ސްޕޯޓްސް ޕޮލިޓިކްސް: 24 މިލިއަން ރުފިޔާގެ ދިވެހި ލީގު! ކުޅުންތެރިޔަކަށް ލިބުނީ ކިހާވަރެއް؟
ސްޕޯޓްސް ޕޮލިޓިކްސް: 24 މިލިއަން ރުފިޔާގެ ދިވެހި ލީގު! ކުޅުންތެރިޔަކަށް ލިބުނީ ކިހާވަރެއް؟

ފުޓުބޯޅަ އެސޯސިއޭޝަންގެ އިންތިހާބު ކަށަވަރު ނުވުމާއި ކަރަޕްޝަންގެ މައްސަލަތަކަކީ ގިރާވަރު
ސިއްރެކެވެ! މިފަދަ ވާހަކަތަކަކީ ބޯއިކޮޓް ކޮށްފާނެ ކަމުގެ ބިރުގައި، ހަމައެކަނި ނޫސްތަކުގެ ހަވާސާގައި
ލިޔެވޭ ވާހަކަތަކެވެ. މި ވަގުތު ވެސް ބައެއް މީޑިއާ އޮތީ މި ޒާތުގެ ބޯއިކޮޓެއްގެ ދަށުގަ އެވެ. އައު ސީޒަނެއް
ފެށޭއިރު، ބަޖެޓާއި ކުޅުންތެރިންގެ މުސާރައިގެ ވާހަކައަކީ ސަޕޯޓަރުން ދެނެގަންނަން ބޭނުންވާ
ކަންކަމެވެ. ކުރީގެ ސީޒަނަށް، ކްލަބަކަށް 3،000،000ރ. ގެ "މާލީ އެހީ" ދިނުމަށް ފަހު، އައު ސީޒަން
ކްލަބްތަކަށް ދޫކުރާ މާލީ އެހީގެ އަދަދުތައް ހާމައެއް ނުކުރެ އެވެ. އެފްއޭއެމްގެ ބަޖެޓަކީ 241 ކޮމިޓީން،
ދައުލަތުގެ ސިއްރު އެއްބަސްވުން ދައްކާ ގޮތަށް، ޕްރޮޖެކްޝަނަކުން ފެނިގެއްލިދާ އަދަދުތަކެކެވެ. މި ހާލަތަށް
އެސޯސިއޭޝަން ސިއްރު ވެރިވެފައި މި އޮތީ އިންތިހާބު ކަށަވަރު ނުކުރެވޭތީ އެވެ. އެފްއޭއެމްގެ އިންތިހާބު
ކަށަވަރު ނުކުރެވޭ މައްސަލައަކީ ރައްޔިތުންގެ މަޖިލިހުގައި ވެސް ބަހުސް ކުރެވިފައިވާ މައްސަލައެކެވެ.

ސްޕޯޓްސް ޕޮލިޓިކްސް: 24 މިލިއަން ރުފިޔާގެ ދިވެހި ލީގު! ކުޅުންތެރިޔަކަށް ލިބުނީ ކިހާވަރެއް؟
ސްޕޯޓްސް ޕޮލިޓިކްސް: 24 މިލިއަން ރުފިޔާގެ ދިވެހި ލީގު! ކުޅުންތެރިޔަކަށް ލިބުނީ ކިހާވަރެއް؟

ނިމިގެންދިޔަ ސީޒަނަކީ ތާރީހީ ސީޒަނެކެވެ. ދެ އަހަރު ހުރަސް ކުރާ ގޮތަށް ފުރަތަމަ ފަހަރަށް ސީޒަން
ތާވަލްކޮށް، ކްލަބް ހިންގުން ތަރައްގީ ކުރުމަށް ލީގުގެ އަށް ކްލަބަށް، ކޮންމެ ކްލަބަކަށް ތިން މިލިއަން
ރުފިޔާ ދޫކުރި އެވެ. ކުޅުންތެރިންގެ އެވްރެޖް މުސާރައަކީ މަހަކަށް 5،000-10،000ރ. އާ
ދެމެދުގެ އަދަދެއް ކަމުގައި އަންދާޒާ ކުރެވޭއިރު، މުސާރަ ކެޕް ކޮށްފައި އޮތީ މަހަކު 35،000ރ. އަށް
ކަމަށް ބެލެވެ އެވެ. ދިވެހި ލީގް އަގުކޮށް، މުސާރަތައް ދެނެގަތުމަކީ، އެސޯސިއޭޝަންގެ އެންމެ އަގުހުރި
ސްޕޯޓްސް ޕްރޮޕަޓީ ކަމަށްވާ ދިވެހި ލީގަށް އިންވެސްޓް ކުރަން ތިބި ފަރާތްތަކަށް ބޭނުންތެރި މައުލޫމާތު
ކަމަށް ވެސް ވާނެ އެވެ.

