ކުއްލި ނިންމުންތަކުން އާންމު އުނދަގޫ، އެޗްޕީއޭ ބުނަނީ ފިޔަވަޅު އަޅަނީ ކުއްލިއަކަށް ނޫން ކަމަށް!
ކުއްލި ނިންމުންތަކުން އާންމު އުނދަގޫ، އެޗްޕީއޭ ބުނަނީ ފިޔަވަޅު އަޅަނީ ކުއްލިއަކަށް ނޫން ކަމަށް!

އާ ވޭރިއަންޓްތަކާ އެކު ކޮވިޑް ހަލުވި މިނުގައި ފެތުރޭކަން އެނގޭ އިރު ވެސް އެކަށީގެންވާ ފިޔަވަޅު ނާޅާއި ތިބުމަށް ފަހު ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އާއްމުންނަށް ތަކުލީފަކަށް ވާ ގޮތަށް ކުއްލި ގޮތަކަށް ވަރުގަދަކުރުމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ފާޑުކިއުން ބޮޑުވެއްޖެ އެވެ.

ކުއްލި ނިންމުންތަކުން އާންމު އުނދަގޫ، އެޗްޕީއޭ ބުނަނީ ފިޔަވަޅު އަޅަނީ ކުއްލިއަކަށް ނޫން ކަމަށް!
ކުއްލި ނިންމުންތަކުން އާންމު އުނދަގޫ، އެޗްޕީއޭ ބުނަނީ ފިޔަވަޅު އަޅަނީ ކުއްލިއަކަށް ނޫން ކަމަށް!

ބާރަށް ފެތުރޭ އޮމިކްރޮން ރާއްޖެ އިން ފެނުނީ މި ހަފުތާއަކު ނޫނެވެ. މިދިޔަ ޑިސެމްބަރު މަސް ފެށުނުއިރު ރާއްޖެ އިން އެ ވޭރިއަންޓް އޮތީ ފެނިފަ އެވެ. އެކަމަކު، ހަތް ގައުމަކުން މީހުން ރާއްޖެ އައުން މަނާކުރުން ފިޔަވައި މާ ސީރިއަސް ފިޔަވަޅުތަކެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެޅި ތަނެއް ނުފެނެ އެވެ.

ކުއްލި ނިންމުންތަކުން އާންމު އުނދަގޫ، އެޗްޕީއޭ ބުނަނީ ފިޔަވަޅު އަޅަނީ ކުއްލިއަކަށް ނޫން ކަމަށް!
ކުއްލި ނިންމުންތަކުން އާންމު އުނދަގޫ، އެޗްޕީއޭ ބުނަނީ ފިޔަވަޅު އަޅަނީ ކުއްލިއަކަށް ނޫން ކަމަށް!

ޑެލްޓާ ވޭރިއަންޓާއި އޮމިކްރޮން ފެތުރެން ތިބީ ދޫކޮށްލައިގެންނެވެ.

އެކަމަކު މިދިޔަ ހަފުތާގެ ފަހުކޮޅުން ފެށިގެން ކުއްލި ގޮތަކަށް އެޗްޕީއޭ ވަރަށް އެކްޓިވް ވެއްޖެ އެވެ. ހިތުހުރި ގޮތަށް ދެން މާސްކް އަޅާ ނަމަ ފިޔަވަޅު އަޅަން އެންގީ އެވެ. ކަރަންޓީން އުސޫލް ވެސް ހަރުކަށި ކުރީ އެވެ. އެންމެން އެއް ތަނަކަށް ޖަމާވެ ފުރި ބާރުވެގެން ގެންދިޔަ ނައިޓް މާކެޓް ވެސް ނިމެން ކައިރިވެފައި އޮއްވައި ހުއްޓުވީ އެވެ. އެކަމާ މެދު ހިތްހަމަނުޖެހިގެން ޝަކުވާ ކުރުމުން އަލުން ހުއްދަ ދިނުމަށް ފަހު އަނެއްކާވެސް މަނާކުރީ އެވެ.

