12 ޖެނުއަރީ 2022 - 15:45

ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތަކުގެ ގައިގައި އުންތަކެއް ނަގައި، ބަލިވާން ފަށާފައިވާތީ އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.
އެ ސަރަހައްދުން ފެންނަ ކޮތަރުތަކުގެ ލޮލާއި ތުންގަނޑު ކައިރީގައި އުންތަކެއް ހުރީ ނަގައިފަ އެވެ. ބައެއް ކޮތަރުތަކުގެ ލޯ ކައިރީގައި ބޮޑެތި އުންތަކެއް ހުރުމުން އެ އެއްޗެހީ ލޯ ވެސް ވަނީ ފޮރުވިފަ އެވެ. އަދި ކުރިން ކައި އުޅޭހެން ފަރިތަކޮށް ކާން ވެސް ދައްޗެވެ.
ވަރަށް ބަލިވެފައިވާ ގޮތަކަށް ކޮތަރުތައް ފެންނައިރު އެކަން އީޕީއޭގެ ސަމާލުކަމަށް އައިސްފައިވޭތޯ ސުވާލުކުރުމުން އެ ތަނުގެ އޮޕިޝަލަކު "މިހާރު" އަށް ވިދާޅުވީ ދޫނިތަކަށް ޖެހިފައިވަނީ ކޮން ބައްޔެއްތޯ ބަލަމުން އަންނަ ކަމަށެވެ. ތަފްސީލެއް ނުދެއްވަ އެވެ.
ބޭރުފުށުން ފެންނަ ގޮތުގައި، ކޮތަރުތަކަށް ޖެހިފައި ހުރި ބަލި ވައްތަރީ ޕިޖަން ޕޮކްސް އާ އެވެ. މިއީ ދޫނިތަކުގެ ގައިންގަޔަށް އަރާ ބައްޔަކަށް ވިޔަސް އިންސާނުންނަށް ނުރައްކަލެއް ނޯވެ އެވެ.
ޖުމްހޫރީ މައިދާނަކީ މީގެ އެތައް އަހަރެއް ކުރިއްސުރެ މާލޭގައި އުޅޭ ކޮތަރުތައް ކާން އެއްވާ ސަރަހައްދެވެ. އާންމުންގެ ގިނަ ބަޔަކު ކޮންމެ ދުވަހަކު ވެސް އެކި ގަޑިތަކުގައި އެތަނަށް ގޮސް ކޮތަރުތަކަށް ކާންދެ އެވެ.