10 ޖެނުއަރީ 2022 - 06:42

ވޯޑްލް އަކީ ކުއްލިއަކަށް ވަރަށް ބޮޑު މަގުބޫލުކަމެއް ލިބި ވައިރަލް ވެފައިވާ ވޯޑް ގޭމެކެވެ. މި ޕަޒުލް ގޭމްގައި ކޮންމެ ދުވަހަކު ފަސް އަކުރުގެ ބަހެއް ދިމާކުރަން ދޭނެ އެވެ. މި ބަސް ދިމާކުރަން ފަސް އަކުރުގެ ހަ ބަސް ހެދިދާނެ އެވެ.
ދުވަހުގެ ބަހުގައި ހިމެނޭ އަކުރެއް، ގޭމް ކުޅޭ މީހާ ބުނާ ބަހުގައި ހިމެނި އެކަމަކު ނުބައި ތަނެއްގައި އިން ނަމަ އެ އަކުރެއް ރަން ކުލައިން ދިއްލޭނެ އެވެ. ބަހުގެ ހިމެނޭ އަކުރެއް އިންނަންވީ ތަނާ ވެސް ދިމާވާ ނަމަ ފެހި ކުލައިން ދިއްލޭނެ އެވެ. އަކުރު ނެތް ނަމަ އަރާނީ އަޅި ކުލަ އެވެ.
ލިބޭ ހަ ފުރުސަތުގެ ތެރޭގައި ބަސް ދިމާކުރެވިއްޖެ ނަމަ، ދިމާކުރީ ކިހާ އަވަހަކަށްކަން ބަޔާންކޮށް ސޯޝަލް މީޑިއާގައި ވެސް ހިއްސާކުރެ އެވެ. އެކަމަކު ގޭމް ކުޅޭ އެންމެ އެ ދުވަހަކު ދިމާކުރަން ޖެހެނީ އެއް ބަހެއް ކަމަށް ވާތީ މިގޮތަށް ސޯޝަލް މީޑިއާ އަށް ލަނީ ގޭމް ކުޅެމުންދާ މީހުންގެ ފޯރި ނުކެނޑޭ ގޮތަށެވެ.
ވައިރަލް ވެފައިވާ މި ގޭމް ހެދި، ސޯޝަލް މީޑިއާ ޕްލެޓްފޯމް ރެޑިޓްގެ ސޮފްޓްވެއާ އިންޖިނިއަރެއް ކަމަށްވާ ޖޯޝް ވާޑްލް ބީބީސީ ރޭޑިއޯ 4 އަށް ބުނި ގޮތުގައި ގޭމް އާންމުކުރިތާ ތިން މަސް ދުވަހުގެ ތެރޭ 300،000 މީހުން މިހާރު ގޭމް ކުޅޭ ކަމަށެވެ. މި ލިބުނު ބޮޑު މަގުބޫލުކަމުގައި މި ގޭމުން ފައިސާ ހޯދަން އިޝްތިހާރާއި އެހެން ބައެއް ކަންކަން ހިމަނަފާނެ ކަމަށް ބުނާތީ ވާޑްލް ބުނީ މި ގޭމް މިހާ މަގުބޫލުވާނެ ކަމަށް ހީނުކުރާ ކަމަށާއި އަބަދުވެސް މި ގޭމް އޮންނާނީ މިހާ ސިމްޕަލް އެއްޗެއްގެ ގޮތުގައި ކަމަށެވެ.
ހިލޭ ވަދެވޭ ވެބްސައިޓަކުން ކުޅެވޭ މި ގޭމަށް ސްމާޓްފޯން އެޕެއް ނެތެވެ.
"މޯބައިލް ފޯން އެޕްތަކަށް އެހާ ބޮޑު ޝައުގުވެރިކަމެއް ލިބިދާނެ ކަމަާ މެދު އަހަންނަށް އެހާ ޔަގީންކަމެއް ނޯވޭ. އެއީ ނޮޓިފިކޭޝަން ފޮނުވައިގެން ސަމާލުކަން ހޯދަންޖެހޭތީ،" ވާޑްލް ބުންޏެވެ.
"ވެބްސައިޓެއް މެދުވެރިކޮށް ކުޅޭ ގޮތަށް ހެދީ ހަމަ ގަސްތުގައި. އެއީ އަހަރެން ބޭނުން ނުވީ އެހާ ބޮޑު ސަމާލުކަމެއް ވެސް. މިއީ ވަރަށް އާދައިގެ، އެންމެ ތިން މިނެޓުން ކުޅެލެވޭ ގޭމެއް."
އޭނާ ބުނީ މީގައި އެއްވެސް އިޝްތިހާރެއް ވެސް ނުހުންނާނެ ކަމަށާއި ޑޭޓާ ހަރަދު ބޮޑުވާނެ އެއްވެސް ކަމެއް ވެސް ކޮށްފައި ނުހުންނާނެ ކަމަށެވެ.