ކަޅު ސަފުހާ
ކަޅު ސަފުހާ

އާދިއްތަ ދުވަހާ ގުޅޭ

"އަހަރުމެން ފީކޯއިކުޅެ، ކޮރާކުޅެ، ގަނޑުފިއްލާ ވެސް ކުޅެން،" އަޒްރާ ކިޔައިދޭން ފެށިއެވެ. "ހުސް އެއްވަރުގެ އަންހެންކުދިން އުޅޭނީ. މަންމަ ބުނާނެ ބޭރު ގޭގެއަށް ނުދާށޭ! ރައްޓެހިކުދިންނާ އެކީ ގޭގަ ކުޅެން ތިބޭށޭ! އަހަރެން އެ އަޑެއް ނާހަން. އެ މައްސަލަ ބޮޑުވެގެން ގޮސް ބައްޕަޔާ ހަމައަށް ޝަކުވާ ހިނގައްޖެ. ދެން ބައްޕަ އެއްދުވަހަކު އަހަރެން ކައިރީގަ ބުނެފި ހިނގާބަލާށޯ މޫދަށް. އަހަރެން އޭރަކު އެއްވެސް ސުވާލެއް ނުކުރަން. ބައްޕަ ވިއްޔަ. މޫދަށް ގޮސް އަހަންނާ އެކީގަ ބައްޕަ ވެސް މޫދަށް އެރިއްޖެ. ބައްޕަ ހުންނާނީ މުންޑެއް އަނދެގެން. ދެން އަހަރެން އިސްކޮޅުނުޖެހެން ފެށީމަ ބުނާނެ ބައްޕަގެ ފައިގަ ހިފާއްޓައިގެން ހުންނާށޭ..."

އަނެއްކާ ވެސް އަޒްރާ ރޯން ފެށިއެވެ. ދެން ވީ ގޮތް ކިޔައިދޭން ބޭނުން ނުވީކަމެއް ނުވަތަ ހަނދާންނެތީކަމެއް އެކަކަށް ވެސް ނޭނގެއެވެ. އެނގޭ ކަމަކީ، އެކަކު ވެސް އިތުރު ތަފުސީލެއް ބޭނުން ނުވާކަމެވެ. ޖަލީލު އިނީ އެ ތަނުގައި އިނދެވުނު މޮޔަ ހިތަށްއަރައިފައެވެ. ބައްޕަ އެ ކަހަލަ ކަމެއް ކޮށްފާނެކަމަކަށް ޖަލީލު ދުވަހަކު ވެސް ހިތަކަށްނާރައެވެ. މަތީން ކަރުކެހިލިއެވެ.

"ނިމުނީތަ؟" ވާހަކަ ނިންމައިލުމުގެ ބޭނުމުގައި މަތީން އެހިއެވެ. "ގެއަށް އައިސް އިތުރު ކަމެއް ނުކުރޭ؟"

"ކުރޭ! ގެއަށް އައިސް، ދޮލަނގަކަށް ދޮންވެލި އަޅާފަ ބުނާނެ، ހުސްފައިގަ ވެލިތައް މައްޗަށް އަރާށޭ،" އަޒްރާ އަނެއްކާ ވެސް ކިޔައިދޭން ފެށިއެވެ. "ދެން އަހަރެން ބުނަން ކީއްހޭ ބައްޕަ ތި ކުރަނީ؟ ބުނީމަ ބުނާނެ، މަންމަ ބުންޏޯ ދަރިފުޅު މާ ގިނައިން ބޭރަށްދަނިއްޔޭ! އެހެންވެ ބޭރަށް ނުދެވޭ ގޮތެއް ހަދަންވެގެންނޯ މި އުޅެނީ."

އަޒްރާ ބައްޕަގެ "ފަންޑިތަ" އެ ހިސާބުން ވެސް ނިމުނީކީ ނޫނެވެ. ލޭގެ ގުޅުން ކިލަނބުކޮށް، އެ ލެއިން ކަރުހިއްކުން ފިލުވަން ވެސް އޭނަ ފަހަތަކަށް ނުޖެހުނެވެ. ކުރިޔަށް ހިނގައި ގޮސް، މުޑުދާރުކަމާއި ގޮތްކުޑަކަމުގެ ހުރިހައި އިމެއް ފަހަނައެޅިއެވެ.

