ޕޮޒިޓިވްވާ މީހުންގެ ކަރަންޓީން ހަތް ދުވަހަށް ކުރުކޮށްފި
ޕޮޒިޓިވްވާ މީހުންގެ ކަރަންޓީން ހަތް ދުވަހަށް ކުރުކޮށްފި

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އައިސޮލޭޓްކުރާ މުއްދަތު ހަތް ދުވަހަށް އަދި ޑައިރެކްޓް ކޮންޓެކްޓުންގެ ކަރަންޓީންގެ މުއްދަތު 10 ދުވަހަށް ކުރުކޮށްފި އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓުން މިހާތަނަށް ކަރަންޓީނާއި އައިސޮލޭޓްކުރަމުން ދިޔައީ 14 ދުވަހަށެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އަލަށް އިއުލާންކުރި ލުއިތައް ލިބޭނީ ދެ ޑޯޒު ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށެވެ.

އެޗްޕީއޭގެ އިއުލާނުގައި ބުނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައި ވަނިކޮށް ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް ނެތް ނަމަ އައިސޮލޭޓްކުރާނީ ސާމްޕަލް ނަގާ ތާރީހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ކަމަށެވެ. ބަލީގެ އަލާމާތެއް ހުރި ނަމަ އެކަހެރި ކުރާ މުއްދަތު ނިމޭނީ އެއްވެސް އަލަމާތެއް ނެތި މަދުވެގެން 24 ގަޑިއިރު ވުމުންނެވެ.

އެކަމަކު ސިއްހީ ހިދުމަތްދޭ ތަންތަނާއި މީހުން ބަލަހައްޓާ މަރުކަޒުތަކާއި ސްކޫލާއި ކިޔަވައިދޭ މަރުކަޒު ފަދަ ތަންތަނުގައއި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއަށް ނުކުންނަން ވާނީ އެންޓިޖެން ޓެސްޓު ހަދައި ނަތީޖާ ނެގެޓިވްވުމުން ކަމަށް އިއުލާނުގައި ބުންޏެވެ.

އެންޓިޖެން ޓެސްޓް ހަދާނީ އެކަމަށް ހެލްތު މިނިސްޓްރީން ހުއްދަ ދީފައިވާ ތަނަކުންނެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން ކަރަންޓީންވުމަށް ދެ ގޮތެއް ދީފައިވެ އެވެ. ފުރަތަމަ ގޮތަކީ، 10 ދުވަހަށް ކަރަންޓީންވުމަށް ފަހު އެ މުއްދަތު ހަމަވުމުން ބަލީގެ އަލާމާތެއް ނެތް ނަމަ އިތުރު ޓެސްޓަކާ ނުލައި ކަރަންޓީނުން ދޫކޮށްލުމެވެ.

ކަރަންޓީނުގައި ފަސް ދުވަސް ހޭދަކުރުމަށްފަހު ޕީސީއާރު ޓެސްޓް ހަދައި ނަތީޖާ ނެގެޓިވްވުމުން ދޫކޮށްލުމުގެ އިހުތިޔާރު ވެސް ލިބެ އެވެ. އެކަމަކު އެ ދެ ގޮތަށް ވެސް ލުއި ދޭނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ވަކިން ކަރަންޓިނުގައި ތިބޭ ނަމަ އެވެ.

ހެލްތު މިނިސްޓްރީން މިިދިޔަ އަންގާރަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑު ބަލީގައި ތިން ވަނަ އަހަރު ގުނަމުން ދާއިރު، އެ ބައްޔާ ގުޅޭ ގިނަ މައުލޫމާތާއި ތަޖުރިބާތައް ކުރެވިފައިވާ ކަމަށެވެ.

އެ ތަޖުރިބާތަކަށް ބެލުމަށް ފަހު، ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާއި ކަރަންޓީން ވާން ޖެހޭ މީހުންގެ ކަރަންޓީން ކުރަމުން ދިޔަ މުއްދަތު ކުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.