119 ކިލޯ ޑްރަގްސް: ތުހުމަތުވާ މީހުން ބުނަނީ ވީޑިއޯއިން ފެންނަނީ އެ މީހުން ނޫން ކަމަށް
119 ކިލޯ ޑްރަގްސް: ތުހުމަތުވާ މީހުން ބުނަނީ ވީޑިއޯއިން ފެންނަނީ އެ މީހުން ނޫން ކަމަށް

މިދިޔަ ޑިސެމްބަރު މަހު މާލެ އާއި ހުޅުމާލެއިން އަތުލައިގަތް 119 ކިލޯ ޑްރަގްސްގެ މައްސަލާގައި ތުހުމަތުވާ އަހްމަދު މުޖާހިދާއި އަހްމަދު ސުނައިނާ ދެކޮޅަށް ފުލުހުން ހުށަހަޅާފައިވާ ވީޑިއޯ ފުޓޭޖުން ފެންނަނީ އެ މީހުން ނޫން ކަމަށް ދިފާއީ ވަކީލުން އިއްޔެ ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

119 ކިލޯ ޑްރަގްސް: ތުހުމަތުވާ މީހުން ބުނަނީ ވީޑިއޯއިން ފެންނަނީ އެ މީހުން ނޫން ކަމަށް
119 ކިލޯ ޑްރަގްސް: ތުހުމަތުވާ މީހުން ބުނަނީ ވީޑިއޯއިން ފެންނަނީ އެ މީހުން ނޫން ކަމަށް

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތު އޮތް މި ދެ މީހުންގެ ވަކީލުން ކޯޓުގައި ބުނީ ބަންދުގެ މަޖިލީހުގައި ފުލުހުން ހުށަހެޅި ވީޑިއޯ ފުޓޭޖުން ފެންނަނީ މައްސަލާގައި ތުހުމަތުވާ މީހުން ނޫން ކަމަށާއި އެ ފުޓޭޖް ދިމާނުވާ ކަމަށެވެ. އަދި މަސްތުވާތަކެއްޗާ ގުޅުވައިދޭން ހެކީގެ ގޮތުގައި ފިންގަޕްރިންޓެއް ވެސް ފެނިފައި ނުވާ ކަމަށް ދިފާއުން ބުންޏެވެ. މީގެ އިތުރުން، މައްސަލާގައި ކުރިއަށް ހުރި ކަންކަމުގެ މައްޗަށް ބިނާކޮށް ތުހުމަތުކުރެވޭ އިތުރު އެއްވެސް ހެއްކެއް ވެސް ހުށަހަޅާފައި ނުވާ ކަމަށް ވެސް ބުންޏެވެ.

ނަމަވެސް ގާޒީ ނިންމެވީ މި މީހުން ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށާއި މިއީ ހެކި ވަޒަންކުރާ މަރުހަލާ ނޫން ކަމަށެވެ.

މައްސަލާގައި ހިމެނޭ މަސްތުވާތަކެތީގެ ބޮޑު ބައި ފެނުނު ކާރާ ގުޅުން ހުރި ކަމަށް ފުލުހުން ތުހުމަތުކުރާ އަހްމަދު މުޖާހިދުގެ ދިފާއުނުން ވަނީ އޭނާ އަކީ އަންބަކާއި ކުޑަ ކުއްޖެއް ހުންނަ މީހެއް ކަމަށާއި ބަންދުގައި ހުންނަން ޖެހުމުން އެ މީހުން ވަރަށް ނިކަމެތިވެފައިވާ ކަމަށް ކޯޓުގައި ބުނެފަ އެވެ.

ސުނައިން ވަނީ އޭނާގެ އުނަގަނޑުގައި ރިއްސާތީ ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދައްކައިދޭން ވެސް އެދިފަ އެވެ. އެކަމަކު ފުލުހުން ބުނީ ޑޮކްޓަރަށް ދެއްކުން، ސްޕެޝަލިސްޓަކަށް ދައްކަން އިރުޝާދެއް ނުދޭ ކަމަށެވެ. މި ވާހަކަތަކާ ގުޅިގެން ގާޒީ ވަނީ ބޭސްފަރުވާ ލިބޭކަން ކަށަވަރު ކުރުމަށް ފުލުހުންނަށް އަންގަވައިފަ އެވެ.

