15 ޑިސެމްބަރ 2016 - 11:42

ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ސައިކަލުގެ ވިޔަފާރި ކުރާ ޝީޝާ ކުންފުނީގެ އެއް ވެރިޔާ، އަހުމަދު ހަސަން މަނިކު، ގއ. ގެމަނަފުށީގައި 10 މިލިއަން ރުފިޔާ ހޭދަކުރައްވައިގެން ތަފާތު ރީތި މިސްކިތެއް އިމާރާތްކުރައްވައި، ރައްޔިތުންނާ ހަވާލުކުރައްވައިފި އެވެ.

މިއީ ރަށުގެ އާބާދީ އަށް އެކަށީގެންވާ ވަރުގެ މިސްކިތެއް ނެތުމުން ބައެއް ފަހަރަށް މިސްކިތުން ބޭރުގައި ނަމާދު ކުރަން ޖެހިފައިވާ އެ ރަށުގެ ރައްޔިތުންނަށް އޭނާ ދެއްވި އަގުބޮޑު ހަދިޔާއެކެވެ.

ރައީސް އަބްދުﷲ ޔާމީން ގެމަނަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި މިދިއަ އަންގާރަދުވަހު މަސްޖިދުލް އިބްރާހިމް ވަނީ ހުޅުއްވައި ދެއްވައިފަ އެވެ.

އަހުމަދު ވިދާޅުވީ ރާއްޖޭގެ ކޮންމެވެސް ރަށެއްގައި މިސްކިތެއް އަޅުއްވުމަކީ އޭނާގެ އުއްމީދެއް ކަމަށެވެ. އެގޮތުން ވަކި ރަށެއް ކަނޑައެޅުއްވީ އިސްލާމިކް މިނިސްޓްރީން މައުލޫމާތު ސާފުކުރެއްވުމަށް ފަހު ކަމަށް ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވި ގޮތުގައި ސަރުކާރުން މިސްކިތް އަޅަން ޕްލޭންކޮށް އެކަމަކު ފަންޑު ހަމަޖެހިފައިނުވާ ރަށްރަށާއި ރަނގަޅު މިސްކިތެއް ނެތް ރަށްތައް ބެއްލެވި އިރު، އޭނާގެ އަނބިކަނބަލުންގެ އުފަން ރަށް ގެމަނަފުށި އޮތީ އެ ލިސްޓްގަ އެވެ.

އެހެންކަމުން އޭނާ ހިޔާރުކުރެއްވީ ގެމަނަފުށީ ރައްޔިތުންނަށް މިސްކިތެއް ހަދިޔާ ކުރެއްވުމަށް ކަމަށް އަހުމަދު ވިދާޅުވި އެވެ.
ގާތްގަނޑަކަށް 750 މީހުންގެ ޖާގައިގެ މިސްކިތް މިދިއަ އަންގާރަދުވަހު ރަސްމީކޮށް ހުޅުވި ނަމަވެސް މިދިޔަ ޖޫން މަހުން ފެށިގެން އެތަނުގައި އަންނަނީ ނަމާދުކުރަމުންނެވެ.
"ގެމަނަފުށީގައި މިއޮތް ހުރިހާ ދުވަހު ހުރީ ވަރަށް ކުރީގެ ބާ މިސްކިތްތަކެއް. ހުކުރު ނަމާދާއި އީދު ނަމާދު ކަހަލަ ޖަމާއަތް ބޮޑު ނަމާދުތަކުގައި މިސްކިތުން ޖާގަ ނުލިބިގެން މީހުން ތިބެނީ ބޭރުގައި. އެހެންވެ، އަޅުގަނޑާ ގުޅުމެއް އޮތް ރަށަކަށް ވުމާ އެކު ބޭނުންވީ މި ރަށުގައި މިސްކިތެއް އަޅަން،" އަހުމަދު ވިދާޅުވި އެވެ.
މީގެ ތިން އަހަރު ކުރިން އަޅަން ފެށި މިސްކިތް ޑިޒައިންކޮށްފައިވަނީ އަހުމަދުގެ އަމިއްލަ ވިސްނުމަށެވެ. ތަފާތެއް ގެނައުމުގެ ގޮތުން، އޭނާ ވަނީ ރާއްޖޭގެ އެހެން މިސްކިތްތަކުގައި ނުހުންނަ ގޮތަށް މިހުރާބުގެއެއް ވެސް ހަދާފަ އެވެ.
ގާތްގަނޑަކަށް 1،500 މީހުންގެ އާބާދީއެއް އޮންނަ ގެމަނަފުށީގެ 80 ޕަސެންޓް މީހުން ދިރިއުޅެނީ ރަށުގަ އެވެ. އެހެންވެ، ހުކުރު ނަމާދު ފަދަ ނަމާދުތަކުގައި މިސްކިތް އަބަދު ވެސް ފުރެ އެވެ.
އަހުމަދު ވިދާޅުވީ އާ މިސްކިތް އެޅުމުގައި ހޫނުކަން ވީހާ ވެސް މަޑުވާ ގޮތަށް އިމާރާތްކުރަން އިސްކަން ދެއްވި ކަމަށެވެ. އެގޮތުން ވެންޓިލޭޝަންތައް ހަރުކޮށް، އެއް ފަހަރާ ގިނަ ބަޔަކަށް، ފަސޭހައިގައި ނަމާދުކުރެވޭ ގޮތް ހައްދަވަން ވިސްނެވި ކަމަށް ވެސް ވިދާޅުވި އެވެ.
އޭގެ އިތުރުން ކަރަންޓުގެ ހަރަދު ކުޑަކުރުމުގެ ގޮތުން މުޅި މިސްކިތުގައި ލެޑު ލައިޓް ހަރުކުރި އިރު، އަންހެނުންނަށް ހާއްސަ ބައެއް ވެސް ވަނީ ހަދައިފަ އެވެ.
"ދެން މި މިސްކިތަށް އަރާ ސިޑިބަރި އެއީ ވަރަށް ފާހަގަކޮށްލެވޭ ތަނެއް. މިއިން ކޮންމެ ސިޑިއެއް ވެސް މިއީ ތައިލެންޑުން ވަކިން ހައްދައިގެން ގެނައި އެއްޗެއް،" އަހުމަދު ވިދާޅުވި އެވެ.
"ރަށުގެ ހުރިހާ ރައްޔިތުން ވެސް އަޅުގަނޑުގެ މި މަސައްކަތް ބަލައިގެން،" އަހުމަދު ވިދާޅުވި އެވެ.