13 ޖެނުއަރީ 2022 - 10:19

މިލާން (ޖެނުއަރީ 13) - މެޗުގެ ފަހު ސިކުންތުގައި ޖެހި ލަނޑުން ޔުވެންޓަސް ބަލިކޮށް އިންޓަ މިލާނުން އިޓާލިއަން ސުޕަ ކަޕް ކާމިޔާބު ކޮށްފި އެވެ.

މިދިޔަ ސީޒަނުގެ އިޓާލިއަން ލީގުގެ ޗެމްޕިއަން އިންޓަ މިލާނާއި އިޓާލިއަން ކަޕް ކާމިޔާބުކުރި ޔުވެންޓަސް ރޭ ކުޅުނު މެޗު އިންޓަ ކާމިޔާބުކުރީ 2-1 އިންނެވެ.

މިއީ އިންޓަ މިލާނުން ސުޕަ ކަޕް ކާމިޔާބު ކުރި ހަ ވަނަ ފަހަރެވެ. ޔުވެންޓަސް އަކީ އެންމެ ގިނަ ފަހަރަށް ސުޕަ ކަޕް ކާމިޔާބު ކުރުމުގެ ރެކޯޑް އޮންނަ ޓީމެވެ. އެޓީމުން ވަނީ ނުވަ ފަހަރު ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޔުވެންޓަސް އެވެ. މެޗުގެ 25 ވަނަ މިނިޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ވެސްޓަން މެކެނީ އެވެ. ނަމަވެސް އޭގެ 10 މިނިޓު ފަހުން ލިބުނު ޕެނަލްޓީއެއްގެ ފައިދާ ނަގައި އިންޓަ އަށް އެއްވަރު ކޮށްދިނީ ލައުޓާރޯ މާޓިނޭޒް އެވެ.
ފުރިހަމަ ވަގުތުގެ ކުޅުން ހަމަވިއިރު ވެސް ނަތީޖާއަށް ބަދަލެއް ނައުމުން އިންޓަ ކާމިޔާބު ހޯދީ އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފަހު ހާފުގެ ވެސް އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގަ އެވެ. ޔުވެންޓަސްގެ އެލެކްސް ސަންޑްރޯ އަށް އޭރިއާ ތެރެއިން ބޯޅަ ކޮންޓްރޯލް ނުކުރެވުމުގެ ފައިދާ ނަގައި، އެ ޓީމު މޮޅުކޮށްދިނީ އެލެކްސިސް ސަންޗޭޒް އެވެ.
އިންޓަ އިން އެންމެ ފަހުން ސުޕަ ކަޕް ކާމިޔާބު ކުރީ 2010 ވަނަ އަހަރެވެ. ޖެހިގެން އައި އަހަރު ވެސް ސުޕަ ކަޕްގައި އިންޓަ ވާދަކުރި ނަމަވެސް ބަލިވީ އޭސީ މިލާން އަތުންނެވެ.
ޔުވެންޓަސް ވަނީ އޭގެ ފަހުން ކުޅުނު 10 ސުޕަ ކަޕްގައި ވެސް ކުޅެ، ފަސް ފަހަރު ކާމިޔާބުކޮށްފަ އެވެ.