10 ޖެނުއަރީ 2022 - 16:37

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މީރާ މެދުވެރިކޮށް ދައުލަތަށް 2.03 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.
މިއީ މިދިޔަ އަހަރު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު މަހެވެ. މިދިޔަ މަހު ލިބުނު އާމްދަނީ އަކީ އަންދާޒާކުރި ވަރަށްވުރެ 45 ޕަސެންޓު އިތުރު އަދަދެކެވެ.
މީރާ އިން ބުނީ ޑިސެމްބަރު މަހު ލިބުނު އާމްދަނީ އިތުރުވީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު މިދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ހަތަރު ގުނަ އިތުރުވުމުން ކަމަށެވެ. އަދި މިދިޔަ ޑިސެމްބަރު މަހު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ވެސް ލިބިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
މިދިޔަ ޑިސެމްބަރު މަހު ޖީއެސްޓީގެ ގޮތުގައި 952.77 މިލިއަން ރުފިޔާ ލިބުނު އިރު ޓޫރިޒަމް ބިމު ކުލިން 485.44 މިލިއަން ރުފިޔާ، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 153.60 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި އިންކަމް ޓެކްސްގެ ގޮތުގުައި 95.69 މިލިއަން ރުފިޔާ އާއި ގްރީން ޓެކްސްގެ ގޮތުގައި 94.41 މިލިއަން ރުފިޔާ ވެސް ދައުލަތަށް ވަނީ ލިބިފަ އެވެ.
މިދިޔަ އަހަރު މީރާ މެދުވެރިކޮށް ދައުލަތަށް 15 ބިލިއަނަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާއިރު މިދިޔަ އަހަރު ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބުނީ ސެޕްޓެމްބަރު މަހު އެވެ. އެ މަހު އާމްދަނީ އިތުރުވީ ކޮވިޑް-19ގެ ފިޔަވަޅުތަކަށް ލުއި ދިނުމުން އިންޑިއާއިން ގިނަ އަދަދެއްގެ ޓޫރިސްޓުން އައުމުގެ ސަބަބުންނެވެ.
އާއްމުކޮށް ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ އަދި ޑިސެމްބަރު މަހަކީ ޓޫރިސްޓް ސީޒަނަށްވުމުން އާމްދަނީ އިތުރުވާ ދެ މަހެވެ.