މި ދެ މީހުންގެ އިތުރުން މައްސަލާގައި ހިމެނޭ އަލީ ޒުބައިރު ވެސް އިއްޔެ ކޯޓަށް ހާޒިރުކުރި އެވެ. އޭނާގެ ދިފާއުން ބުނީ 28 ޕެކެޓް މަސްތުވާތަކެތި އުފުލި ޓެކްސީގެ ޑްރައިވަރާއި ކާރުގެ ވެރިމީހާގެ މައްޗަށް ފުލުހުން ތުހުމަތެއް ނުކުރާ ކަމަށާއި ޓެކްސީން ފެނުނު ޑްރަގްސްއާ ޒުބައިރާ ނުގުޅުވޭ ކަމަށެވެ. ޒުބައިރާއި ސުނައިނު ހައްޔަރުކުރީ މާލޭން ޑްރަގާ އެކު ހިފެހެއްޓި ޓެކްސީއާ އެކުގަ އެވެ. މުޖާހިދު ހައްޔަރުކުރީ ހުޅުމާލޭގައި އޮތް ކާރެއްގެ ތެރެއިންނާއި ސައިކަލެއްގެ މަޑިދަށުން 91 ޕެކެޓް ޑްރަގްސް ފެނުނު މައްސަލައިގަ އެވެ.

ފުލުހުން ވަނީ ތިން މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން އަމުރެއް ނެރެދެއްވުމަށް އެދިފަ އެވެ. ނަމަވެސް ގާޒީ ނިންމެވީ މި މައްސަލާ މައުލޫއީ ގޮތުން ބައްލަވާ ފަނޑިޔާރު އެކަމާ މެދު ގޮތެއް ނިންމަވަން ފެންނަ ކަމަށެވެ. އެހެންވެ ގާޒީ ދެއްވީ 15 ދުވަހުގެ މުއްދަތެވެ.

މި މައްސަލައިގެ ތަހުގީގަށް ގާނޫނީ ގޮތުން ލިބޭ މުއްދަތު ހަމާވާތީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ މި މަހުގެ 26 ވަނަ ދުވަހު މުއްދަތު އިތުރުކޮށްދީފަ އެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި މިއީ މީގެ ކުރިން ވެސް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުކުރެވި އެކަމަކު ކޯޓުން ސަލާމަތްވި އަރުޝަދު ހާލިދުގެ ނެޓްވޯކުން ރާއްޖެއަށް ގެނައި ޑްރަގްސް އެވެ. އޭނާ އާއި އިތުރު މީހަކު ވަނީ މިފަހަރު ޑްރަގްސް ގެނައުމަށް ފަހު ރާއްޖޭން ފުރައިގެން ގޮސްފައި ކަމަށް ފުލުހުން ބުންޏެވެ. އަރުޝަދާ އެކު ދިޔައީ މުހައްމަދު އަކްރަމް އަބްދުލްހައްނާން، 31، އެވެ.

ސުނައިނު އާއި ޒުބައިރަކީ 2020 ވަނަ އަހަރު އަރުޝަދުގެ ޑްރަގް ނެޓްވޯކާ އެކު ހައްޔަރުކޮށް ދައުވާ ވެސް ލިބުނު ދެ މީހުންނެވެ. އެ ދެ މީހުން ހިމެނެނީ އެފަހަރު ދައުވާ ލިބުނު އަށް މީހުންގެ ތެރެއިން ދައުވާ ސާބިތު ނުވި ހަ މީހުންގެ ތެރޭގަ އެވެ. ސާބިތު ނުވި ދައުވާގެ ހުކުމް މިހާރު ވަނީ އިސްތިއުނާފަށް ހައި ކޯޓަށް ހުށަހަޅައިފަ އެވެ.