ޕީސީއާރު ޓެސްޓުގެ އަގު ކޮންޓްރޯލްކުރުމުގެ މަޝްވަރާއެއް ނުކުރޭ
ޕީސީއާރު ޓެސްޓުގެ އަގު ކޮންޓްރޯލްކުރުމުގެ މަޝްވަރާއެއް ނުކުރޭ

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވޭތޯ ބެލުމަށް އަމިއްލަ ކްލިނިކްތަކުން ހަދައިދޭ ޕީސީއާރު ޓެސްޓްގެ އަގު ކޮންޓްރޯލްކުރުމަށް މި ވަގުތު އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޕީސީއާރު ޓެސްޓުގެ އަގު ކޮންޓްރޯލްކުރުމުގެ މަޝްވަރާއެއް ނުކުރޭ
ޕީސީއާރު ޓެސްޓުގެ އަގު ކޮންޓްރޯލްކުރުމުގެ މަޝްވަރާއެއް ނުކުރޭ

އެ މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި "މިހާރު" އިން ކުރި ސުވާލެއްގެ ޖަވާބުގައި ހެލްތުގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ވީހާ ވެސް އަގުހެޔޮކޮށް ޓެސްޓުކުރެވޭނެ ފުރުސަތު ތަނަވަސްކޮށްދިނުން ކަމަށެވެ. އެހެންވެ، މިނިސްޓްރީން ހިތްވަރު ދެނީ ގިނަ ލެބޯޓްރީތަކުން ކޮވިޑަށް ޓެސްޓުކުރަން ފަށައި އަގު ދަށަށް ދިއުން ކަމަށް ޑރ. ޝާހު ވިދާޅުވި އެވެ.

ޕީސީއާރު ނެގެޓިވް ނަތީޖާއަކާ އެކު ނޫނީ މާލެއިން ރަށްރަށަށް ދަތުރުނުކުރެވޭ ގޮތަށް އަލުން ހަމަޖެއްސުމާ އެކު ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. މާލޭގައި މި ވަގުތު ހިލޭ ކޮވިޑަށް ޓެސްޓުކުރެވެނީ އައިޖީއެމްއެޗުންނެވެ. ކްލިނިކްތަކާއި ލެބޯޓްރީތަކުން ކޮވިޑު ޓެސްޓް ހަދައިދެނީ 400 އަށްވުރެ ބޮޑު އަގެއްގަ އެވެ.

އެއް ބަޔަކު ތުހުމަތުކުރާ ގޮތުގައި 72 ގަޑިއިރުނުވާ ޕީސީއާރުގެ ނެގެޓިވް ޓެސްޓު ހަދަން މަޖުބޫރުކުރަނީ، އެ ނިންމުންތައް ނިންމާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ މެމްބަރުންގެ މަސްލަހަތު ހިމެނޭ ކްލިނިކްތަކާއި ލެބޯޓްރީތަކަށް ފައިދާ ހޯދައިދޭށެވެ.

އެކަމުގެ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވާ އެއްބޭފުޅަކީ ޓެގްގެ ލީޑަރު ޑރ. އަލީ ލަތީފެވެ. އޭނާއަކީ ކޮވިޑަށް ޓެސްޓް ހަދައިދޭ އެންމެ ވަރުގަދަ އެއް ލެބޯޓަރީގެ ހިއްސާ ކުރިން އޮތް، އެ ތަން އުފެއްދުމުގެ އެއް ބާނީ އެވެ. ކޮވިޑްގެ ތެރޭގައި، އޭނާގެ ހިއްސާ އޮތީ ބަދަލުކޮށްފަ އެވެ.

ޑރ. ޝާހު ވިދާޅުވީ ލެބޯޓްރީގައި ބޭނުންކުރާ މެޝިންތަކަކީ އަގު ބޮޑު އެއްޗިއްސަށް ވުމުން ރާއްޖެ އާއި ބޭރުގައި އޭގެ އަގު ތަފާތުވާ ކަމަށެވެ. އިތުރު ތަންތަނަށް ހުއްދަ ދެވޭނެ ގޮތްތައް މިހާރު ބަލަމުން އަންނަކަމަށް އޭނާ ވިދާޅުވި އެވެ.

ވިދާޅުވީ ސަރުކާރުން ކަނޑައަޅާ މިންގަނޑުތަކަށް ސިއްހީ ހިދުމަތްދޭ ތަންތަން ބަހައްޓާނަމަ ރިސްޓްރިކްޝަނެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް މަސްލަހަތު ފުށުއަރާނަމަ، އެ ފަދަ މައްސަލައެއްގައި ގޮތް ނިންމާއިރު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ނުވާނެ ކަމަށާއި ނިންމުންތައް ނިންމާނީ އެހެން ބޭފުޅުންގެ މަޝްވަރާއާއެކު ކަމަށް ޑރ. ޝާހު ވިދާޅުވި އެވެ.

"އަގު ކޮންޓްރޯލްކުރުމުގެ މަޝްވަރާއެއް މިނިސްޓްރީއަކުން ނުގެންދޭ. އެކަމަކު މިނިސްޓްރީން ތަފާތު އެކި ގޮތްގޮތަށް ޓެސްޓުތައް އިންޓްރޮޑިއުސްކުރުމާއި އެންޓިޖެން ޓެސްޓުތައް އެ ކަހަލަ މަސައްކަތްތަކެއް މިހާރު ކުރެވެގެން ދޭ،" ޑރ. ޝާހު ވިދާޅުވި އެވެ.

އެޗްޕީއޭގެ މެޑިކަލް އޮފިސަރު، ޑރ. ނަޒްލާ ރަފީގް ސިއްހީ ހިދުމަތްދޭ ތަނަކަށް ހުއްދަދޭއިރު އަބަދު ވެސް ބަލަނީ ސްޓެންޑާޑް ތަކަށް ކަމަށެވެ. އެކަން ކުރަމުން އަންނަނީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުންކަން ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ.