ހަލަބަށް އަނެއްކާވެސް ހަމަލާ ދޭން ފެށުމާ އެކު އެ ސިޓީން މީހުން ނުކުތުން ހުއްޓުމަކަށް
ހަލަބަށް އަނެއްކާވެސް ހަމަލާ ދޭން ފެށުމާ އެކު އެ ސިޓީން މީހުން ނުކުތުން ހުއްޓުމަކަށް

ދިމިޝްގު (ޑިސެމްބަރު 14) - ސީރިއާގެ ހަލަބު ސިޓީ އަށް އަނެއްކާވެސް ވައިގެ ހަމަލާތައް ދޭން ފެށުމާ އެކު، އެއްބަސްވެފައިވާ ގޮތަށް އެ ސިޓީން އިދިކޮޅު ހަނގުރާމަވެރިންނާއި އާއްމުން ނުކުތުން ހުއްޓުމަކަށް އަތުވެއްޖެ އެވެ.

ހަލަބަށް އަނެއްކާވެސް ހަމަލާ ދޭން ފެށުމާ އެކު އެ ސިޓީން މީހުން ނުކުތުން ހުއްޓުމަކަށް
ހަލަބަށް އަނެއްކާވެސް ހަމަލާ ދޭން ފެށުމާ އެކު އެ ސިޓީން މީހުން ނުކުތުން ހުއްޓުމަކަށް

ސީރިއާ ސިފައިންގެ ބާރުގެ ދަށަށް ހަލަބުގެ އިރުމަތީގެ ހިސާބުތައް ދިއުމާ އެކު އެ ސިޓީގެ ހަނގުރާމަ ނިމިއްޖެ ކަމަށް ރަޝިޔާ އިން ރޭ އިއުލާންކުރުމާ އެކު އެ ސިޓީން ހަނގުރާމަވެރިންނާއި އާއްމުން ނުކުތުމަށް ބަސްތައް ވެސް މިއަދު ވަނީ ގެންގޮސްފަ އެެވެ. ހަނގުރާމަވެރިން ގެންދިއުމަށް ހަމަޖެހިފައި އޮތީ ސީރިއާގެ އުތުރުގެ ޓައުންތަކުގައި އިދިކޮޅު މީހުންގެ ބާރު އޮތް ހިސާބުތަކަށެވެ.

ހަލަބުގެ އިރުމަތީގެ ހިސާބުތައް އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެންދިޔައީ 2012 ވަނަ އަހަރު އެވެ. ނަމަވެސް ރަޝިޔާ ސިފައިންގެ ވައިގެ ހަމަލާތަކާ އެކު ހަލަބުގައި ތިބި ހަނގުރާމަވެރިންގެ ބާރު ކަނޑުވާލާ އެ ސިޓީ އެކުގައިހެން ސަރުކާރު ސިފައިންގެ ބާރުގެ ދަށަށް ގެންދިޔަ އެވެ.

މޮނިޓާރިން ގްރޫޕެއް ކަމަށްވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ އަލަށް ދޭން ފެށި ވައިގެ ހަމަލާތައް ވަރަށް ވަރުގަދަ ކަމަށެވެ. ވޮލަންޓިއާ ގްރޫޕެއް ކަމަަށްވާ ވައިޓް ހެލްމެޓްސް އިން ބުނީ ހަލަބުގެ އިރުމައްޗަށް ދޭން ފެށި އާ ހަމަލާތަކުގައި 40 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

ސީރިއާގެ އެކުވެރި ރަޝިޔާ އިން ބުނެފައި ވަނީ ހަމަލާތައް ފެށީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިދިކޮޅު ހަނގުރާމަވެރިން ޚިލާފުވުމުން ކަމަށެވެ. ސީރިއާ ޓީވީން ބުނީ ސަރުކާރު ސިފައިންނަށް އަމާޒުކޮށް އިދިކޮޅު ހަނގުރާމަވެރިން ދިން ރޮކެޓް ހަމަލާތަކެއްގައި ހަ މީހުން މަރުވެފައިވާ ކަމަށެވެ. ރަޝިޔާގެ ޚާރިޖީ ވަޒީރު ސާގީ ލަވްރޯފް ވިދާޅުވީ އިދިކޮޅު ހަނގުރާމަވެރިންގެ ހަމަލާތައް ދެތިން ދުވަސްތެރޭ ހުއްޓާލާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ނަމަވެސް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ އެއްބަސްވުމާ ޚިލާފުވީ ސީރިއާ ސިފައިން ކަމަށް ތުހުމަތު ކުރައްވައިފަ އެެވެ. އަދި އެ ސިޓީގެ ހާލަތު ވަރަށް ނާޒުކު ކަމަށް ވިދާޅުވި އެވެ.

ހަލަބުގެ އިރުމަތީގެ ހިސާބުތައް ސަރުކާރު ސިފައިންގެ ބާރުގެ ދަށަށް ދިއުމަކީ އިދިކޮޅު ހަނގުރާމަވެރިންނަށް ލިބޭނެ ބޮޑު ނާކާމިޔާބީ އެކެވެ. ސީރިއާ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަނީ އާމީ އޮފް ކޮންކުއެސްޓް ނުވަތަ ޖައިޝުލް ފަތުހު ކިޔާ ހަނގުރާމަވެރި ޖަމާއަތްތަކުން ގުޅިގެން އުފައްދާފައިވާ ކޯލީޝަނަކުންނެވެ. އޭގެ ތެރޭގައި އަލްގައިދާ އިން ވަކިވެފައިވާ ކުރީގެ ނުސްރާ ފްރަންޓް (ޖަބްހަތުއް ނުސްރާ) ނުވަތަ މިހާރުގެ ފަތުހުއް ޝާމު ހިމެނެ އެވެ. މި ޖަމާއަތާ ގުޅިގެން ސީރިއާގައި ދިވެހިން ވެސް ދަނީ ހަނގުރާމަ ކުރަމުންނެވެ.