ސްޕޯޓްސް ޕޮލިޓިކްސް: 24 މިލިއަން ރުފިޔާގެ ދިވެހި ލީގު! ކުޅުންތެރިޔަކަށް ލިބުނީ ކިހާވަރެއް؟
ސްޕޯޓްސް ޕޮލިޓިކްސް: 24 މިލިއަން ރުފިޔާގެ ދިވެހި ލީގު! ކުޅުންތެރިޔަކަށް ލިބުނީ ކިހާވަރެއް؟

ފީފާ އިން އަހަރަކަށް ދޫކުރީ ދޮޅު މިލިއަން ޑޮލަރު ކަމުގައި ބަލައި އެ މަގުން ހިސާބު ހަދައި، ޖަމިއްޔާގެ އަހަރީ ބަޖެޓް 100،000،000 (ސަތޭކަ މިލިއަން ރުފިޔާ) އަށް އަރާއިރު، ބަޖެޓްގެ 75 ޕަސެންޓް ދައުލަތުން
ހިއްސާ ކުރާނެ ކަމަށް ބެލެވެ އެވެ. ސްޕޮންސަޝިޕުން ލިބޭ އަދަދެއް ސާފެއް ނުވެ އެވެ. އެފްއޭއެމަކީ ނުހަނު
ސިއްރުވެރި ޖަމާއަތެކެވެ!

ކޯވިޑް-19 ޕެންޑެމިކާ ގުޅިގެން ފީފާ އިން 1.5 ބިލިއަން ޑޮލަރުގެ ގްރާންޓް އެހީ އާއި ލޯން 2020 ގައި
ދޫކުރި އެވެ. އެއްމިލިއަން ޑޮލަރު ވަގުތުން ދޫކުރި އެވެ. އަންހެނުންގެ ފުޓުބޯޅަ ކުރިއެރުވުމަށް 500،000
(ބައި މިލިއަން ޑޮލަރު) ދޫކުރި އެވެ. މީގެ އިތުރުން، ވާލްޑްކަޕްގެ ފައިދާ އިން އަހަރަކަށް ދޫކުރާ
1،500.000 ޑޮލަރު ވެސް ކުރިއަށް ވުރެ ލުއިކޮށް، އަވަހަށް ދޫކުރި އެވެ. ވީމާ 2020 ގައި އެފްއޭއެމަށް ފީފާ އިން 3.5 މިލިއަން ޑޮލަރު ލިބުނެވެ. މީގެ އިތުރުން އެސޯސިއޭޝަންގެ އަހަރީ އާމްދަނީގެ 35 ޕަސެންޓާ އެއްވަރުގެ އަދަދަކަށް ލޯނު ވެސް ލިބޭގޮތް މެދުވެރި ކޮށްދިނެވެ. ލޯނެއް ނެގި ކަމަކަށް އަދި
އެނގިފައެއް ނުވެ އެވެ. އެފްއޭއެމަކީ ސިއްރުވެރި ޖަމާއަތެކެވެ!

