11 ޖެނުއަރީ 2022 - 23:00

ރާއްޖެއިން ކޮވިޑް-19 އަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 593 މީހުން ޕޮޒިޓިވްވެއްޖެ އެވެ. މިއީ މިފަހުން ކޮވިޑްގެ ކޭސްތައް 500 އިން މައްޗަށް އަރައިގެން ދިޔަ ފުރަތަމަ ފަހަރެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން 199 މީހުންނާއި ރަށްރަށުން 197 މީހެއްގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 124 މީހެއް ކަމަށެވެ.
މިއީ މުޅި ރާއްޖެއިން ކޮވިޑަށް ޓެސްޓްކުރި 5،818 ސާމްޕަލްގެ ތެެރެއިން ޕޮޒިޓިވްވި މީހުންނެވެ. އެޗްޕީއޭ އިން ބުނި ގޮތުގައި އޭގެ ތެރެއިން 2،761 ސާމްޕަލް ނެގީ މާލޭ ސަރަހައްދުންނެވެ.
މާލޭގެ ޕޮޒިޓިވިޓީ ރޭޓް މިވަގުތު ހުރީ 7 ޕަސެންޓްގަ އެވެ. އެހެންވެ މާލޭގައި މިވަތު ތިބި މީހުންނަށް އެހެން ރަށްރަށަށް ދެވޭނީ ޕީސީއާރު ނެގެޓިވް ނަތީޖާއަކާ އެކު އެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު 99،099 އަށް އެރީ ކަމަށެވެ. އެކްޓިވް ކޭސްތަކުގެ އަދަދު ހުރީ 4،320 ގަ އެވެ. އަދި މިވަގުތު 20 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު ރާއްޖެއިން މި ބަލީގައި 264 މީހަކު ވަނީ މަރުވެފަ އެވެ.
ރާއްޖޭގެ ކޮވިޑްގެ ކޭސްތައް މިހާ ބޮޑަށް އިތުރުވެފައި މިވަނީ ކޮވިޑްގެ އާވޭރިއަންޓް، "އޮމިކްރޯން" ފެނުނު ފަހުންނެވެ. އެޗްޕީއޭ އިން ލަފާކުރާ ގޮތުގައި މިމަހުގެ ފަހުކޮޅު ވަރަށް ބޮޑަށް ކޭސްތައް އިތުރުވެގެންދާނެ އެވެ.
އެއް ދުވަހުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިދިޔަ އަހަރު އިތުރުވީ، އޭރު އެންމެ ހަލުއިކޮށް ފެތުރުނު ޑެލްޓާ ވޭރިއެންޓްގެ ސަބަބުންނެވެ އޭރު ހާލަތު ގޯސްވީ މާލޭ ސަރަހައްދުގައި އެކަނި ނަމަވެސް އޮމިކްރޮން ވޭރިއެންޓް ފެނުނު ފަހުން، ރަށްރަށުގެ ކޭސްތަކާ އެއްކޮށް މުޅި ރާއްޖޭގެ ހާލަތު ވެސް ގޯހެވެ.