މައްސަލައަކަށް ވީ ކޮވިޑާ ހެދި ދަތުރުފަތުރުގެ ދަތިކަމުގައި ދެ އަހަރެއްހާ ދުވަހު ރަށުން ބޭރު ނުވެވި ތިބި އެންމެން މާލެ ޖަމާވުމާ ދިމާކޮށް އެއްވެސް ގައިދުރު ކަމެއް ނެތި ފުލުފުލުގައި ބޭއްވި ނައިޓް މާކެޓްތައް ނުހުއްޓުވުމެވެ. ހުޅުމާލޭގައި، އާ އަހަރު ފާހަގަކުރަން އެތައް ހާސް ބަޔަކު ޖަމާވެ މިއުޒިކް ޝޯ ބޭއްވުމުގައި ވެސް ކޮވިޑަށް ބަލާލުމެއް ނެތެވެ. ގިނަ މީހުން ބައިވެރިވާ އެއްވުންތައް ނުބާއްވަން އެޗްޕީއޭ އިން އެންގި އެވެ. އެކަމަކު އެންގުމާ ހިލާފުވާ ކަން އެނގި ތިބެ ވެސް އަޅާނުލީ އެވެ.

އެޗްޕީއޭ އިން ރޭ އާއްމުކުރި ހިސާބުތަކުގައިވާ ގޮތުން ފިޔަވަޅުތައް ވަރުގަދަނުކޮށް ވާން ނެތީ މާލޭގެ ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ މަތިވެފައި ވުމުންނެވެ. އެހެންވެ މަޖުބޫރުކުރީ މާލެ އިން ރަށްރަށަށް ފުރާ އިރު ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮތުމަށެވެ.

ކުއްލިއަކަށް ޕީސީއާރު ޓެސްޓް ހަދައިގެން ފުރާ ގޮތަށް ހަމަޖެއްސުން ވީ އާއްމުންނަށް ބޮޑު އުނދަގުލަކަށެވެ. ކުޑަކުދިންނާ އެކު ޕީސީއާރު ދިގު ކިޔޫތަކަށް އަރަން ޖެހުނީ އެވެ. މަގުމަތީގައި ދަމާފައިވާ ސަފުތަކަށް ބަލާއިރު، މިގޮތަށް ތޮއްޖެއްސުމަކީ ވެސް ކޮވިޑުގެ ނުރައްކާ ބޮޑު ކަމެއް ކަން ކުއްލި ނިންމުމުގައި އެޗްޕީއޭގެ ވިސްނުމެއް ނެތެވެ.

ޕީސީއާރު ހިލޭ ހެދޭނެ މަދު ތަނެއް ހުރި އިރު އަމިއްލަ ކްލިނިކްތަކުގައި ޓެސްޓް ހެދެނީ ބޮޑު އަގުގަ އެވެ. އެ ތަންތަނުގައިި އެޗްޕީއޭގެ ނިންމުންތައް ނިންމުގައި އުޅުއްވާ އިސް ބޭފުޅުންގެ މަސްލަހަތު އޮތުމަކީ ވެސް ނިންމުންތަކާ މެދު ސުވާލު އުފައްދަމުންދާ ކަމެކެވެ.

ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރި ބައެއް މީހުން ބުނާ ގޮތުގައި ކުރިން ވެސް އެޗްޕީއޭގެ ނިންމުންތަކުގައި އާއްމުންނާ މެދު ވިސްނައެއް ނުލަ އެވެ. ކުއްލި ކުއްލިއަށް ނިންމާ ދެކޮޅު ނުޖެހޭ ނިންމުންތައް ޖެހިގެން އަންނަ ދުވަހު ބަދަލުކުރަން ޖެހެނީ އެހެންވެ ކަމަށް ފާޑުކިއުން އަމާޒުކޮށްފައިވެ އެވެ.

ޓުވިޓާގައި އެކަކު ލިއެފައިވާ ގޮތުގައި އެޗްޕީއޭގެ ނިންމުންތައް ހުންނަނީ ކޮވިޑު އިތުރަށް ފެތުރޭ ގޮތަށެވެ. އުސޫލްތައް ހަދަން ވާނީ ތަންފީޒު ކުރެވޭ ގޮތަށް ކަމަށާއި އެޗްޕީއޭ އަކީ ވިޔަފާރި ކުންފުންޏަކަށް ހަދައިގެން ނުވާނެ ކަަމަށް ވެސް ބުންޏެވެ.

އަނެއް ބަޔަކު ތުހުމަތު ކުރާ ގޮތުގައި ކުއްލި ގޮތަކަށް ޕީސީއާރު އަނެއްކާވެސް މަޖުބޫރުކުރީ ބަޔަކު މުއްސަނދިކޮށްދޭށެވެ.

