ލީކުވި ގައިގޯޅި ފޮޓޯތައް ނުފަތުރަން ޖެކްލީން އާދޭސްކޮށްފި
ލީކުވި ގައިގޯޅި ފޮޓޯތައް ނުފަތުރަން ޖެކްލީން އާދޭސްކޮށްފި

ބޮލީވުޑްގެ ބަތަލާ ޖެކްލިން ފެނަންޑޭޒް އާއި ލޯބިވެރިޔާ ކަމަށް ބުނާ ސުކޭޝް ޗަންދުރަސޭކަރުގެ ގައިގޯޅި ފޮޓޯތަކެއް އާންމުވުމުން އެ ފޮޓޯތައް މީޑިއާ މެދުވެރިކޮށް ނުފެތުރުމަށް ޖެކްލީން އާދޭސްކޮށްފި އެވެ.

އުމުރުން 36 އަހަރުގެ ޖެކްލީންގެ ނަން މި ދުވަސްވަރު ހަބަރުތަކުން ޖާގަ ހޯދަނީ އޭނާގެ ފިލްމީ މަސައްކަތްތަކަށް ވުރެ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ހުރި ގޮތުންނެވެ.

އިންޑިއާ އިން ފުރަން އުޅެނިކޮށް މުމްބާއީ އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުން އޭނާ ހުއްޓުވައި ޕާސްޕޯޓް ހިފެހެއްޓުމަށް ފަހު އޭނާ ދޫކޮށްލި ނަމަވެސް އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައެއް ކުރިއަށް އެބަދެ އެވެ.

އިންޑިއާގެ އެންފޯސްމަންޓް ޑިރޮކްޓަރޭޓް (އީޑީ) އިން އެ މައްސަލައާ ގުޅިގެން އޭނާއާ ސުވާލު ވެސް ކުރި އެވެ. އެ މައްސަލަ އަކީ އޭނާ ލޯބީގެ ގުޅުމެއް ބާއްވަމުން އައި ކަމަށް ބުނާ ސުކޭޝް އަޑީގައި ހުރެގެން ހިންގާފައިވާ ކަމަށް ބުނާ 200 ކްރޯޑް ރުޕީސްގެ މައްސަލައެކެވެ.

އޭނާގެ އަތުން ޖެކްލީން އަށް ހަދިޔާގެ ގޮތުގައި 10 ކްރޯޑް ރުޕީސްގެ ތަކެތި ލިބިފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރާއިރު ދެ މީހުން އެކީގައި ނަގާފައިވާ ގައިގޯޅި ފޮޓޯތަކެއް ވެސް އާންމުވި އެވެ.

ސްރީ ލަންކާއަށް އުފަން ޖެކްލީން އޭނާގެ އިންސްޓަގްރާމު މެދުވެރިކޮށް ހިއްސާކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އިންޑިއާ އާއި އެ ގައުމުގެ މީހުން އޭނާއަށް ވަރަށް ބޮޑަށް ލޯތްބާއި އިހުތިރާމު ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި އޭނާގެ މީޑިއާ އެކުވެރިން ހިމެނޭ ކަމަށާއި އެ މީހުންގެ ފަރާތުން ވަރަށް ގިނަ އެއްޗެހި ދަސްވެފައިވާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިއީ ވަރަށް އުނދަގޫ ވަގުތެކެވެ، އެކަމަކު މި އުނދަގޫ ވަގުތުގައި ވެސް މީޑިއާ އާއި އޭނާގެ ސަޕޯޓަރުން އޭނާއާ އެކު ވާނެ ކަމަށް ގަބޫލުކުރާ ކަމަށާއި އެ އިތުބާރާ އެކު އެދެނީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ފޮޓޯތައް އާންމުނުކުރަން ކަމަށެވެ.

"މިީޑިއާގެ އެކުވެރިންގެ ކިބައިން އެދެނީ އަހަރެންގެ ޕްރައިވަސީ އާއި ޕާސަނަލް ސްޕޭސް ހިމެނޭ ފޮޓޯތައް އާންމުނުކުރުމަށް. މިގޮތަށް [މީޑިއާތަކުން] އެ މީހެއްގެ އަމިއްލަ މީހަކަށް ނުހަދާނެ. އަދި އަހަންނަށް ވެސް އެގޮތަށް ނުހަދާނެ ކަމަށް ގަބޫލުކުރަން،" ޖެކްލީންގެ ޕޯސްޓުގައި ބުންޏެވެ.

އިންސާފު ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް ބުނެ ޖެކްލީން ހިއްސާކުރި އެ ޕޯސްޓަށް ހުރީ ކޮމެންޓް ނުކުރެވޭ ގޮތަށް ވެސް ހަދައިފަ އެވެ.

އެގޮތަށް އާދޭހާ އެކު ޖެކްލީން އެދުނު ނަމަވެސް ބައެއް މީޑިއާތަކުން ވަނީ ޖެކްލީންގެ ގައިގޯޅި ފޮޓޯތައް ޚަބަރުތަކުގައި ބޭނުންކޮށްފަ އެވެ.

ޖެކްލީން ރައްޓެހިވެގެން އުޅޭ ކަމަށް ބުނާ ސުކޭޝް އަކީ އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ޕާޓީ، އޭއައިއޭޑީއެމްކޭގައި ކުރިން އޮތް ވާދަވެރި ސަސީކަލާގެ ފެކްޝަންގެ ފަރާތުން ޕާޓީގެ ލޯގޯއެއް ހޯދަން އިލެކްޝަން ކޮމިޝަނަށް 2017 ގައި ރިޝްވަތު ދިންކަމުގެ ދައުވާ ވެސް އުފުލުނު މީހެކެވެ. އޭނާގެ މައްޗަށް ކުރެވޭ 200 ކްރޯޑް މަނީ ލޯންޑްރިންގެ މައްސަލައިގެ ތަގުގީގު ކުރިއަށްދާ އިރު މަކަރާއި ހީލަތުގެ އެތައް ތުހުމަތެއް ސުކޭޝްގެ މައްޗަށް ކުރެވެ އެވެ.