"އެ ރޭ.. އަހަންނަށް ހޭލެވުނީ މީހަކު.. އަހަރެންގެ ކޮނޑުގަ ހިފައި މަގަތަށް.. ފުރޮޅަނިކޮށް،" ހުއްޓަހުއްޓައިފައި އަޒްރާ ކިޔައިދިނެވެ. "އަހަރެންގެ ކޮނޑު ނޫން އެހެން ތަނެއްގަ.. އަތްލި ހަނދާނެއް ނުވޭ. އެ މީހާގެ މޫނު ފެންނަ އިރަށް އަހަރެން ހަޅޭއްލަވައިގަތީ. އެއީ ވެސް ބައްޕަ. އަހަރެން ހަޅޭއްލަވާ އަޑަށް ކޮއްކޮ ހޭލައިފި. އޭނަ އައި ގޮތަށް އައިސް ބައްޕަ ކޮއްޕާލީ! ބައްޕަ ވެއްޓުނު އަޑު އިވުނު. އަލުން ތެދުވެފަ ބައްޕަ ކަމެއް ކުރި ހަނދާނެއް ނުވޭ. އެކަމަކު.. އެކަމަކު.."

އަޒްރާއަކަށް ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ. ނިކަން ބޮޑަށް ދެލޯމަރައިލައިފައި ލޯ ހުޅުވައިލިއެވެ. ގާތުގައި ތިބި މީހުންނަށް ބަލައިލިއެވެ. އަޒްރާ ހިތަށްއެރިއެވެ. އެ ހިސާބަށް ބުނެފައި ދެން ނުބުނާނެކަމެއް ނެތެވެ.

"އެކަމަކު.. އަހަރެން ލައްވާ.. ކަންކަން ކުރުވާ!" އަޒްރާ އެހެން ބުނެފައި މޫނުގައި ދެއަތްއަޅައި، އެ ވަރުން ނުވެގެން ބަންޑުން ވެސް ޖެހުނެވެ. "ނަސީބެއް ހުރިހާ އެއްޗެއް ހަނދާންނުވާކަން."

އެ ހިސާބުން ރުގުޔާ ނިންމައިލުމަށް ޖަލީލު އިޝާރާތުން އެދުނެވެ. ނައުޝާދު ވެސް އެދުނެވެ. އެކަމަކު މަތީންގެ ނަޒަރުގައި އެއީ ނިމުމެއް ނޫނެވެ. ވީ ގޮތް އަޒްރާއަށް އެނގެންޖެހެއެވެ. ބައްޕަ ކުރި ކަންތަކާއި އަޒްރާގެ ޖިންނިމޮޔަވުމާ ހުރި ގުޅުން މަތީން ކިޔައިދޭން ޖެހެއެވެ. އަޑުއަހަން ކިތަންމެ އުނދަގޫ ވިޔަސް ވެހެއެވެ. ނިމޭނީ އެ ހިސާބުންނެވެ.

"ހެދި އެއްޗެއް ހަދާފަ ތިހިރީ، އޭނަ ކުރި ކަންތައް އަޒްރާގެ ހިތުން ފުހެލަން،" ވަރަށް ޔަގީންކަމާ އެކު މަތީން ބުންޏެވެ. "އެއީ އެއް ގޮތް. އަނެއް ގޮތަކީ، އެ މަސައްކަތް ތި އޮތީ ސައިތާނަކާ ހަވާލުކޮށްފަ."

މަސައްކަތޭ މަތީން ބުނީ، އަޒްރާ ގެއިން ބޭރަށް ނުކުތަ ނުދިނުމުގެ މަސައްކަތަށެވެ. ސިހުރުވެރިން ކަންކަންކުރަން ހަވާލުކުރަނީ ޖިންނިސައިތާނުންނާއެވެ. އިންސާނުންގެ ދިހަ ދަރިކޮޅު ނިމިގެންދާ އިރު ވެސް ޖިންނިއެއްގެ އަޖަލު ހަމަނުވެދާނެއެވެ. ފަހަރެއްގައި އަޖަލު ހަމަވިޔަސް، އޭނަގެ މުޅި އާއިލާއިން އެ ޒިންމާޔާ ހަވާލުވެ މަސައްކަތް ދަމަހައްޓާނެއެވެ. އަޒްރާ ކުރިން އިން މީހާގެ މައްސަލައަކަށްވީ އެހެން ގެއަކަށް އަޒްރާ ގެންދަން އުޅުމެވެ. ކުއްލި ގޮތަކަށް އޭނަ ނިޔާވުމަށް ފަހު، ހުރިހައި ކަމެއް ހިނގަމުންދިޔައީ ވަރަށް އޮމާންކޮށެވެ. އަޒްރާގެ ހަޔާތަށް ނައުޝާދު އަންނަންދެނެވެ.

