13 ޖެނުއަރީ 2022 - 11:23

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީނަށް ކުރާ ދައުވާތަކުގެ ޝަރީއަތް ލައިވްކޮށް ދައްކަން އެ މަނިިކުފާނުގެ ފަރާތުން މިއަދު ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންނެވި ނަމަވެސް ޔާމީނާ އެކު ދައުވާ ލިބޭ ޔޫސުފް ނައީމް އެކަމަށް އިންކާރުކޮށްފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ރިސޯޓް ހަދަން އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާގެ އިތުރުން ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެއް ދައުލަތުން ކުރެ އެވެ. އެ މައްސަލާގައި ޔާމީންގެ އިތުރުން ވ. ފެލިދޫ ހަނދުވަރީގޭ، ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާއެއް ވެސް ދައުލަތުން ކުރެ އެވެ. އެ މައްސަލައިގެ ޝަރީއަތް މިހާތަނަށް ލައިވްކޮށްފައެއް ނުވެ އެވެ.
އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ މަޖިލީހެއްގައި ހާމަކަން ބޮޑުކޮށް ޝަރީއަތް ކުރެވުމުގެ ހައްގު ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އެހެންވެ، މިފަދަ އެހެން މައްސަލަަތަކުގައި ވެސް އަމަލުކުރި ގޮތަށް ޔާމީންގެ ޝަރީއަތް ލައިވްކޮށްދޭން އެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ދައުވާލިބޭ ޔޫސުފް ނައީމްގެ ވަކީލުން ވިދާޅުވީ އެ ޝަރީއަތް ލައިވްކުރަން ބޭނުންނުވާ ކަމަށެވެ. އަދި ޔާމީންގެ ޝަރީއަތް ލައިވް ކުރަން ބޭނުންވާ ނަމަ، އެ މަނިކުފާނުގެ ބައި ވަކިން ކުރިއަށް ގެންދަން އެދޭ ކަމަށް ޔޫސުފްގެ ނައީމްގެ ވަކީލުން ވިދާޅުވި އެވެ.
ދައުލަތުން ބުނީ އެ މައްސަލާގެ ޝަރީއަތް ލައިވްކުރަން ދެކޮޅު ނަހަދާ ކަމަށާއި އަދި އެފަދަ މައްސަލަތަކުގެ ޝަރީއަތް މީގެކުރިން ވެސް ލައިވް ކުރަން ދައުލަތުން އެދިފައިވާނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ވެސް ޝަރީއަތްތައް ލައިވް ކުރަމުން އަންނަ ކަމަށާއި އެކަމަކު މަތީ ކޯޓުތަކުން އަމަލުކުރާ އުސޫލުތަކަށް ބަލާއިރު ޝަރީއަތް ލައިވް ކުރުމާއި ނުކުރުމަކީ ދައުވާލިބޭ މީހާގެ އިހްތިޔާރުގައި އޮންނަ ކަމެއް ނޫން ކަމަށް ވެސް ދައުލަތުން ބުންޏެވެ.
އެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަަދު ޝަކީލް ވިދާޅުވީ އެ މައްސަލަ ކޯޓުން ކުރިއަށް ގެންދަނީ އެހެން އާންމު މައްސަލަތަކެކޭ ވެސް އެއް އުސޫލަކުން ކަމަށެވެ. އަދި ޝަރީއަތް ލައިވްކުރަން އެދިފައިވާތީ އެކަމާ މެދު އަންނަ ހަފުތާގައި ގޮތެއް ނިންމަވާނެ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.
މީގެ އިތުރުން އެ މައްސަލާގެ ލިޔުންތައް ބެލުމުގެ ފުރުސަތު ނުލިބޭ ކަމަށް ޔާމީނާއި ޔޫސުފް ނައީމްގެ ވަކީލުން ވިދާޅުވުމުން ލިޔުންތައް ބަލައި، އެއްވެސް ލިޔުމެއް މަދުވޭތޯ ބެލުމަށް ފަހު އެކަން ކޯޓަށް އެންގުމަށް ވެސް އެއް ހަފުތާގެ ފުރުސަތެއް އިސް ގާޒީ ދެއްވި އެވެ. އަދި ދެން އޮންނަ އަޑުއެހުން މިމަހު ފަހުކޮޅު ބާއްވާނެ ކަމަށާއި އަދި އަޑުއެހުންތައް ބާއްވާނެ ގޮތް ދުރާލާ ކޯޓުން އަންގަމުންދާނެ ކަމަށް ވެސް އިސް ގާޒީ ވިދާޅުވި އެވެ.
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ވެސް ޔާމީނަށް ދައުލަތުން ދައުވާކުރެ އެވެ. އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން ކުރިއަށް ގެންދަނީ ލައިވްކޮށްގެންނެވެ. އަދި އޭގެ ކުރިން ޔާމީން ފަސް އަހަރަށް ޖަލަށްލި މައްސަލާގެ ޝަރީއަތް ވެސް އޭރު ކްރިމިނަލް ކޯޓުން ކުރިއަށް ގެންދިޔައީ ލައިވްކޮށްގެންނެވެ.
އާރަށް މައްސަލާގައި ޔާމީނަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެއްޖެ ނަމަ މަދުވެގެން ފަސް އަހަރުގެ ޖަލު ހުކުމެއް އެ މަނިކުފާނުގެ މައްޗަށް އަންނާނެ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ، ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެ މަނިކުފާނަށް ގެއްލޭނެ އެވެ.
ޔާމީން ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރިން ކުރި ހުކުމް ހައި ކޯޓުން މިދިޔަ އަހަރު ދަމަހައްޓާފައި ވަނިކޮށް ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ ހުކުމް ބާތިލްކޮށް، އެމަނިކުފާނު މިނިވަންކޮށްފަ އެވެ.