ފީފާއާ ގުޅޭގޮތުން މި ފަހުން ފަލަ ސުރުހީތައް ފެނުނެވެ. އެމެރިކާގެ އެޓާނީ ޖެނެރަލް ލޮރެޓާ ލިންޗް،
ތަހުގީގު ކުރެއްވި ފީފާގެ އިސްވެރިންގެ 110 މިލިއަން ޑޮލަރުގެ މަނީ ލޯންޑަރިން އާއި ކަރަޕްޝަންގެ
ތުހުމަތުތައް ހަގީގަތަކަށް ވެ، 17 އަހަރު ވެރިކަން ކުރެއްވި ފީފާގެ ރައީސް ސެޕް ބްލެޓަ ޒިޔުރިކްގެ
ހޮޓެލް ރޫމެއްގައި ހުންނަވަނިކޮށް، ފުލުހުން ވަދެ ހައްޔަރުކުރި އެވެ. އެއީ 2015 ވަނަ އަހަރު އެވެ. މައްސަލަ
ދަނީ ކުރިޔަށެވެ! ޖޫން 2019 ގައި ކުރީގެ ޔޫއެފާގެ ރައީސް އަދި ފްރާންސްގެ ވާލްޑަކަޕް ފުޓުބޯޅަ
ލެޖެންޑް މިޝެލް ޕްލެޓިނީ އެ ގައުމުގެ އެންޓި ކަރަޕްޝަން ޕޮލިހުން ހައްޔަރުކުރި އެވެ. އެއީ 2022 އަށް
ގަތަރަށް ވާލްޑްކަޕް އެވޯޑް ކުރުމުގައި ފީފާގެ ރައީސް ސެޕް ބްލެޓައާއެކު ހިންގި ކަރަޕްޝަންގެ
މައްސަލައެއްގަ އެވެ. މި ވަގުތު ވެސް ޕްލެޓިނީ ހުންނެވީ ފަސް އަހަރަށް ފުޓުބޯޅަ އިން ސަސްޕެންޑް ކޮށްފަ އެވެ.

ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓަ ކަރަޕްޝަންގެ ތުހުމަތުގައި ސަސްޕެންޑް ކުރި ދުވަސްވަރު،
އެފްއޭއެމް އޮތީ އަނެއްކާވެސް ފީފާގެ "ނޯމަލައިޒޭޝަން ކޮމިޓީ" އެއްގެ ބެލުމުގެ ދަށަށް ވެއްޓި،
"ބަޣާވާތް" ގެ "އަހުލުވެރިން" ގެ އަތްދަށުވެފަ އެވެ. މި ފަހަރު އެ ކޮމިޓީގެ ވެރިޔަކަށް ފީފާ އިން އެޕޮއިންޓްކުރީ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހަންމަދު ޝަވީދެވެ. ޝަވީދު މި މަގާމަށް އެޕޮއިންޓްކުރީ ފީފާގެ
ތާރީހުގައި ވެސް ނުދެކޭ ފަދަ ކަރަޕްޝަންގެ މާސިންގާ ރާޅެއް އެ ޖަމިއްޔާ އަށް ބޯމަތިވެފައި އޮތް ވަގުތެއްގަ އެވެ. އާދެ 110 މިލިއަން ޑޮލަރުގެ ކަރަޕްޝަންގެ ރާޅެއްގެ ނިވަލުގަ އެވެ!

ނޯމަލައިޒޭޝަން ކޮމިޓީގެ ބެލުމުގެ ދަށުގައި ފުރަތަމަ އަހަރު (2015 ވަނަ އަހަރު) ބޭކާރުކޮށްލީ
ކަރަޕްޝަންގެ ޝޮކްގައި ހުއްޓުން އަރާފައި އޮތް ފީފާގެ ބްލައިންޑް ސްޕޮޓްގަ އެވެ! ނުފެންނަ ފަށުގައި އޮވެ،
ކުރިއަށް އޮތް އެފްއޭއެމްގެ އިންތިހާބަށް ތައްޔާރު ވުމުގެ ގޮތުން، ގާނޫނު ބައްޓަން ކޮށްލިކަން ހާމަވަނީ
އެ އަހަރު ކުޅިވަރުގެ ގާނޫނު 30/2015 ފާސްކޮށް، ކްލަބްތަކުގެ ރެޖިސްޓްރޭޝަން ހޯމް މިނިސްޓްރީން ނަގައި،
ސްޕޯޓްސް މިނިސްޓްރީ އަށް ބަދަލު ކޮށްލުމުންނެވެ. އަލަށް އުފެއްދި ކޮމިޝަނަރު އޮފް ސްޕޯޓްސްގެ ދަށަށް
ކްލަބްތައް ގެނައީ އެވެ. އެއިރު ވެސް، އަދި މިހާރު ވެސް އެންމެ ހޫނު ބަހުސް އުފެދިފައި ވަނީ އެފްއޭއެމްގެ
އިންތިހާބު ކަށަވަރު ނުކުރެވޭ މައްސަލަ އެވެ. އިންތިހާބު ކަށަވަރު ކުރާނީ ކިހިނެއްތޯ އެވެ؟ އައު ގާނޫނުގެ
ދަށުން އައްޔަންކުރި ސްޕޯޓްސް ކޮމިޝަނަރުންނަކީ އިންތިހާބުގެ މަފްހޫމް ވެސް ފަހުމް ނުކުރެވޭ
ބޭބޭފުޅުންކަން ތާރީހު ހެކިދެ އެވެ. މިއީ އައު ކަމެއް ވެސް ނޫނެވެ. އަދި މިކަން މިހެން އޮތްހާ ހިނަދަކު
އެފްއޭއެމްގެ އިންތިހާބު ކަށަވަރެއް ވެސް ނުކުރެވޭނެ އެވެ. ސްޓޭޓް މިނިސްޓަރު ގައުމީ ޓީމަށް ކުޅުއްވި އެވެ.
މިހާރު ފެންނަ ފޮޓޯތަކުން މިނިސްޓަރު ވެސް ގައުމީ ޓީމުން ފެނިދާނެ ފަދަ އެވެ!

ޖެހިގެން އައި 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފެންޓީނޯ
އިންތިހާބުވިތާ އެންމެ ތިން މަސް ދުވަސްތެރޭ އެފްއޭއެމްގެ އައު ރައީސަކަށް އަހްމަދު ތޯރިގް "އިންތިހާބު"
ކުރި އެވެ. ޒުވާބުގަނޑަކަށް ފަހު، ހަ މަސް ދުވަސް ފަހުން، ސެޕްޓެމްބަރު މަހު ރައީސް އަބްދުﷲ ޔާމިން ތަސްދީގު ކުރެއްވި އައު ގާނޫނާއެކު ބައްސާމް އަދީލް ޖަލީލަށް ރިޔާސަތު ބަދަލުވި އެވެ. ބައްސާމް ދެވަނަ ފަހަރަށް އިންތިހާބުވީ 2020 ވަނަ އަހަރުގެ ކޮވިޑް ލޮކްޑައުން ހުޅުވި، މީހުންނަށް ގޭގެ އިން ނުނިކުމެވި އުޅެނިކޮށް ހަފަތާއެއް ވެސް ނުވަނީހެވެ.

ފުޓުބޯޅަ އެސޯސިއޭޝަނާ ގުޅިގެން ކަރަޕްޝަންގެ ވާހަކަތައް ގިރާވަރު ސިއްރަށް ވެފައި އޮންނަނީ
ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެފްއޭއެމަކީ ސިއްރުވެރި ޖަމާއަތެކެވެ. އާއްމުން ދެކޭގޮތުގައި ކަންކަން
ސިއްރު ކުރަން އުޅުމަކީ "ވައްކަން" ކުރުމުގެ އަލާމާތެކެވެ. އެފްއޭއެމަކީ އެ ޖަމިއްޔާ އަށް ލިބޭ އާމްދަނީ ހާމަކުރާ ފަރާތެއް ނޫނެވެ. އޯޑިޓްކުރި ދުވަހެއް ނޭނގެ އެވެ. ވެއަތުވެ ދިޔަ ސީޒަނަށް ކްލަބްތަކަށް ދޫކުރި 24
މިލިއަން ރުފިޔާ ހަރަދުކުރި ގޮތާއި ކުޅުންތެރިންނަށް ލިބުނު ވަރެއް ވެސް ނޭނގެ އެވެ.

ކްލަބަކަށް ތިން މިލިއަން ރުފިޔާ ދޫކުރީ ޝަރުތުތަކަކާއެކު އެވެ. މި އެއްބަސްވުމުގައި އެއްކޮޅުން
ސޮއިކުރެއްވީ އެސޯސިއޭޝަންގެ ރައީސެވެ. ކްލަބްގެ ފަރާތުން ސޮއިކުރި މަސްއޫލު ފަރާތްތަކުގެ
ލިސްޓެއް ހާމައެއް ނުކުރެ އެވެ. އެނގެނީ ހަމައެކަނި ފައިސާ ލިބުނު ކްލަބްތަކުގެ ނަމެވެ. އެއީ މާޒިއާ،
ވެލްނެސިއާ، ގްރީން ސްޓްރީޓް، އީގަލްސް، ގްރާންޑޭ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް، ޓީސީ އަދި ޔުނައިޓެޑް
ވިކްޓަރީ އެވެ.