ސައިތާނަކާ ހަވާލުކުރި ވާހަކަ މަތީން ބުނުމުން އަޒްރާ އެހެން ކަމެއް ހަނދާންވިއެވެ. އެ ވާހަކަ ވެސް ކިޔައިދިނެވެ. ކޮޓަރިއަށް ވަނީ ކީއްކުރަންތޯ ބައްޕަ ގާތުގައި އަޒްރާ އެހިއެވެ. ހަތަރުކަޅި ހަމަކޮށްފައި ބައްޕަޔާ ސުވާލުކުރިއެވެ. ވަންކަމަކަށް ބައްޕަ އެއްބަހެއް ނުވިއެވެ. ބައްޕަ ބުނި ގޮތުގައި އެ ރެޔަކު ބައްޕަ ގެއަކު ނޫޅޭނެއެވެ. އެއީ އެކުވެރިންނާ އެކު "ނައިޓް ފިޝިންއަށް" ދިޔަ ރެޔެކެވެ. އަޒްރާއަށް އެ ފެނުނީ ބައްޕަ ސިފައިގައި ހުރި އެހެން މަހުލޫގެކެވެ. ބައްޕަގެ ވާހަކައިން އެނގުނު ގޮތުގައި، އެ އެއްޗަށް ކޮޓަރިއަށް ވަދެވުނީ ބައްޕައަށް ކުރެވުނު ކަމަކުންނެވެ. އެ ކަމަށް ޓަކައި ތަކުރާރުކޮށް ބައްޕަ މާފަށްއެދުނު ވެސް މެއެވެ. ސުވާލުއުފެދެނީ މާފަށްއެދޭ ގޮތުންނެވެ. އަޒްރާ އެކަނި ހުންނަ ވަގުތަކު ނޫނީ، ދުވަހަކު ވެސް ބައްޕަ މާފަކަށް ނޭދެއެވެ. މަތީނަށް އެއިން ދޭހަވީ އެހެން މާނައެކެވެ. ބައްޕަ މާފަށްއެދެނީ ބައްޕައަށް ކުރެވުނު ކޮންމެވެސް ލަދުވެތިކަމަކަށެވެ. އެހެން ނުބުނެ އެރޭގެ މަސައްކަތް މަތީން ނިންމައިލިއެވެ.

ވާރޭވެހޭތީ މަތީން ގޭގައި ބަންދުވެފައި އިން ދުވަހެކެވެ. ވިސްނުމުގެ ފުން ކަނޑެއްގެ ތެރެއަށް ގެނބެމުންދިޔަ ވަގުތެކެވެ. އަޒްރާގެ ވޭދަނައަކީ، މަތީންގެ ރުގުޔާ ހަޔާތުގައި އާ ކަމެއް ތަޖުރިބާކުރެވުނު ވޭދަނައެކެވެ. ރުގުޔާކޮށްގެން މުޅީން ވެސް ކުރިމަތިލާން ޖެހެނީ ޖިންނިސައިތާނުންނާއެވެ. ބައްޕައެއްގެ ޖިންސީގޯނާ ފަޅާއެރުމަކީ ކުރީން ނުވާކަމެކެވެ. އަނެއްކޮޅުން، އަޒްރާގެ ބައްޕަ ބުނަނީ އަޒްރާގެ ކޮޓަރިއަށް ނުވަންނަ ކަމުގައެވެ. އެ ރޭ ގޭގައި ވެސް ނޫޅޭކަމުގައެވެ. އެހެންވިއްޔާ ސިއްރުސިއްރުން އޭނަ މާފަށްއެދޭކަށް ނުޖެހެއެވެ. އެ ވަގުތު ނައުޝާދުގެ ފޯނެއް އައެވެ. އޭނަ ވެސް ދެއްކީ ހަމަ އެ ވާހަކައެވެ. ނައުޝާދު ގާތުގައި އަޒްރާ އިނެވެ. އޭރު ވެސް އަޒްރާ ރޮނީއެވެ. ހަޔާތުގެ ކަޅު ސަފުހާ ހުޅުވުން އެއީ އަޒްރާއަށް ހެޔޮ ފާލަކަށް ނުވިއެވެ.

