އަލަށް ފަށާ ވިޔަފާރިތަކަށް 12.4 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފި
އަލަށް ފަށާ ވިޔަފާރިތަކަށް 12.4 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފި

ޒުވާނުން ވިޔަފާރިގެ ދާއިރާ އަށް ނެރުމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ބޭއްވި މުބާރާތެއް ކާމިޔާބު ކުރި، އަލަށް ފަށާ 23 ވިޔަފާރިއަކަށް 12.4 މިލިއަން ރުފިޔާ ހިލޭ އެހީ ދީފި އެވެ.

އަލަށް ފަށާ ވިޔަފާރިތަކަށް 12.4 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފި
އަލަށް ފަށާ ވިޔަފާރިތަކަށް 12.4 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފި

މި އާ ވިޔަފާރިތަކަށް ފައިސާގެ އެހީ ދީފައި ވަނީ މުބާރާތް ކާމިޔާބު ކުރި ޒުވާނުންނަށް އެވޯޑް ހަވާލުކުރުމަށް މިއަދު މީރުމާ ހޯލްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ވޯލްޑް ބޭންކުގެ އެހީގައި ހަޔަ އެޑިއުކޭޝަން އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ބޭއްވި މި "ޕިޗްއަޕް ޔޫތު އޮންޓްޕްރިނިއަޝިޕް ޗެލެންޖު" ކިޔާ މުބާރާތުގައި 300 އަށް ވުރެ ގިނަ ޒުވާނުން ބައިވެރިވި އެވެ. އަދި މިއަދު އެވޯޑު ލިބުނު 23 އާ ވިޔަފާރީގައި 18 އަހަރާއި 35 އަހަރާއި ދެމެދުގެ 46 ޒުވާނުން ޝާމިލުވެ އެވެ.

ހަޔަ އެޑިއުކޭޝަނުން ބުނީ މި މުބާރާތަށް 192 އާ ވިޔަފާރިގެ ހިޔާލު ހުށަހެޅި ކަމަށެވެ. އެ ހިޔާލުތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރި ހިޔާލުތައް ހުށަހެޅި ޒުވާނުންނަށް ވިޔަފާރީގެ ދާއިރާއިން ތަމްރީނުދިނުމަށް ހަ ދުވަހުގެ ބޫޓް ކޭމްޕެއް ބޭއްވި ކަމަށާއި އަދި ތަފްސީލީ ޕްރޮޕޯސަލްއެއް ހުށަހަޅަން ދިން ފުރުސަތުގައި 73 ޕްރޮޕޯސަލް ލިބުނު ކަމަށެވެ. އޭގެ ތެރެއިން 50 މީހަކަށް ޕްރޮޕޯސަލް ޕިޗްކުރުމުގެ ފުރުސަތު ދިނެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި އެވޯޑު ދިނީ ބައިނަލްއަގުވާމީ ފަނޑިޔާރުން ވެސް ހިމެނޭ ގޮތަށް އެކުލަވާލި ޕެނަލަކުން ހޮވުނު 23 އާ ވިޔަފާރިއަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

އޭގެ ތެރޭގައި ހިމެނެނީ؛

• ފަތުރުވެރިކަމާއި ގުޅުންހުރި އުމްރާނީ މަސައްކަތުގެ ދާއިރާއިން އެއް ވިޔަފާރި.

• އިންފޮމޭޝަން އާއި ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީގެ ދާއިރާއިން 5 ވިޔަފާރިއެއް.

• ދަނޑުވެރިކަމުގެ ދާއިރާއިން 11 ވިޔަފާރިއެއް.

• ފަތުރުވެރިކަމުގެ ދާއިރާއިން 6 ވިޔަފާރިއެއް.

މި "ޕިޗްއަޕް ޔޫތު އޮންޓްޕްރިނިއަޝިޕް ޗެލެންޖަ"ކީ ޒުވާނުންނަށް ޚާއްސަކޮށްގެން ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާ އާއި ވިޔަފާރިގެ ހުނަރުތައް ދަސްކޮށްދީ، ވަޒީފާ އާއި އާމްދަނީގެ މަގުތައް ފަހިކޮށްދިނުމަށް ވޯލްޑް ބޭންކުގެ އެހީގައި ސަރުކާރުން ހިންގާ މީރީ ޕްރޮޖެކްޓުގެ މައިގަނޑު އެއް ހަރަކާތެވެ.