މަގުބޫލުކަން ކުޑަވީމަ ލިންކްޑްއިން އަށް މި މަހު އޯޑިއޯ ފީޗާއެއް
މަގުބޫލުކަން ކުޑަވީމަ ލިންކްޑްއިން އަށް މި މަހު އޯޑިއޯ ފީޗާއެއް

މަގުބޫލުކަން ކުޑަވެގެން ލިންކްޑްއިންގެ "ސްޓޯރީޒް" ފީޗާ މިދިޔަ އަހަރު ހުއްޓާލާފައި ވަނިކޮށް، އެއަށް "ލިންކްޑްއިން ލައިވް" ގެ ނަމުގައި އޯޑިއޯ ފީޗާ މި މަހުގެ ތެރޭގައި ތައާރަފު ކުރަން ތައްޔާރުވެއްޖެ އެވެ.

ލިންކްޑްއިން ކޯޕަރޭޝަނުން ބުނި ގޮތުގައި މިދިޔަ އަހަރުގެ މާޗް މަހު އެ ފީޗާ ޓެސްޓްކުރަން ފެށުމަށް ފަހު، މިހާތަނަށް އައި އިރު ވަރަށް ކާމިޔާބު ކަމަށް ދައްކާތީ މިހާރު ނިންމާފައި އޮތީ މި މަހު ފަހުކޮޅު އޯޑިއޯ ފީޗާ ތައާރަފުކުރާށެވެ. މިއާ އެކު ލިންކްޑްއިން މެދިވެރިކޮށް މުއާމަލާތްކުރުމަށް ވަރަށް ބޮޑު ފަސޭހައަކާއި ލުއެއް ލިބިގެން ދާނެ އެވެ.

ކްލަބްހައުސް އަކީ މި ރޮނގުން ބަލާ އިރު މިހާރު ވަރަށް ކާމިޔާބު އެޕެކެވެ.

ލިންކްޑްއިންގެ ވީޑިއޯ/ކްރިއޭޓާސް/އިވެންޓްސްގެ ލީޑްގެ ޖޭކް ޕޯޒެސް ވިދާޅުވި ގޮތުގައި އޭގެ އޯޑިއޯ ފީޗާ އަކީ ވަރަށް ފުޅާކޮށް އެކި ފެންވަރުގެ "ބައްދަލުވުންތަކަށް" ހުޅުވޭ ވަރަށް ހާއްސަ ދޮރަކަށް ވާނެ އެވެ. ވަކިން ހާއްސަކޮށް މި ފީޗާއާ އެކު ޕްރޮފެޝަލް މީހުންގެ މެދުގައި ކުރެވޭ މުއާމަލާތްތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ދާނެ އެވެ.

"މިއީ ހަގީގަތުގައި ވެސް ކުރިއަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއް،" ޖޭކް ވިދާޅުވި އެވެ. "ވަކިން ހާއްސަކޮށް ވާޗުއަލް އިވެންޓްތަކަށް ލިބިގެން ދާނެ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ."

މައިކްރޮސޮފްޓްގެ ދަށުން ހިންގަމުން އަންނަ ލިންކްޑްއިން ތައާރަފުވީ މީގެ 18 އަހަރު ކުރިން މެއި 5، 2003 ގަ އެވެ. އެ ބޭނުންކުރާ މީހުންގެ އަދަދު މިހާރު 770 މިލިއަނަށް ވުރެ ގިނަ އެވެ.