"އެއީ ޖިންނިއެއް ހަންޑިއެއް ނޫން،" ރޮމުން މަޑުމަޑުން އަޒްރާ ބުންޏެވެ. "އެއީ ހަމަ ބައްޕަ! ޔަކް!"

"ދެން ހުއްޓާލާ! ރޯނެކަމެއް ނެތް،" އަޒްރާއަށް ހިތްވަރުދެމުން މަތީން ބުންޏެވެ. "ވެދާނެ ބައްޕައަކީ ސިހުރުހަދަން ދަސްކޮށްގެން އެ ކަން ކުރާ މީހަކަށް. އަޒްރާ އޭރު ކުޑަވީމަ އަޒްރާއަށް ވާނުވާ ނޭނގެނީ. ނޫނީ ފެނުނު ކަންކަން ވެސް ހަނދާންނެތުނީ. ސިހުރުވެރިން ބުނާ ކަންތައް ސައިތާނާ ކޮށްދޭ މަތިން ސިހުރުވެރިޔާ ހުންނާނެ އާއިލާގެ މީހުން ހިބައިންދީފަ. އެއީ އާންމު ކަމެއް. ސައިތާނާ އެ މީހުން ބޭނުންކޮށްގެން އިންސާނުންނަށް ޖިސްމާނީ އެކި ކަހަލަ ކަންކަން ކުރުވާނެ. އަޒްރާގެ އާއިލާއަށް ވެސް އެހެން ހަދާފަހުރީކަމަށް ވެދާނެ. އެހެންވެގެން އަޒްރާއަށް ރުޤްޔާކުރަން ފަށާ އިރަށް ބޭބެޔާ މަންމައަށް އެ ގޮތްގޮތް ވަނީ. މުޅި ކޭސް ތި އޮތީ ގެތިފަ. ފަހަރެއްގަ ބައެއް ރޭރޭ ބައްޕަގެ ސިފަޖެހިގެން ވެސް އޭނަ އަތުވެދާނެ. އެ ކަމާ ވެސް ބައްޕަ ސޮރީ ބުނެފާނެ."

އަޒްރާއަކަށް ގަބޫލެއް ނުކުރެވުނެވެ. ހަނދާނުގެ އެތިއެތިކޮޅު އޭގެ ޖާގައަށް ފެތެން ފެށެމުން ބޮޑުމަންޒަރު ސާފުވެއްޖެއެވެ. އެކަކަށް ވެސް ނޭނގޭ ސިއްރަކީ، ބައްޕަ ކުރި އެތައް ކަމެއް އަޒްރާ ކިޔައިނުދީ ދޫކޮށްލިކަމެވެ.

"އެކަމަކު އެހެން ވޭތަ؟" ވަރަށް ނޭނގިފައި އަޒްރާ އެހިއެވެ.

"ސިހުރަކީ ކޮބައިކަމާ، ސިހުރުވެރިޔަކަށްވާން ކުރަންޖެހޭ ކަންތައް އަޒްރާއަށް ނޭނގޭތީ ތިހެން ތި އެހީ،" މަތީން ބުންޏެވެ. "އަހަރެން ވަކި ގޮތަކަށް ނިންމަނީކީ ނޫން. ބައްޕަގެ ކުށެއް ނެތެކޭ ވެސް ނޫން. ގޮތްކުޑަ ކަމެއް ބައްޕަ ނުކުރާނެޔެކޭ ވެސް ނޫން. އެކަމަކު އެއީ އަޒްރާގެ މައްސަލައެއް ނޫނެއްނު! އަޒްރާ އެއްވެސް ކުށެެއް ނުކުރަމެއްނު! އެހާ ކުޑަ އިރު އަޒްރާއަށް ކޯޗެއް އެނގޭނީ؟ އެ ކަހަލަ ކަމެއް ވިޔެކޭ ކިޔާފަ، ދުނިޔެމަތިން ފޫހިވެ، ދެން ކުރަން އަންގަވާފަ ހުންނަ ކަންކަން ކުރަން ފޫހިވެގެން ވެސް ނުވާނެ. ވީކަމެއް ވީ. އެޔެއް ބަދަލެއް ނުކުރެވޭނެ. މާދަމަޔަށް ވިސްނާ. ދަރިފުޅަށް ރަނގަޅު ބައްޕައެއް، އަޒްރާއަށް ރަނގަޅު ފިރިއެއް އަދިވެސް ހޯދިދާނެ."

