10 ޖެނުއަރީ 2022 - 11:56

ޔޫކްރޭންގެ މައްސަލައިގައި ރަޝިޔާގެ ރައީސް ލަޑމިއާ ޕުޓިންގެ ކުރިމަތީގައި އޮތީ، ކުރިމަތިލުމަކަށް ދިއުން ނުވަތަ މަޝްވަރާ ކުރުން ކަމަށާއި، ދެ ގޮތުން ކުރެ ކޮންމެވެސް އެއްގޮތެއް އިޚްތިޔާރުކުރުމަށް، އެމެރިކާ އިން ރަޝިޔާ ސަރުކާރަށް އަންގައިފި އެވެ.
ޔޫކްރޭންގެ މައްސަލައިގައި ރަޝިޔާ އާއި ވިލާތުގެ ގައުމުތަކާ ދެމެދު އުފެދިފައިވާ އަރައިރުންތަކާ ބެހޭ ގޮތުން، ރަޝިޔާގެ އިސްނެގުމަކަށް ބާއްވާ މަޝްވަރާތަކުގެ ރަސްމީ ވާހަކަތައް މިއަދު ޖެނީވާގައި ބާއްވާނެ އެވެ. އެ ވާހަކަތަކަށް މަގުފަހިކުރުމުގެ ގޮތުން އިއްޔެ ވަނީ، އެމެރިކާ އާއި ރަޝިޔާގެ އަސްކަރީ އޮފިސަރުންނާއި ޑިޕްލޮމެޓުންގެ ބައްދަލުވުމެއް ޖެނީވާގައި ބާއްވައިފަ އެވެ.
މި ބައްދަލުވުމުގައި އެމެރިކާގެ ވަފްދުން ބުނެފައިވަނީ، ޔޫކްރޭންގެ މައްސަލައިގައި ރަޝިޔާގެ ރައީސްގެ ކުރިމަތީގައި އޮތީ އެންމެ ދެ ގޮތް ކަމަށެވެ. އެ މައްސަލައިގައި ދެފަރާތުގެ މަޝްވަރާކޮށްގެން ހައްލެއް ހޯދުން ނުވަތަ ކުރިމަތިލުމަކަށް ދިއުން ނޫން ގޮތެއް، ރަޝިޔާއަށް ނޯންނާނެ ކަމަށް، އެމެރިކާގެ ވަފްދުން ބުންޏެވެ.
ޖެނީވާގައި މިއަދު ބާއްވާ ރަސްމީ ވާހަކަތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ، ޔޫކްރޭންގެ މައްސަލަ ހައްލުކުރުމަށް ރަޝިޔާ އިން އެކުލަވައިލާފައިވާ ދެ އެއްބަސްވުމުގައިވާ ކަންކަމާ ގުޅޭ ގޮތުންނެވެ. އޭގެ ތެރެއިން ފުރަތަމަ އެއްބަސްވުމަކީ، އެމެރިކާ އާއި ރަޝިޔާއާ ދެމެދު ސޮއި ކުރުމަށް އެކުލަވައިލާފައިވާ އެއްބަސްވުމެކެވެ. ދެ ވަނަ އެއްބަސްވުން ގާއިމުކުރާނީ ރަޝިޔާ އާއި ނޭޓޯއާ ދެމެދުގަ އެވެ.
މި ދެ އެއްބަސްވުމުގައި ވެސް އެކުލެވޭ މައިގަނޑު ބައިތަކަށް އެމެރިކާ އާއި ނޭޓޯ އިން ވެސް އެއްބަހެއް ނުވާނެ އެވެ. އޭގެ ތެރެއިން ވެސް އެންމެ މުހިންމު ބަޔަކީ، ޔޫކްރޭނަށް ނޭޓޯގެ މެމްބަރުކަން ނުދޭނެ ކަމަށާއި، ނޭޓޯގެ އަސްކަރީ ހަރަކާތްތައް އިރުމަތީ ޔޫރަޕަށް ފުޅާ ނުކުރާނެ ކަމަށް ބުނާ މާއްދާތަކެވެ.