ތިން މިލިއަން ރުފިޔާ 22 ކުޅުންތެރިންނަށް ހަމަހަމަ އަށް ބަހާލައިފި ނަމަ ކުޅުންތެރިއަކަށް، މަހަކަށް
11،300ރ. ޖެހެ އެވެ. މިއީ ޓޫރިޒަމް ފަދަ ބޭސިކް ވޭޖް އެންމެ ބޮޑު ކެޓަގަރީގައި ހިމެނޭ
މުވައްޒުފުންނަށް ސަރުކާރުން ކެޕް ކޮށްފައިވާ އަދަދަށް ވުރެ 30 ޕަސެންޓް ބޮޑު އަދަދެކެވެ.
އެހެން ނަމަވެސް، މި ފައިސާ ކުޅުންތެރިންނަށް މިގޮތަށް ބަހައި ނުލެވޭނެ ކަމީ ވެސް ދެނެގަންނަންޖެހޭ ކަމެކެވެ. އެއީ މާލީ އެހީ ދިނުމުގެ އެއްބަސްވުމުގައި، އެހެނިހެން އެތައް ޝަރުތުތައް ވެސް ހިމަނާފައިވާތީ އެވެ.

މިސާލަކަށް، ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމަކާއި އަންހެންކުދިން ފުޓުބޯޅަ އަށް އަހުލުވެރި ކުރުވުމުގެ
ޕްރޮގްރާމެއް ހިންގަން ޖެހެ އެވެ. އެކެޑަމީއެއް ހިންގަން ޖެހެ އެވެ. ފައިނޭންޝަލް ރިޕޯޓެއް ހުށަހަޅަން ޖެހެ އެވެ. ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގަން ޖެހެ އެވެ. ޝަރުތުތައް ފުރިހަމަ ކުރުމަށް ގާތްގަނޑަކަށް 30 ޕަސެންޓް ނުވަތަ 900،000ރ. ހަރަދުކުރި ނަމަވެސް ކުޅުންތެރިއަކަށް މަދުވެގެން 7،900ރ. ދެވޭނެ އެވެ. މިއީ ސެމީ ޕްރޮފެޝަނަލް ރޭންޖްގެ މުސާރަ އެކެވެ. އެހެން ނަމަވެސް މިނިމަމް ވޭޖަށް ވުރެ 3،400ރ. މަތި އަދަދެކެވެ.

ފީފާ އިން އެސޯސިއޭށަނަށް ދޭ ގްރާންޓް ފައިސާއާ ބެހޭގޮތުން އަރާފައިވާ ބައެއް އޮޅުންތަކާ މެދު
ފުޅާ ނަޒަރަކުން ވިސްނައިލަން ޖެހެ އެވެ. އެސޯސިއޭޝަނުން ދައްކާ މަންޒަރުން ހީވެފައި މި އޮންނަނީ ފީފާ އިން ދޭ ފައިސާއަކީ ސަރުކާރާ ގުޅުން އޮތް ކަމެއް ނޫން ކަމަށެވެ. މިއީ ވަރަށް ބޮޑު އޮޅުމެކެވެ. ފުޓްބޯލް
އެސޯސިއޭޝަން އޮފް މޯޅްޑިވްސް އަށް މި ފައިސާ ލިބެނީ ދައުލަތުގެ ސަވަރިން ޝަހުސަކަށް ވާތީ އެވެ.

ފީފާ އާއި ސަރުކާރުގެ ވިސްނުން އެއްގޮތްވާ އަސާސެއް އޮވެ އެވެ. އެއީ ގައުމެއްގައި ދެ ފުޓުބޯޅަ
އެސޯސިއޭޝަނެއް އޮވެގެން ނުވާނެ ކަމެވެ. ވީމާ އެފްއޭއެމަކީ މޮނޯޕޮލީއެކެވެ! ސަރުކާރާއި ދައުލަތުން
ހިމާޔަތް ކޮށްދީފައިވާ ސަވަރިން ޝަހުސެކެވެ. މިސާލަކަށް ފީފާ ގްރާންޓް ފައިސާ އިން އެފްއޭއެމް ހައުސް
އަޅަން ދައުލަތުން ބިން ގެރެންޓީ ކޮށްދީފައި ވަނީ ކުއްޔަކަށް ނޫނެވެ. ހިލެ އެވެ. ކަނޑައެޅޭ މުއްދަތެއް ހަމަވުމުން ފީފާ އާއި ދިވެހި ދައުލަތާ ދެ ބަސްވުމެއް ނުއުފެދޭހާ ހިނދަކު ދައުލަތުން ފީފާ އަށް ދީފައިވާ "ސަވަރިން ގެރެންޓީ" ދަމަހައްޓަމުން ގެންދާ އުސޫލުންނެވެ.

