ވަގަށް ޑޮލަރު ވިއްކާ ބިދޭސީއަކު ފައިސާ ޖަމާކުރަން ހުއްޓާ ހައްޔަރުކޮށްފި
ވަގަށް ޑޮލަރު ވިއްކާ ބިދޭސީއަކު ފައިސާ ޖަމާކުރަން ހުއްޓާ ހައްޔަރުކޮށްފި

ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެވިއްކާ ބިދޭސީއަކު ފައިސާ ޖަމާކުރަން ގޮސް ހުއްޓާ ހައްޔަރުކޮށްފި އެވެ.

އެމްޑީ މަނިކް މިއާ ނަމަކަށް ކިޔާ ބަންގްލާދޭޝްގެ މި މިހާ ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ބަންދަށް 10 ދުވަސް ވަނީ ދީފަ އެވެ.

އުމުރުން 28 އަހަރުގެ މި މީހާގެ މައްޗަށް ކޮށްފައި ވަނީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ތުހުމަތެވެ.

ފުލުހުން ކޯޓުގައި ބުނީ މަނިކް މިއާ އަކީ ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އައުމަށް ފަހު 2020 ވަނަ އަހަރު، އޭނާގެ ސްޕޮންސަރަށް ފިލައިގެން އުޅޭ މީހެއް ކަމަށާއި އެކަން ފުލުހުންނަށް ކުރިން ހުށަހަޅާފައިވާ ކަމަށެވެ. ސްޕޮންސަރު ނުވަތަ ވަޒީފާ ހަމަޖައްސައިދިން ފަރާތުން ވަނީ މި މީހާ ރާއްޖޭން ފޮނުވާލަދޭން އެދިފައި ކަމަށް ފުލުހުން ބުންޏެވެ.

މަނިކް މިއާ އަކީ ބޭރު ފައިސާ ގަނެވިއްކާ މީހެއް ކަމަށް ފުލުހުން ބުންޏަސް އޭނާ ކޯޓުގައި ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. ނަމަވެސް ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ވެސް ބޭރު ފައިސާ ވިއްކައިގެން ލިބުނު ފައިސާ ޖަމާކުރަން ގޮސް ހުއްޓާ ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހު ވަނީ ރާއްޖޭގައި ބޭރު ފައިސާގެ ކަޅު ބާޒާރުގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުވާ ހަތަރު ބިދޭސީއަކު ހައްޔަރުކޮށް ދުވަހަކު ވެސް ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓްކޮށްފަ އެވެ. ބަންގްލާދޭޝްގެ އެ ހަތަރު މީހުންނަކީ ރޮބީއުﷲ، 29، އާއި މުހައްމަދު ފިރުދައުސް، 31، އާއި މުހައްމަދު އިގްބާލު ހޮސައިން އާއި ޝޮހެލް އެވެ.

މި މީހުންގެ ތެރޭގައި ޑޮލަރުގެ ކަޅު ބާޒާރުގައި އަގު ކަނޑައެޅުމުގައި އުޅޭ މީހުން ވެސް ހިމެނޭ ކަމަށްވެ އެވެ.