10 ޖެނުއަރީ 2022 - 00:47

ކޮވިޑު-19 ގެ ކޭސްތައް އިތުރުވާން ފެށުމުން މާލެ ސަރަހައްދުން ރަށްރަށަށް ދިއުމުގައި ފިޔަވަޅުތައް ހަރުކަށި ކުރުމަށްފަހު، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ރަށްރަށަށް ދިއުމަށް ލުއި ގޮތްތަކެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ހަމަޖައްސައިދީފި އެވެ.
އެ އެޖެންސީން މިއަދު ހަވީރު ކުރި އިއުލާނުގައި ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލެއިން ކޮވިޑަށް ޓެސްޓުކުރުމަށް ކޮންމެ ހަފުތާއަކު ނަގާ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށްވުރެ މަތިވެފައިވާ ކަމަށެވެ.
އެހެންވެ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާދަމާއިން ފެށިގެން ރަށްރަށަށް ދަތުރުކުރެވޭނީ 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކު ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
ނަމަވެސް މާލެ ސަރަހައްދުން ދަތުރުކުރުމުގައި ފިޔަވަޅުތައް ހަރުކަށިކުރިއިރު، މިއީ ސްކޫލްތަކުގެ ޗުއްޓީ ދުވަސްވަރަށް ވުމުން ވަރަށް ގިނަ ބަޔަކު ވަނީ އެކި ބޭނުންތަކަށް މާލެ އައިސްފަ އެވެ. އެޗްޕީއޭގެ އެ ނިންމުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
އޭގެ ތެރެއިން ބައެއް މީހުން ބުނާގޮތުގައި، ދަތުރުކުރުމަށް ޓިކެޓާއި ހުރިހާ ކަމެއް ހަމަޖެހިފައި ހުއްޓައި ސާމްޕަލް ނަގައިގެން ދަތުރުކުރުން ވާނީ މާލީ ބުރަޔަކަށެވެ. އަދި ކުއްލިއަކަށް އެފަދަ ނިންމުމެއް ނިންމުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން އެޗްޕީއޭއިން މިރޭ ކުރި ޓްވީޓުގައި ބުނީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ރަށްރަށަށް ދަތުރުކުރާއިރު، މާލެއިން ސާމްޕަލް ނެގުމަށްފަހު ދަތުރުކޮށް ނަތީޖާ ލިބެންދެން ގޭގައި ކަރަންޓީންގައި ހުންނަން ގޮތަށް ރަށަށް ދެވޭނެ ކަމަށެވެ. އޭގެ އިތުރުން ރަށުން ސާމްޕަލް ނަގައި ޓެސްޓުކުރުމަށްފަހު، ޓެސްޓުގެ ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުންނަ ގޮތަށް ވެސް ރަށަށް ދެވޭނެ ކަމަށް އެ އެޖެންސީން ބުންޏެވެ.
އަތުން އެއްވެސް ހަރަދެއް ނުކޮށް މާލޭގައި ކޮވިޑަށް ޓެސްޓުކުރެވެނީ އެންމެ ތަނަކުންނެވެ. އެޗްޕީއޭގެ އެ ނިންމުމާ ގުޅިގެން ސާމްޕަލް ނެގުމަށް މުޅި ސޯޝަލް ސެންޓަރު ސަރަހައްދު ވަނީ ފުރާލައިފަ އެވެ. އަދި ކޮވިޑަށް ޓެސްޓުކޮށްދޭ ކްލިނިކްތަކަށް ވެސް މިރޭ ވަރަށް ބާރުބޮޑުކަމަށް، ސޯޝަލް މީޑިއާގެ ފޮޓޯތަކުން އެނގެ އެވެ.