އެކަމަކު، މި ވަގުތު ވެސް ފެންނަނީ އޮޅުންބޮޅުމާއި ކަރަޕްޝަންގެ މަންޒަރުތަކެކެވެ. އެފްއޭއެމް
ހައުސްގައި ސިޔާސީ ޕާޓީއެއްގެ ހަރުގެއެއް ހިންގުމަށް ފަހު، މިހާރު އެ ވަނީ ކޯވިޑް-19 ހަރުގެއަކަށް
ދޫކޮށްފަ އެވެ. މިކަމާ ވެންޓިލޭޓަރު މައްސަލައާ ގުޅުމެއް ނޯވެދާނެ ކަމަށް ފެނުނު ނަމަވެސް ކަމަކީ އައިބު
ކަމެކެވެ. އަދި އެސޯސިއޭޝަންގެ "ރައީސް" ގެ އޮފީސްކޮޅު ގަލޮޅު ދަނޑުގެ ރޮސްޓަރަމް މައްޗަށް
ބަދަލުކޮށް، އިދާރީ މަސައްކަތަށް ޗާންދަނީ މަގުން ތަނެއް ކުއްޔަށް ހިފައި، އެފްއޭއެމް ހައުސް ތަޅައިލައި 20
ބުރިއަށް އުފުލައިލަން ހުއްދަ ދިނުމަކީ ފުޓުބޯޅަ ހިންގުމުގެ އިންތިޒާމުތައް ހަމަނުޖެއްސޭ، އިންތިހާބު ކަށަވަރު
ނުކުރެވޭ ސަވަރިން ޝަހުސަކަށް، ޑިމޮކްރެޓިކް ގައުމެއްގައި، ލަދުވެތި ކަމެއް ކަމުގައި ނޫނީ ނުވާނެ އެވެ.
ކަރްޕްޝަނެވެ! އެކަމަށް "ޒީރޯ ޓޮލަރަންސް" އޮތް ކުށެކެވެ!

ދިވެހި ސަރުކާރުން ފުޓުބޯޅަ އަށް ކުރާ ހަރަދު ފީފާ އިން ބަލައިގަނެ، ދިވެހި އެސޯސިއޭޝަނަކީ ދަރާނެ
މުއައްސަސާއެއް ނޫން ކަމުގައި ވެސް އެ ޖަމިއްޔާ އިން ފަހުރުވެރިކަމާއެކު ބުނެފައިވެ އެވެ. އެއީ ސަރުކާރުން
ކުރާ ހަރަދަށް މަރުހަބާ ކިޔުމުގެ ގޮތުންނެވެ. މިއީ ފީފާ އިން ރާއްޖޭގެ އެސޯސިއޭޝަނަށް ދޫކުރާ
ގްރާންޓް ފައިސާއާ ބެހޭގޮތުން އެންމެ ފުޅާކޮށް ވިސްނައި ލުމުން ޔަގީންވާ ކަންކަމެވެ.

ފުޓުބޯޅަ އެސޯސިއޭޝަންގެ އިންތިހާބު ކަށަވަރު ކުރަން ގޮވައިލުމަކީ ފުޓުބޯޅައާ ދެކޮޅު އަމަލެއްގެ ގޮތުގައި
ސިފަކޮށް، އެ އިލްޒާމުން ރެކެން އުޅުމަކީ އަބަދަކު ކުރެވޭނެ ކަމެއް ނޫނެވެ. އެފްރިކާގެ ގައުމުތައް ފީފާ އިން
ސަސްޕެންޑް ކުރުމާ ގުޅިގެން ފީފާ ހެޑް އޮފް މީޑިއާ ޑިޕާޓްމެންޓް، އޮންޑްރިއާސް ހެރަން ވިދާޅުވި ބަސްފުޅު
އިބުރަތްތެރި އެވެ؛

ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސާއި ކޮމިޝަނަރު އޮފް ސްޕޯޓްސް އާއި ކުޅިވަރު ވަޒީރަށް ސާބަސްފުޅެވެ!