ހިޔާ ފްލެޓްތައް ކައިރީގެ މަގުތަކުގެ މަސައްކަތް ފެބްރުއަރީ މަހު ނިމޭނެ: އެޗްޑީސީ
ހިޔާ ފްލެޓްތައް ކައިރީގެ މަގުތަކުގެ މަސައްކަތް ފެބްރުއަރީ މަހު ނިމޭނެ: އެޗްޑީސީ

ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގެ މަގުތައް ހެދުމުގެ މަސައްކަތް އަންނަ މަހު ނިމެނޭ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ އެ ފްލެޓްތައް ކައިރީގެ މަގުތަކުގެ މަސައްކަތް ހުއްޓި ޝަކުވާ ބޮޑުވެފައިވަނިކޮށް، އެޗްޑީސީން، "މިިހާރު" އަށް ބުނީ ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއްގެ މަގުތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެންމެ ބޮޑު އިސްކަމެއް ދެނީ ހިޔާ ފްލެޓްތައް ކައިރީގެ މަގުތައް ނިންމުމަށް ކަމަށެވެ.

އެ މަސައްކަތް ނިމޭނެ ކަމަށް މިހާރު އެޗްޑީސީން ލަފާކުރަނީ އަންނަ މަހުގެ 22 އަށެވެ. މުޅި ޕްރޮޖެކްޓް ނިމޭނެ ކަމަށް ލަފާކުރަނީ މި އަހަރުގެ އޮކްޓޫބަރު 22 އަށެވެ.

އެ ކުންފުނިން ބުނިގޮތުގައި، މަގުތަކުގެ މަސައްކަތް ލަސްވީ ކޮވިޑް-19 އާ ގުޅިގެން އެޅި ބައެއް ފިޔަވަޅުތަކާ ހެދި އެވެ.

އެޗްޑީސީން ކުރިން ބުނީ، ފްލެޓްތައް ހިމެނޭ ސަރަހައްދުގެ މަގުތައް ހެދުމުގެ މަސައްކަތް މިދިޔަ އަހަރުގެ ނޮވެމްބަރަށް ނިމޭނެ ކަމަށެވެ. ފަހުން އެ މަސައްކަތް ޑިސެމްބަރަށް ނިންމަން އަމާޒު ހިފި ނަމަވެސް މިހާރު މަސައްކަތް އޮތީ އެއްކޮށް ހުއްޓިފަ އެވެ.

އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ މަސައްކަތް ލަސްވަމުންދާތީ އާންމުންގެ ކަންބޮޑުވުމަކީ ހިރަފުގެ އުނދަގޫ ބޮޑުވުމެވެ.