10 ޖެނުއަރީ 2022 - 12:23

އެމެރިކާގެ ނިއު ޔޯކް ސިޓީގައި ހުރި މީހުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއްގައި އަލިފާން ރޯވުމުގެ ސަބަބުން، 19 މީހަކު މަރުވެ އިތުރު އެތައް ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެ އެވެ.
ނިއު ޔޯކް ފުލުހުން ބުނި ގޮތުގައި ވޭތުވެ ދިޔަ 30 އަހަރުގެ ތެރޭގައި އެ ސިޓީގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ނުވަ ކުޑަކުދިން ވެސް ހިމެނެ އެވެ. ތިރީ ބުރިތަކުގައި ހުރި އެޕާޓްމަންޓްތަކުގައި ރޯވެ އަނދަމުން ދިޔައިރު، އަރަމުން ދިޔަ ދުމުން، މަތީ ބުރިތަކުގެ މީހުން ރައްކާތެރިކަން ހޯދީ، ދޮރުތަކުގެ ދަށުގައި ތެތް ތުވާލި ފަދަ ތަކެތި އަޅައިގެންނާއި، މަގުމައްޗަށް ހުރި ކުޑަދޮރުތަކުގެ ބިއްލޫރިގަނޑުތައް ތަޅާލައި ސާފު ވައި ލިބޭނެ ގޮތް ހަދައިގެންނެވެ.
އިމާރާތުގައި އަލިފާން ހިފުމާއެކު މުޅި އިމާރާތުން ކަރަންޓު ކެނޑުނެވެ. އިމާރާތުގެ ތެރޭގައި އަލިކަމެއް ނެތި، ފުރާނަ ސަލާމަތްކުރަން ކޮޅުކޮޅަށް ދުވަން ޖެހުމުގެ ސަބަބުން، އެތައް ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ދުމުން ކޮށިއަރައި ނޭވާ ހާސްވެގެން ފަރުވާ ދޭން ޖެހުނެވެ.
މި އިމާރާތަކީ، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއެއްގެ ދަށުން ހަދައި ހެޔޮ އަގުގައި އެޕާޓްމަންޓްތައް ވިއްކާފައި ހުރި އިމާރާތަކެވެ. ނަވާރަ ބުރި އަށް ހުންނަ އެ އިމާރާތުގައި އެންމެ ގިނައިން އުޅެނީ ގެމްބިއާ ދަރިކޮޅުގެ މީހުންނެވެ.
ނިއު ޔޯކް ސިޓީގެ މޭޔަރު އެރިކް އެޑަމްސް ވިދާޅުވި ގޮތުގައި، މިއީ އެ ސިޓީގެ ތާރީހުގައި ވެސް ކުރިމަތިވި ވަރަށް ހިތާމަވެރި ވަރަށް ބިރުވެރި އަދި އެހާމެ ވޭން ދެނިވި ހާދިސާއެކެވެ. މި ހާދިސާގައި 60 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބުނު އިރު، 13 މީހަކު ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދޭން ޖެހުނެވެ.
އަލިފާން ނިއްވާ މީހުން ބުނި ގޮތުގައި އެ އިމާރާތުގައި އަލިފާން ރޯވީ، ތިރީ ބުރިއެއްގައި ހުރި އެޕާޓްމަންޓެއްގެ ނިދާ ކޮޓަރީގައި ޖައްސާފައި ހުރި، އެއް ތަނުން އަނެއް ތަނަށް ގެންދެވޭ ކަރަންޓު ހީޓަރެއްގައި ރޯވެގެންނެވެ. އަދި ވަރަށް ކުޑަ އިރުކޮޅެއްގެ ތެރޭގައި މުޅި އިމާރާތުގެ އެޕާޓްމަންޓްތަކަށް ދުންގަނޑު ވަދެގެން ދިއުމުން ގިނަ ބަޔަކު ކޮށިއަރައި ނޭވާ ހާސްވެގެން ދުވަން ފެށި ކަމަށްވެ އެވެ.
އަލިފާން ނިއްވާ އިދާރާގެ މީހުން، އެ އިމާރާތުގެ ތެރެއަށް ވަން އިރު، އެންމެ ގިނަ މީހުން މަރުވެފައި ތިއްބައި ފެނުނީ ސިޑިތަކުގަ އެވެ. ބެލެވޭ ގޮތުގައި އެމީހުން މަރުވެފައިވަނީ، އޮލަ ދުމުގެ ތެރޭގައި އިމާރާތުން ނުކުންނަން އުޅުނު ވަގުތު، ނޭވާ ހާސްވެގެންނެވެ.
ސިޑި މައްޗަށް ވެއްޓިފައި ތިބި ބައެއް މީހުން އިމާރާތުން ބޭރަށް ނެރެ، ފަރުވާ ދިނުމުން ހޭއެރި ކަމަށް، އަލިފާން ނިއްވާ އިދާރާގެ މީހުން ބުނެ އެވެ. މެދު ފަންތީގެ މީހުން ދިރިއުޅުމަށް 1970ގެ އަހަރުތަކުގައި ހަދާފައި ހުރި އެ އިމާރާތުގައި އަލިފާނުގެ އިންޒާރު ދޭ ނިޒާމު ހަރުކޮށްފައި ހުއްޓަސް، އެއްވެސް ހާދިސާއެއް ހިނގުމަކާ ނުލައި އެ ނިޒާމުން ބައެއް ފަހަރު އިންޒާރު ދޭތީ، އެ ނިޒާމުން ދޭ އިންޒާރުތަކަށް މާގިނަ ބަޔަކު ސަމާލުކަމެއް ނުދެ އެވެ.