ތާޒާވި ހަނދާންތަކުގެ ސަބަބުން ބައްޕަޔާ ހަތަރުކަޅި ހަމަކުރަން އަޒްރާއަށް ވަރަށް އުނދަގޫވިއެވެ. ރުގުޔާކުރަން ބައްޕަ ނުރުހޭ ސަބަބު ވެސް ވިސްނުނެވެ. ބޭޒާރުވެދާނެތީ ބައްޕަ ބިރުގަތީއެވެ. ބައްޕަ ކުރި ކަންތަކަށް އަޒްރާ މާފުކުރިއެވެ. ހިތާހިތުންނެވެ. އެކަމަކު އެ ކަން އަޒްރާއަކަށް ހަނދާންނައްތައެއް ނުލެވޭނެއެވެ. ބައްޕަ ބައިވެރިވާ އެއްވެސް ސުފުރާއެއްގައި ބައިވެރިވުން އަޒްރާ ހުއްޓައިލިއެވެ. ބައިވެރިވާން ބޭނުން ނުވާތީއެއް ނޫނެވެ. ކޮންމެވެސް ކަމެއްގައި އަޒްރާ މަސްރޫފުވާކަމަށް ހެދެނީއެވެ. ބޮޑުކޮޓަރީގައި ޓީވީ ބަލަން ބައްޕަ އިނދެއްޖެއްޔާ އެ ތާކަށް ވެސް އަޒްރާ ނުނިކުމެއެވެ. އަޒްރާ އިންނަ ތާކަށް ބައްޕަ އަޔަސް، އިސާހިތަކު އަޒްރާ ގެއްލެއެވެ. ބައްޕައަށް އެ ކަން އެނގުނަސް އަޒްރާއަށް ފަރުވާލެއް ނެތެވެ. އެންމެ މަސްލަހަތު ހުރި ގޮތަކީ އެއީއެވެ. އެ ކަހަލަ މީހަކަށް ބައްޕަ ކިޔުމަކީ އަޒްރާއަށް ދެން ކުރެވޭނެކަމެއް ނޫނެވެ.

މެދުނުކެނޑި ދޮޅު މަސްދުވަހު ރުގުޔާކޮށްގެން އަޒްރާ ސަލާމަތްވިއެވެ. ނައުޝާދާ ކައިވެނިކޮށް، މައިންބަފައިންނާ ވަކީން އަޒްރާ ދިރިއުޅުމެއް ފެށިއެވެ. އޭގެ ފަހުން އަޒްރާގެ ބޭބެ، ޖަލީލު ވެސް ސަލާމަތްކުރެވުނެވެ. އެކަމަކު އަޒްރާގެ މަންމަ ސަލާމަތެއް ނުކުރެވުނެވެ. މަތީން ތަންކޮޅެއް ވާންކޮށްލާ އިރަށް އަޒްރާގެ ބައްޕައަށް އެ ޚަބަރު ގެންގޮސްދޭނެ ބަޔަކު ތިބެއެވެ. މަންމަ ގޮވައިގެން ކޮންމެވެސް ތާކަށް ބައްޕަ ނައްޓައިލައެވެ. ތިމާއަށް ކުރެވުނު ކަންތައް އެންމެ ރަނގަޅަށް އެނގޭނީ ވެސް އޭނައަށް ކަމުގައި ވާތީއެވެ. މަތީން ދެކޭ ގޮތުގައި، އަޒްރާއާއި ޖަލީލު މިނިވަންވިކަން އަޒްރާގެ ބައްޕައަށް އެނގޭނެއެވެ. ކޮންމެވެސް ސަބަބަކާ ހުރެ އޭނަ އަޅައިނުލީއެވެ. މިއީ ހަގީގީ ހާދިސާއަކަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

ނިމުނީ