ތަންތަން ޗެކު ކުރަނީ ބަޔަކު ކުށްވެރިކުރާކަށް ނޫން، ރައްކާތެރިކަން ހޯދައިދޭން: ސިފައިން
ތަންތަން ޗެކު ކުރަނީ ބަޔަކު ކުށްވެރިކުރާކަށް ނޫން، ރައްކާތެރިކަން ހޯދައިދޭން: ސިފައިން

މާލޭގެ ހުރިހާ ގުދަންތަކާއި ވޯކްޝޮޕްތަކާއި ކެފޭތައް ޗެކު ކުރުމުގެ ބޮޑު އޮޕަރޭޝަނެއް މިހާރު ސިފައިން ފަށާފައިވާއިރު އެއީ އެއްވެސް ބަޔަކު ކުށްވެރިކުރުމުގެ ގޮތުން ކުރާ ކަމެއް ނޫން ކަމަށާއި އާއްމުންނަށް ރައްކާތެރިކަން ހޯދައިދިނުމަށް ސިފައިން ފެށި ކަމެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެތަނުގެ ވަގުތީ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ކެފޭތަކާއި ރެސްޓޯރަންޓުތަކުގައި އަލިފާން ނިއްވާ ވަސީލަތްތައް ހަރުކުރަން ގަވައިދަކުން އަންގާފައި ނުވި ނަމަވެސް އަލިފާން ބޭނުން ކުރާ އެ ފަދަ ތަންތަނުގައި އެ ފަދަ ވަސީލަތްތައް ހުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އަދި ސިފައިން މިހެން ޗެކުކުރަން ފެށުމުން، އަމިއްލަ ޒިންމާއެއްގެ ގޮތުގައި ދެކިގެން ބައެއް މީހުން އަލިފާން ނިއްވާ ވަސީލަތްތައް ހަރުކުރާކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"މިއީ ފަސޭހައިން އަލިފާން ނިއްވާނުލެވޭ ގޮތަށް ހުންނަ ތަންތަނާ މެދު ފިޔަވަޅު އެޅުމުގެ ގޮތުން ނުވަތަ އެ މީހުން ކުށްވެރިކުރަން ކުރާ ކަމެއް ނޫން. އެކަމަކު މިހާރު އަޅުގަނޑުމެންނަށް އެނގޭނެ މި ފަދަ ތަންތަން (އަލިފާން ނިއްވާ ނިޒާމު ނެތް ތަންތަން) ފާހަގަކުރަން،" އާޒިމް ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން މާފަންނު ސަރަހައްދުގައި ހުރި ގުދަނާއި ވޯކްޝޮޕާއި ކެފޭ ފަދަ 229 ތަން މިހާރު ވަނީ ފާސްކޮށްފަ އެވެ. އޭގެ ތެރެއިން ގިނަ ތަންތަން ހުރީ އަލިފާން ރޯވެއްޖެ ނަމަ ފަސޭހައިން ނިއްވާލެވޭނެ ފަދަ ގޮތަކަށް ނޫނެވެ.

އާޒިމް ވިދާޅުވީ މާލޭގައި ފަހަކަށް އައިސް އަލިފާނުގެ ބޮޑެތި ހާދިސާތައް ހިނގައި ބައެއް މީހުންނަށް އެތައް މިލިޔަން ރުފިޔާއިން ގެއްލުން ލިބިފައިވާއިރު މިއީ މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް ސިފައިން ކުރާ ދިރާސާއެއް ކަމަށެވެ. އަދި މީގެ ސަބަބުން މާލޭގައި ހުރި، އަލިފާން ގެންގުޅޭ ތަންތަނާއި އަލިފާން ރޯވެދާނެ ފަދަ އާލާތްތައް ހުރި ތަންތަން ފަސޭހަކަމާއެކު އެނގޭނެ ކަމަށް ވިދާޅުވި އެވެ.

މި ފަދަ ތަންތަން ބަލާ ފާސްކުރުމުގައި ސިފައިން ބަލަނީ އެތަންތަން އިމާރާތްކޮށްފައި ހުރިގޮތާއި އެތަންތަނުގައި ހުރި ތަކެއްޗާއި އަލިފާން ނިއްވާ ވަސީލަތްތައް ގާއިމުކޮށްފައި ހުރިގޮތާއި އެ ފަދަ ވަސީލަތްތައް ހުރިތޯ އާއި، އަލިފާން ނިއްވުމަށް އެތަނުގައި ސިފައިންނަށް ހަރަކާތްތެރި ވެވޭނެ ގޮތެވެ. އަދި އެ ފަދަ ހާދިސާއެއް ހިނގައިފިނަމަ ސަލާމަތްވާނެ ގޮތް ވެސް ހުރި ނެތް ގޮތް ސިފައިން ބަލަ އެވެ.

މި މައުލޫމާތުގެ ސަބަބުން، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އެތަނުގައި ހުރި މުދަލަށް ބަލައި، ސިފައިން ގެންދާނެ ތަކެއްޗާއި އަލިފާން ނިއްވުމަށް ހަރަކާތްތެރިވާނެ ގޮތާއި މީހުންނާއި ތަކެތި ސަލާމަތް ކުރާނެ ގޮތް ކުރިން ސިފައިންނަށް އެނގޭނެ އެވެ.

އާޒިމް ވިދާޅުވީ މި ދިރާސާއަށް ބަލައި، ކަމާ ގުޅޭ ގަވައިދުތައް އިސްލާހު ކުރެވިދާނެ ކަމަށާއި އެގޮތުން ކެފޭ އާއި ރެސްޓޯރަންޓް ފަދަ ތަންތަނުގައި އަލިފާން ނިއްވާ ސާމާނު ބަހައްޓަން ގަވައިދުގައި ހިމެނިދާނެ ކަމަށެވެ.

ތަންތަން ފާސް ކުރުމުގެ މި އޮޕަރޭޝަން މަސް ދުވަހަށް ކުރިއަށް ގެންދާއިރު މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލެ އަދި ތިލަފުށީގައި ވެސް ކުރިއަށް ގެންދާނެ އެވެ.

ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ އެއް ހާދިސާ ވެސް ހިނގާފައިވަނީ މި އަހަރުގެ ތެރޭގަ އެވެ. ކޯސްޓްލައިން ފިހާރައިގައި ރޯވެ އެތައް ބަޔަކަށް މިލިޔަން ރުފިޔާއިން ގެއްލުން ލިބުނު އިރު އެ ފަދަ ނުރައްކާތެރި ގިނަ ހާދިސާތަކެއް މި އަހަރުގެ ތެރޭގައި ވަނީ ހިނގައިފަ އެވެ.