެތި ގެއްލުންވެދާނެ ކަމުގެ ކަންބޮޑުވުން ހިޔާ ޔޫނިއަނުން ފާޅުކުރި ނަމަވެސް އެޗްޑީސީން ބުނީ އެ ޔުނިޓްތަކުގެ މަސައްކަތް ކުރަނީ އިންޖީނިއަރުނާ މަޝްވަރާކުރުމަށް ފަހު އެ މީހުން އަންގާފައިވާ ގޮތަށެވެ.
ފްލެޓްގެ ފިނިޝިންގެ އުސޫލުގައިވާ ގޮތުން ހިޔާ ފްލެޓްގެ ސްޓްރަކްޗާއަަށް އެއްވެސް ބަދަލެއް ގެނައުމަކީ މަނާ ކަމެކެވެ. ފްލެޓްގެ އެތެރޭގައި ޕާޓިޝަނެއް ހަރުކުރާ ނަމަ، އިމާރާތުގެ އެތެރޭގެ ވައިދައުރުވުމަށް ހުރަސް ނޭޅޭ ގޮތަށް އަދި ޓަވަރަށް ލޯޑް ބޮޑުނުވާނެ ގޮތަށް އެކަން ކުރެވިދާނެ ކަމަށް ވެސް އުސޫލުގައިވެ އެވެ. ކޮންކްރީޓް ޝީޓަށް އިސްކޫރެއް ނުވަތަ އެ ޒާތުގެ އެއްވެސް އެއްޗެއް ޖަހާ ނަމަ އެތެރެއަށް 1 އިންޗިއަށް ވުރެ ފުންކޮށް ތޮރުފުން މަނަލެވެ.