ވިލާ ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ވިލާ ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ވިލާ ކޮލެޖުގައި އަންނަ މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ވިލާ ކޮލެޖުން މިއަދު ބުނީ، ގިނަ ދަރިވަރުންތަކެއްގެ އެދުމުގެ މަތިން، ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ހަފުތާގެ ބުރާސްފަތިދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ކުރިން ހަމަޖައްސާފައިވާ ގޮތުން ކޯސްތަކަށް އެދުމުގެ އެންމެ ފަހު ދުވަހަކީ މިދިޔަ ހޯމަދުވަހެވެ.

ތަފާތު ދާއިރާތަކުން 56 ކޯހެއް ވިލާ ކޮލެޖްގައި އަންނަ މަހު ފަށާނެ އެވެ. މި ކޯސްތައް ހިންގަނީ މާލޭގެ އިތުރުން ނުވަ ރަށެއްގައި ހިންގާ ވިލާ ކޮލެޖުގެ ކެމްޕަސްތައް ވެސް ހިމަނައިގެންނެވެ.

ވިލާ ކޮލެޖުގެ ކެމްޕަސް ނުހުންނަ ރަށްރަށުގައި ވެސް ކޯސްތައް ހިންގަން ނިންމާފައިވާ ކަމަށް އެ ކޮލެޖުން ބުންޏެވެ.

މާސްޓާސް ފެންވަރުގެ ހަ ކޯހަކާއި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ފެންވަރުގެ ތިން ކޯހަކާއި ޑިގްރީ ފެންވަރުގެ 15 ކޯހަކާއި އެޑްވާންސް ޑިޕްލޮމާ ފެންވަރުގެ ދެ ކޯހަކާއި ޑިޕްލޮމާ ފެންވަރުގެ ހަތް ކޯހެއް ވިލާ ކޮލެޖުގައި އަންނަ މަހު ފަށާނެ އެވެ. މީގެ އިތުރުން ފައުންޑޭޝަން ފެންވަރުގެ ނުވަ ކޯހަކާއި ސެޓްފިކެޓް ތިނެއްގެ ފެންވަރުގެ އަށް ކޯހެއް ހިންގަން ވެސް ވަނީ ނިންމައިފަ އެވެ.

ވިލާ ކޮލެޖުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފައިނޭންޝަލް ފެސިލިޓީސްގައި ބައިވެރިވުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.