15 ޑިސެމްބަރ 2016 - 11:58

މެންޗެސްޓާ (ޑިސެމްބަރު 15) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވަޓްފޯޑް އަތުން މެންޗެސްޓާ ސިޓީ މޮޅުވި މެޗުގައި އެ ޓީމުގެ ޖަރުމަނު މިޑްފީލްޑަރު އަލްކާއި ގުންޑޮގާނަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް ސީޒަން ނިމުމުގެ ބިރާ ކުރިމަތިވެއްޖެ އެވެ.
ރޭގެ މެޗުގައި ސިޓީ 2-0 އިން މޮޅުވިއިރު، ގުންޑޮގާންގެ ކަކުލުގެ ލިގަމެންޓަށް އަނިޔާވީ މެޗުގެ 44 ވަނަ މިނިޓްގަ އެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އަނިޔާގެ ސަބަބުން ގުންޑޮގާން ދިގު މުއްދަތަކަށް ކުޅުމާ ދުރަށްދާން ޖެހޭ ކަމަށެވެ.
"މިއީ ވަރަށް ހިތާމަވެރި ކަމެއް. ގުންޑޮގާންގެ ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާ ސީރިއަސް. އޭނާ ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާން ޖެހޭނެ. އެއީ ކިތައް މަސް ދުވަސްކަން ބުނަން އެނގޭނީ ސްކޭން އަށް ފަހު،" ރޭގެ މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.
ގުންޑޮގާން އަކީ ގާޑިއޯލާ ސިޓީގެ ކޯޗުކަމާ ހަވާލުވުމަށް ފަހު އެ ޓީމަށް ގެނައި ފުރަތަމަ ކުޅުންތެރިޔާ އެވެ. ބޮރޫޝިއާ ޑޯޓްމަންޑުން 20 މިލިއަން ޕައުންޑަށް ގުންޑޮގާން ގަތްއިރު ވެސް އޭނާ ހުރީ އަނިޔާގަ އެވެ. އެއީ މިދިޔަ މެއި މަހުގައި ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. އެ އަނިޔާގެ ސަބަބުން ގުންޑޮގާން އަށް ޔޫރޯގައި ކުޅުމުގެ ފުރުސަތު ވެސް ގެއްލުނެވެ.
ގުންޑޮގާން ވަނީ މި ސީޒަންގައި މިހާތަނަށް ސިޓީ އަށް ކުޅެދިން 15 މެޗުން ފަސް ލަނޑު ކާމިޔާބު ކޮށްފަ އެވެ. އޭނާ އަށް އަނިޔާވިއިރު، ފެނާންޑީނިއޯ އާއި ސާޖިއޯ އަގުއޭރޯ ހުރީ ސަސްޕެންޝަނެއްގަ އެވެ. ގާޑިއޯލާ ބުނީ އެ މަގާމުތައް ފޫބެއްދޭވަރުގެ ކުޅުންތެރިން އެ ޓީމުގައި އެބަތިބި ކަމަށެވެ.
ރޭގެ މެޗަކީ މިދިޔަ ސެޕްޓެމްބަރު މަހު 17 ވަނަ ދުވަހުގެ ފަހުން ސިޓީ އަމިއްލަ ދަނޑުގައި ލީގު މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ. މިދިޔަ ހޮނިހިރު ދުވަހު ލެސްޓާ އަތުން ބަލިވުމުން ސިޓީގެ ކޯޗު ގާޑިއޯލާގެ މުސްތަގުބަލާ ގުޅޮގޮތުން މީޑިއާ އިން ވަނީ ސުވާލު އުފައްދައިފަ އެވެ.
ގާޑިއޯލާ ބުނީ ސިޓީގެ ކޮންފިޑެންސް ރަނގަޅު ކުރުމަށް ގިނަ މެޗުތަކުން މޮޅުވުން މުހިއްމު ކަމަށެވެ.
"މީޑިއާ އަށް އަހަރެން ސަމާލުކަމެއް ނުދެން. އަހަރެން ބަލަނީ ވަޒީފާ އަދާކޮށް ޓީމު މޮޅުކޮށްދެވޭތޯ. ވަރަށް ގިނަ މެޗުތަކަށް ފަހު އަހަރެމެންނަށް އަމިއްލަ ދަނޑުގައި ތިން ޕޮއިންޓް މި ލިބުނީ. އެއީ ޕޮޒިޓިވް ކަމެއްގެ ގޮތުގައި މިދެކެނީ،" ގާޑިއޯލާ ބުންޏެވެ.