ދިރާގު ޓީވީ އަދި ފައިބަ ހިދުމަތް ހުޅުދުއްފާރަށް
ދިރާގު ޓީވީ އަދި ފައިބަ ހިދުމަތް ހުޅުދުއްފާރަށް

ދިރާގު ހައިސްޕީޑް ފައިބަ ހިދުމަތާއި ދިރާގު ޓީވީގެ ހިދުމަތް ރ. ހުޅުދުއްފާރަށް މިއަދު ތައާރަފުކޮށްފި އެވެ.

މި ދެ ހިދުމަތް ވެސް ދިރާގުން ތައާރަފުކުރީ އެ ރަށަށް ހާއްސަ އޮފާތަކަކާއެކުގަ އެވެ. ދިރާގު ފައިބަ ބްރޯޑްބޭންޑް ޕޭކޭޖަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ފައިބަ ގުޅައިދިނުމުގެ އިތުރުން ރައުޓާ ނުވަތަ އޯއެންޓީ ހިލޭ ލިބޭނެ އެވެ. އަދި ދިރާގު ޓީވީގެ ހިދުމަތަށް އެދޭ ކަސްޓަމަރުންނަށް އެ ހިދުމަތް ހިލޭ ގުޅައިދީ، ޖޯއި ބޮކްސް ހިލޭ ފޯރުކޮށްދޭނެ އެވެ.

މި ހިދުމަތްތަކާ އެކު މިހާރު ހުޅުދުއްފާރު ރައްޔިތުންނަށް އެންމެ ހަލުވި ސްޕީޑުގައި އިންޓަނެޓު ލިބި، އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލައިލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ވަނީ މިހާތަނަށް ފައިބަ ބްރޯޑްބޭންޑް ހިދުމަތް ރާއްޖޭގެ 75 ރަށެއްގެ 82 ޕަސެންޓް ގޭބިސީތަކަށް ފޯރުކޮށްދީފަ އެވެ. ސަތޭކައަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ކޮންޓެންޓާއި ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 82 ޕަސެންޓް ގޭބިސީއަށް މި ހިދުމަތް ފޯރުކޮށްދީފަ އެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ލުއިފަސޭހަގޮތްތައް ހޯދައިދީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް ކަމަށެވެ.