10 ޖެނުއަރީ 2022 - 06:45

ބޮލީވުޑުގެ ބަތަލާ، މަލައިކާ އަރޯރާގެ އަތުގައި ވަރަށް ރީތި ހައި ހީލްސް އެބަ ހުރި ކަމަށާއި އެކަމަކު އެ ތަކެތި ބޭނުންކުރާނެ އަންހެން ދަރިއަކު ނެތުމުން، އަންހެން ދަރިއަކަށް އެދޭ މިންވަރު އޭނާ ހާމަކޮށްފި އެވެ.

އުމުރުން 48 އަހަރުގެ މަލައިކާ މި ވާހަކަ ދެއްކީ "ސުޕަ ޑާންސާ ޗެޕްޓާ 4" ގެ ހަގު އަންހެން ބައިވެރިއެއް ކަމަށްވާ، ފްލޮރީނާ ޖޮޖޯއީ ފެންނަ ކޮންމެ ފަހަރަކު އަންހެން ދަރިއަކު ބޭނުންވެގެން އޭނާ އުޅުނު ހަނދާންވާ ކަމަށް ބުނެ އެވެ.
މަލައިކާ ބުނި ގޮތުގައި ވަރަށް ކުރިން ފެށިގެން އޭނާ އަންހެން ދަރިއަކު ބޭނުންވެ އެވެ. އޭނާގެ ވަރަށް ގިނަ ރީތި ބޫޓުތަކާއި ހެދުންތައް ހުރި ނަމަވެސް މިހާރު އެ އެއްޗެހި ބޭނުންކުރާނެ މީހަކު ނެތް ކަމަށް ބުންޏެވެ.
މަލައިކާ ބުނި ގޮތުގައި އަންހެން ދަރިއަކު ބޭނުންވި ނަމަވެސް އޭނާގެ ފިރިހެން ދަރިފުޅު ދެކެ ވަރަށް ލޯބިވެ އެވެ.
އޭނާގެ ފިރިހެން ދަރިފުޅަކީ ކުރިން އަރްބާޒް ހާންއާ ކައިވެނިކޮށްގެން އުޅުނުއިރު އެ ކައިވެންޏަށް ލިބިފައިވާ، މިހާރު އުމުރުން މިހާރު 19 އަހަރުގެ ޒުވާނެކެވެ. މީގެ ފަސް އަހަރު ކުރިން މަލައިކާ އާއި އަރްބާޒް ވަކިވެ މިހާރު މަލައިކާ އުޅެނީ އެކްޓަރު އަރްޖުން ކަޕޫރާ ރައްޓެހިވެގެންނެވެ.
މަލައިކާ އާއި އަރްޖުން ލޯބީގެ ގޮތުން ގުޅުނަސް އޭނާގެ ފިރިހެން ދަރިފުޅާ ގުޅުން ރަނގަޅެވެ. އޭނާ ބުނީ ކުދިން އެޑޮޕްޓް ކުރުމާއި އަދިވެސް އިތުރު ގިނަ ކަންކަމުގެ މަޝްވަރާ ދަރިފުޅާ އެކު ކުރާ ކަމަށެވެ. އެކަމަކު ކުއްޖަކު އެޑޮޕްޓްކުރުމަށް އަދި ނުނިންމާ ކަމަށް ބުންޏެވެ.