ސާފް ކްލަބް ޗެމްޕިއަންޝިޕް މިއަހަރު ވެސް ނުބާއްވާނެ
ސާފް ކްލަބް ޗެމްޕިއަންޝިޕް މިއަހަރު ވެސް ނުބާއްވާނެ

ދެކުނު އޭޝިއާ ގައުމުތަކަށް ހާއްސަ ކްލަބް ފުޓުބޯޅަ މުބާރާތް މި އަހަރު ފަށަން، މިދިޔަ އަހަރު ބޭއްވި ސާފްގެ އާންމު ޖަލްސާގައި މަޝްވަރާކުރި ނަމަވެސް މުބާރާތް ނުހިމަނައި މި އަހަރުގެ ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ކަލަންޑަރު އާއްމު އިއުލާންކޮށްފި އެވެ.

ސާފް ކްލަބް ޗެމްޕިއަންޝިޕް ނަމުގައި މުބާރާތެއް ބާއްވަން 2011 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން ސާފް އިން ވަނީ މަޝްވަރާ ކޮށްފަ އެވެ. ނަމަވެސް މުބާރާތް ނުފެށި ދިގުލައިގެންދާ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ ސަރަހައްދުގެ ގަދަ ބާރު އިންޑިއާ އަށް މުބާރާތް ބާއްވާނެ ތާރީހަކާ މެދު އެއްބަސްވުމަކަށް ނާދެވޭތީ އެވެ.

ދެ އަހަރުން އެއް ފަހަރު މުބާރާތް ބާއްވަން އެންމެ ފަހުން މަޝްވަރާ ކުރީ މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ފަހު، ރާއްޖޭގައި ބޭއްވި ސާފްގެ އާއްމު ޖަލްސާގަ އެވެ. ނަމަވެސް އިއްޔެ އާއްމުކުރި މި އަހަރުގެ ސާފް ކަލަންޑަރުގައި ކްލަބް ޗެމްޕިއަންޝިޕް ހިމަނައިފައެއް ނުވެ އެވެ.

ސާފް އިން މި އަހަރު ފަސް މުބާރާއެއް ކުރިޔަށް ގެންދަން ކަލަންޑަރުގައި ހިމަނައިފައިވާއިރު، އެންމެ ފުރަތަމަ އޮންނާނީ 18 އަހަރުން ދަށުގެ އަންހެން ސާފް ޗެމްޕިއަންޝިޕެވެ. އިންޑިއާގައި މި މުބާރާތް ކުރިޔަށް ގެންދަން ހަމަޖެހިފައި ވަނީ މާޗު 15-26 އަށެވެ.

ދެން އޮތީ 20 އަހަރުން ދަށުގެ ފިރިހެން ސާފް ޗެމްޕިއަންޝިޕެވެ. ރާއްޖޭން ވަނީ 2019 ވަނަ އަހަރު 18 އަހަރުން ދަށަށް ހާއްސަކޮށް ނޭޕާލުގައި ބޭއްވި މުބާރާތުން ބްރޯންޒް މެޑަލް ހޯދައިފަ އެވެ. މި އަހަރުގެ މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ޖުލައި 25 އިން އޮގަސްޓް 5 އަށް، އިންޑިއާގަ އެވެ. އަދި 17 އަހަރުން ދަށުގެ މުބާރާތް ކުރިޔަށް ގެންދަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު 5-16 އަށް ސްރީ ލަންކާގަ އެވެ.

މިދިޔަ އަހަރު ނުބޭއްވުނު އަންހެން ސާފް ޗެމްޕިއަންޝިޕް ވަނީ މި އަހަރުގެ ކަލަންޑަރުގައި ހިމަނައިފަ އެވެ. ސާފް އިން އަންނަނީ އަންނަ އޮގަސްޓް މަހު 12-24 އަށް ނޭޕާލްގައި މުބާރާތް ބާއްވަން މަސައްކަތް ކުރަމުންނެވެ. މި އަހަރު ބަންގްލަދޭޝްގައި 15 އަހަރުން ދަށުގެ އަންހެން ސާފް ޗެމްޕިއަންޝިޕް ކުރިޔަށް ގެންދަން ކަލަންޑަރުގައި ވަނީ ހިމަނައިފަ އެވެ. ނަމަވެސް މުބާރާތް ކުޅޭނެ ތާރީހެއް އަދި ފައިނަލްކޮށްފައެއް ނުވެ އެވެ.