އެޗްޕީއޭ އިން ފިޔަވަޅުތައް ހަރުކަށި މިކުރީ މި ތިން ހަފުތާގައި ބަލި ވަރަށް ބޮޑަށް ފެތުރޭނެ ކަމަށް ލަފާކޮށްފަ އެވެ.

އެޗްޕީއޭގެ ނިންމުންތަކަށް އަމާޒުވާ ފާޑުކިއުންތަކާ ގުޅިގެން ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން (ތަހޭ) "މިހާރު" އަށް ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަނީ ކުއްލިކުއްލިއަކަށް ނޫން ކަމަށެވެ. ކޮވިޑު ފެތުރޭ މިންވަރަށް ބަލައި އާއްމުންގެ ރައްކާތެރިކަަމަށް ވިސްނައިގެން ކަަމަށް ވިދާޅުވި އެެވެ.

ކޮވިޑު ބަލީގެ ހަރުކަށި ފިޔަވަޅުތަކުގައި ގިނަ ދުވަސްތަކެއް ހޭދަވުމަށް ފަހު އޮގަސްޓް މަހުގެ ތެރޭގައި ލުއި ދިން އިރު ވެސް ޕޮޒިޓިވިޓީ ރޭޓު ފަސް ޕަސެންޓަށް ވުރެން މަތިވެއްޖެ ނަމަ ޕީސީއާރު މަޖުބޫރުވާނެ ކަން އެޗްޕީއޭގެ ޕްރެސް ކޮންފަރެންސްތަކާއި އެންގުންތަކުގައި ވެސް ވާނެ ކަމަށް ވިދާޅުވި އެވެ.

"އެޗްޕީއޭ އިން އިސްކަންދޭނީ އާއްމުންގެ ރައްކާތެރިކަމަށް. އޮގަސްޓުގައި ދިން ލުޔާ އެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން މިއައީ،" ތަހޭ ވިދާޅުވި އެވެ.

މާލެ އިން ފުރާ އިރު ޕީސީއާރު ހަދަން ޖެހޭނެ ކަމަށް އެންގީ މާލޭގެ ޕޮޒިޓިވިޓީ ރޭޓް މަތިވެފައިވާތީ ކަން ފާހަގަކުރައްވައި ވިދާޅުވީ އެކަމުގައި ވެސް ލުޔެއް ދީފައިވާނެ ކަމަށެވެ. އެއީ ރަށަށް ފުރާ މީހުން ރަށަށް ގޮސް ޓެސްޓްކޮށް ސާމްޕަލް ލިބެންދެން 48 ގަޑިއިރު ކަރަންޓީންގައި ތިބެވޭނެ ކަމަށް ވިދާޅުވި އެވެ.

މައްސަލައަކަށް ދިމާވަނީ ބައެއް ރަށްރަށުގައި ޕީސީއާރު ޓެސްޓް ކުރެވޭނެ ގޮތެއް ނެތުމެވެ.

މާލޭގެ ކޭސް ލޯޑު މައްޗަށް ދާ ތަން އެޗްޕީއޭ އިން މި ފަހުން އާއްމުކުރާ ކޮވިޑުގެ ތަފާސްހިސާބުތަކުން އެނގެ އެވެ. މާލެ އިން ދާ މީހުން ޕީސީއާރު ހެދުމާއި ކަރަންޓީނަށް ދާން ޖެހޭ ގޮތަށް ހެދީ ރަށްރަށުގައި ވެސް ބަލި ގެންދިއުން ކޮންޓްރޯލް ކުރާށެވެ.

އެއްފަހަރާ ގިނަ ބަޔަކު ޕޮޒިޓިވްވުމަކީ ދެ ޑޯޒު ވެކްސިނާ އެކު ބަލިން ދިފާއުވެ ތިއްބަސް ނުރައްކާތެރި ބަލިތަކުގެ މީހުންނަށް އޭގެ ބިރު އޮތް ކަމެކެވެ.

އެޗްޕީއޭ އިން ފިޔަވަޅު އަޅާނީ އާއްމުންގެ ރައްކާތެރިކަމަށްޓަކަ އެވެ. އެކަމަކު ގިނަ ބައެއްގެ ހިތްހަމަނުޖެހުމަކީ ތަރުތީބެއް ނެތި އާއްމުންނަށް އުނދަގުވާ ގޮތަށް ފިޔަވަޅުތައް އެޅުމެވެ.