14 ޑިސެމްބަރ 2016 - 21:11

ނޭޕާލްގައި މިހާރު ކުރިއަށްދާ ނޭޕާލް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގެ ފިރިހެން ޑަބަލްސް އިވެންޓުގެ ކުއާޓާ ފައިނަލުން ރާއްޖޭގެ ގައުމީ ޓީމުގެ ނަޝީއު ޝަރަފުއްދީނާއި ޒަޔާން ޒަކީ ޖާގަ ހޯދައިފި އެވެ.

ޒަޔާން އާއި ނަޝީއުގެ ޕެއާ ކުއާޓާ އިން ޖާގަ ހޯދީ މިއަދު ކުޅުނު މެޗުން ނޭޕާލްގެ ދީޕަކް ބޮހާރާ އާއި ބުގޯލް ގުރުންގެ ޕެއާ ބަލިކުރުމަށް ފަހު އެވެ. ނަޝީއު އާއި ޒަޔާންގެ ޕެއާ އިން ސެޓުތައް ގެންދިޔައީ 21-18، 9-21 އަދި 21-13 އިންނެވެ.
ކުއާޓާގައި މާދަމާ ނަޝީއު އާއި ޒަޔާންގެ ޕެއާ ވާދަކުރާނީ އިންޑިއާގެ އަނިލް ކުމާރް އާއި ވެންކަތު ގޯރަވް ޕްރަސާދްގެ ޕެއާއާ އެވެ.
އަންހެން ޑަބަލްސް ފުރަތަމަ ބުރުން ރާއްޖޭގެ ނަފްހާ ނަސްރުﷲ އާއި މައިސާ ފަތުހުﷲގެ ޕެއާ ވަނީ ކަޓައިފަ އެވެ. ނަފްހާ އާއި މައިސާގެ ޕެއާ ބަލިވީ އިރާންގެ ހަޖިއާ ސޮރާޔާ އާއި އިންޑޮނީޝިއާގެ ދެވީ ޔުނީޓާގެ ޕެއާ އަތުންނެވެ. ހަޖިއާ އާއި ދެވީގެ ޕެއާ އިން ސެޓުތައް ގެންދިޔައީ 21-16، 21-12 އިންނެވެ.
ފިރިހެން ސިންގަލްސް ބައިގެ ދެ ވަނަ ބުރުން ނަޝީއު ބަލިވީ ބަންގްލަދޭޝްގެ ތުޝާޜް ކްރިޝްނާ ރޯއީ އަތުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-12، 21-08 އިންނެވެ.
އަންހެން ސިންގަލްސް ދެ ވަނަ ބުރުން ނަފްހާ އާއި މައިސާ ވެސް ވަނީ ކަޓައިފަ އެވެ. ނަފްހާ ބަލިވީ ޕާކިސްތާންގެ ޕަލްވަޝާ ބަޝީރު އަތުންނެވެ. އަދި މައިސާ ކެޓީ ވިއެޓްނާމްގެ ތީ ޕުއޮން އަތުންނެވެ.
މިކްސް ޑަބަލްސް އިވެންޓުގެ ފުރަތަމަ ބުރުން، ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި މައިސާ އަދި ޒަޔާންގެ ޕެއާ ކެޓީ ބަންގްލަދޭޝްގެ މުހައްމަދު ސަލްމާން ހާން އާއި އަލީނާ ސުލްތާނާގެ ޕެއާ އަތުން ބަލިވުމުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-17، 21-10 އިންނެވެ.
މި މުބާރާތަކީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން ބައިނަލްއަގްވާމީ ގިނަ މެޗުތަކެއް ގައުމީ ބެޑްމިންޓަން ޓީމަށް ހޯދަައިދިނުމުގެ ބޭނުމުގައި ބެޑްމިންޓަން އެސޯސިއޭޝަނުން ކުޅުންތެރިންނަށް ފަހިކޮށްދިން ފުރުސަތެކެވެ.