15 ޑިސެމްބަރ 2016 - 09:07

ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ވެލިއަންޓް ސްޕޯޓްސް ކްލަބް ކޮޅަށް 36 ލަނޑު ޖަހައި ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި ރަސްމީ މެޗެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ވީކޭ ސްޕޯޓްސް ކްލަބުން ގާއިމްކޮށްފި އެވެ.
މީގެ ކުރިން އެންމެ ގިނަ ލަނޑު ފެނިގެން ގޮސްފައިވަނީ 2001 ވަނަ އަހަރުގެ އެފްއޭ ކަޕުގެ ފުރަތަމަ ބުރުގައި ކްލަބް އޯޝަންސް ކޮޅަށް އައިލެންޑް ފުޓްބޯލް ކްލަބް (އައިއެފްސީ) އިން 22 ލަނޑު ޖެހި މެޗުގަ އެވެ. ނިއު ލެގޫންސްގެ ނަން ބަދަލުކޮށްގެން އައިއެފްސީން ނުކުމެ ކުޅުނު ފުރަތަމަ މެޗުގައި، އާދަމް އަބްދުއްލަތީފް (ލައްޗޭ) 10 ލަނޑު ޖެހިއިރު މުހައްމަދު ވިލްދާން ނުވަ ލަނޑު ޖެއްސެވެ. މީގެ އިތުރުން އިސްމާއިލް އާސިފް (ކުޑަހީނާ) ދެ ލަނޑު ޖެހިއިރު އަނެއް ލަނޑު ކާމިޔާބުކުރީ ފަރީދު މުހައްމަދެވެ.
އެކަމަކު ކަށަވަރުނުވާ ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މީގެ ކުރިން ތިން ވަނަ ޑިވިޝަނުގެ މެޗެއްގައި ވަނީ 24 ގޯލް ޖަހައިފަ އެވެ.
އައިއެފްސީން ވަނީ 2001 ވަނަ އަހަރުގެ އެފްއޭ ކަޕުގެ ފުރަތަމަ މެޗުގައި 20 ލަނޑު ޖަހައިފަ އެވެ. އަދި އައިއެފްސީގެ ނަން ބަދަލުކޮށްގެން ނުކުތް ވީބީ ސްޕޯޓްސް އިން ވަނީ 2009 ވަނަ އަހަރުގެ ވަތަނިއްޔާ ދިވެހި ލީގުގެ ފަހު ބުރުގައި ލ. ކަޅައިދޫ އަތުން 20-0 އިން މޮޅުވެފަ އެވެ.
އިއްޔެ ވެލިއަންޓް އަތުން ވީކޭ މޮޅުވި މެޗުގެ ކޮންމެ ހާފެއްގައި ވަނީ 18 ލަނޑު ޖަހައިފަ އެވެ. މި މެޗުގައި ވީކޭގެ އަހުމަދު ހަލީމް (އައްމަޑޭ) 11 ގޯލް ޖެހިއިރު ހަސަން ވިޝާން އަދި އަބްދުﷲ ޖުނައިދު، ކޮންމެ ކުޅުންތެރިޔަކު ހަތް ގޯލް ޖެހި އެވެ. މީގެ އިތުރުން އަލީ މަލާޝް ހަ ގޯލް ޖެހިއިރު ބައްސާމް ހަސަން ދެ ގޯލް ޖެހި އެވެ. މި މެޗުގައި ޖުމްލަ ހަ ހެޓްރިކް ވަނީ ފެނިގެން ގޮސްފަ އެވެ.
މި މެޗުގައި ޖެހި 11 ލަނޑާ އެކު ވީކޭގެ އައްމަޑޭ ވެފައިވަނީ ރާއްޖޭގެ ރަސްމީ މެޗެއްގައި ދެ ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. އެއް މެޗެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތީ 2009 ވަނަ އަހަރު ކަޅައިދޫ ކޮޅަށް 12 ޖެހި ދަގަނޑޭގެ އަތުގަ އެވެ. މި ލިސްޓުގެ ތިން ވަނައިގައި އޮތީ 2001 ވަނަ އަހަރު އޯޝަންސް ކޮޅަށް 10 ލަނޑު ޖެހި އައިއެފްސީގެ ލައްޗޭގެ އަތުގަ އެވެެ.
ދުނިޔޭގެ ރެކޯޑްތަކަށް ބަލާއިރު އެއް މެޗެއްގައި އެންމެ ގިނަ ލަނޑު ފެނިފައިވަނީ 2002 ވަނަ އަހަރު މަޑަގަސްކާ ލީގު މެޗެއްގަ އެވެ. އެ މެޗުން އޭއެސް އަޑެމާ 149 ލަނޑު މޮޅުވީ ސްޓޭޑް އޮލިމްޕިކް ލެ-އެމްރީންގެ ކުޅުންތެރިން ރެފްރީގެ ނިންމުމަކާ ހިތްހަމަނުޖެހިގެން ބައިކޮޅަށް ޖެހި ގޯލްތަކާ އެކު އެވެ. ކޮންމެ ގޯލަކަށް ކޮއްޓުމަށް ފަހު ފަހު އަމިއްލަ ހާފަށް ވަދެ ފުލުފުލުގައި އެ ޓީމުން 149 ގޯލް ޖެހީ އިދިކޮޅު ޓީމަށް ބޯޅައިގައި ފައިޖައްސާލުމުގެ އެއްވެސް ފުރުސަތެއް ނުދީ އެވެ.
ބައިނަލްއަގްވާމީ މެޗެއްގައި އެންމެ ގިނަ ލަނޑު ފެނިގެން ގޮސްފައިވަނީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި އެމެރިކަން ސަމޯއާ އަތުން 31-0 އިން އޮސްޓްރޭލިއާ މޮޅުވި މެޗުގަ އެވެ. އޭގެ ކުރިން 1997 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އަތުން 17-0 އިން އީރާން މޮޅުވި މެޗަކީ އޭރުގެ ރެކޯޑެކެވެ.
ފުޓްބޯޅަ މެޗެއްގެ އެވްރެޖް ސްކޯ އަކީ 2-0 ނުވަތަ 2-1 އެވެ. އެއް ޓީމަކުން ހަތަރު ލަނޑަށް ވުރެ ގިނައިން ލަނޑު ޖަހައިފި ނަމަ އެއީ ތަފާތު ބޮޑު ނަތީޖާއެއް ކަމަށް ބަލާއިރު އެންމެ ތަފާތު ބޮޑު އާއްމު ސްކޯ އަކީ 5-0 ނުވަތަ 6-0 އެވެ.