އިއްޔެ ބޭއްވި މަޝްވަރާތަކުގައި ބައިވެރިވި ރަޝިޔާ ވަފްދުގެ ވެރިޔާ އަދި އެ ގައުމުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ސަރްގޭ ރަޔަބްކޯވް ވިދާޅުވި ގޮތުގައި އިއްޔެގެ ބައްދަލުވުމަކީ އާދަޔާ ހިލާފު ބައްދަލުވުމެކެވެ. އަދި އެއީ ވަރަށް އުނދަގޫ މަޝްވަރާތަކެއް ކަމަށާއި ނަމަވެސް، ވާހަކަ ދައްކަން ބޭނުންވި މައިގަނޑު ނުކުތާތަކުގެ މައްޗަށް ދެ ފަރާތުން ވެސް ހިޔާލު ބަދަލުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އެމެރިކާ ވަފްދުގެ ވެރިޔާ އަދި އެ ގައުމުގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ވެންޑީ ޝާމަން ވިދާޅުވި ގޮތުގައި، އިއްޔެގެ ބައްދަލުވުމުގައި ވެސް އެމެރިކާ އިން ހިފެހެއްޓީ، މިނިވަން ގައުމުތަކަށް ލިބިގެންވާ ހައްގުތައް ނެގެހެއްޓުމުގެ އުސޫލެވެ. ކޮންމެ ގައުމަކަށް ވެސް އެ ގައުމެއް ބޭނުންވާ ޖަމާއަތަކާ ބައިވެރިވުމަށް ލިބިދީފައިވާ ސިޔާދަތީ މިނިވަންކަމާއި ސަރަހައްދީ ރައްކާތެރިކަމާއި، އެ ގައުމެއްގެ ސިޔާދަތީ މިނިވަންކަން ދިފާއުކުރުމުގެ ސިޔާސަތު އެމެރިކާގެ ވާހަކަތަކުގައި ދެމެހެއްޓި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔޫކްރޭން އާއި ރަޝިޔާ ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައި މިހާރު ވެސް ރަޝިޔާގެ އެއް ލައްކަ އަށް ވުރެ ގިނަ އަދަދެއްގެ ސިފައިން ބަރު ހަތިޔާރާ އެކުގައި އެބަ ތިއްބެވެ. އަދި ގާތްގަނޑަކަށް އެ އަދަދުގެ ސިފައިން، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޔޫކްރޭންގެ ބޯޑަރު ސަރަހައްދަށް ޖަމާކުރެވޭ ވަރަށް ކައިރި ސަރަހައްދުތަކުގައި އެބަ ތިބި ކަމަށް ވެސް އެމެރިކާ އިން ތުހުމަތުކުރެ އެވެ.
އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި، ރަޝިޔާ ސިފައިން މިހާރު ތިބީ ރައީސް ލަޑިމިއާ ޕުޓިން އަމުރެއް ނެރުއްވާތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޔޫކްރޭނަށް ހަމަލާ ދެވޭ ވަރަށް ފުރިހަމަ އަށް ތައްޔާރުވެގެންނެވެ. އަދި މި އަހަރުގެ ކުރީކޮޅުގެ ޔޫކްރޭނަށް ހަމަލާއެއް ދިނުމަށް ރަޝިޔާ އިން ވަނީ ރާވައިފަ އެވެ.
ނަމަވެސް ރަޝިޔާ އިން މި ތުހުމަތުތައް ދޮގުކުރެ އެވެ. ރަޝިޔާ އިން ބުނާ ގޮތުގައި އެ ގައުމުން އަމިއްލަ ނަފްސުގެ ދިފާއުގައި ފިޔަވަޅު އަޅަމުން އަންނަނީ، ނޭޓޯގެ އަސްކަރީ ހަރަކާތްތައް ރަޝިޔާގެ އިމާ ގާތަށް ފުޅާކުރަމުން ދާތީ އެވެ.
އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ވިދާޅުވީ މިއަދު ބާއްވާ މަޝްވަރާތަކަކީ، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ ކުރިމަތިވާނެ ތެދުވެރިކަމުގެ ހިނދުކޮޅެއް ކަމަށެވެ.
"އަހަރެމެންގެ ކުރިމަތީގައި އޮތީ ދެ މަގެއް. އެއް މަގަކީ، އަހަރެމެން ކުރިމަތިލުމަކަށް ނުގޮސް ވާހަކަ ދައްކައިގެން ޑިޕްލޮމެސީ ބޭނުންކޮށްގެން ބައެއް ކަންކަން ހައްލުކުރުމުގެ މަގު. އަނެއް މަގަކީ، ޔޫކްރޭނާ ދެކޮޅަށް އުދުވާނީ ހަމަލާއެއް ދީގެން ކުރިމަތިލުމަކަށް ގޮސް، ދަތި އުނދަގޫ ނަތީޖާތަކަކާ ރަޝިޔާ ކުރިމަތިލާން ޖެހިދާނެ މަގެއް. އަހަރެމެންނަށް މިއަދު އެނގޭނެ، ރައީސް ޕުޓިން ހުންނެވީ މިތަނުން ކޮން މަގެއް އިޚްތިޔާރު ކުރައްވައިގެންކަން،" ބްލިންކެން ވިދާޅުވި އެވެ.
އެމެރިކާ ސަރުކާރުން ބުނާ ގޮތުގައި، ނޭޓޯގެ މެމްބަރަކަށް ވުމަށް މިނިވަން ދައުލަތްތަކަށް ލިބިގެންވާ ހައްގަކީ، އެއާ ބެހޭ ގޮތުން އެއްވެސް މަޝްވަރާއެއް ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެމެރިކާ ސިފައިން ޔޫރަޕްގައި ތިބުމާ ބެހޭ ގޮތުން ވެސް މަޝްވަރާއެއް ނުކުރެވޭނެ އެވެ.
އެހެން ނަމަވެސް، ރަޝިޔާ އިން ހުށަހަޅާފައިވާ އެހެން ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެވިދާނެ އެވެ. އޭގެ ތެރޭގައި ޔޫރަޕްގައި އެމެރިކާގެ މިސައިލް ނިޒާމުތައް ބަހައްޓާ އަދަދު ވަކި ވަރެއްގައި ހިފެހެއްޓުމާއި، ޔޫރަޕްގައި އެމެރިކާ އިން ބާއްވާ އަސްކަރީ ތަމްރީނުތައް ވަކި އަދަދެއްގައި ބެހެއްޓުމާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެވިދާނެ ކަމަށް ބްލިންކެން ވިދާޅުވި އެވެ.