10 ޖެނުއަރީ 2022 - 14:07

ކާބޯތަކެތީގެ އެކި ބާވަތްތައް ރާއްޖެއަށް އެތެރެކޮށް ވިއްކަމުން އަންނަ އެމްޔޫ ސްޓޯރުން ވިއްކަމުން އައި ޕާސްތާ ސޯސްއެއްގައި އޫރު މަސް ހިމެނޭކަން އެނގުމާ އެކު އެ ވިއްކުން ހުއްޓާލައިފި އެވެ.
އެމްޔޫ ސްޓޯރުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ "ކެމްޕާގްނާ" ބްރޭންޑުގެ ބޮލޮނައިޒް ސޯސްގައި ހަލާލު ނޫން މާއްދާއެއް ބޭނުންކޮށްފައި ހުރި ކަމުގެ މައުލޫމާތު ލިބުމާ އެކު އެ ވިއްކުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެމްޔޫ ސްޓޯރުން މި ސޯސް ގަނެފައިވާ ރީޓެއިލަރުންނަށް ވެސް އެކަން އަންގައި އެ ތަކެތި ވިއްކުން ހުއްޓާލުމަށް އަންގާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ހޯލްސޭލްކޮށް އެމްޔޫ ސްޓޯރުން މި ސޯސް ގަނެފައިވާ ރީޓެއިލަރުންނަށް ރީފަންޑު ކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އެމްޔޫ ސްޓޯރުން ބުންޏެވެ.
އެ ކުންފުނިން ވަނީ މި ސޯސް ގަތް މީހުންގެ ކިބައިން މާފަށް އެދިފަ އެވެ.
ކެމްޕޭގްނާގެ ބޮލޮނައިޒް ސޯސްއަކީ ޕާސްތާ ކެއްކުމުގައި އާއްމުކޮށް ބޭނުންކުރާ ސޯސްއެކެވެ. މި ސޯސް އެމްޔޫ ސްޓޯރުން ރާއްޖެއަށް ތައާރަފުކުރީ ވަރަށް ފަހުންނެވެ.
މި ސޯސް ފުޅީގެ ފަހަތުގައި ސޯސް އުފައްދަން ބޭނުންކޮށްފައިވާ ތަކެތީގެ ތެރޭގައި އޫރު މަސް ހިމެނޭކަމަށް ޖަހާފައިވެ އެވެ.