10 ޖެނުއަރީ 2022 - 06:38

ބޭރަށް ހިންގުމުގެ ރޯގާއެއް ހަލުވިކަމާ އެކު ފެތުރެމުން ދާއިރު މި ވޭނަށް ލުއި ހޯދަން އެކި މީހުން އެކި ފަރުވާ ބޭނުންކުރެ އެވެ. އެކަމަކު ބޭރަށް ހިންގުން ފަދަ ކަމެއްގައި ފަރުވާ ބިނާވާނީ އެ މީހަކަށް އެކަން ތަޖުރިބާކުރެވޭ ގޮތެއްގެ މައްޗަށެވެ.
ބޭރަށް ހިންގުމަކީ ހަށިގަނޑުން ވަރަށް ގިނަ ފެން ބޭރުވެގެންދާ ކަމަކަށް ވުމުން ވަރަށް އަވަހަށް ވަރު ދެރަކޮށްލަ އެވެ. އެހެންވެ ދިޔާ އެއްޗެހި ގިނައިން ބޯން ޖެހެ އެވެ. މިގޮތަށް ބޭނުންކުރާ އެއްޗެހީގެ ތެރޭގައި ވެސް ބޭނުންކުރަން ރަނގަޅު އެއްޗިއްސާއި ބަލި އިތުރަށް ބޮޑުވާ އެއްޗެހި ހުރެދާނެތީ އެކަމަށް ސަމާލުވާން ޖެހޭނެ އެވެ.
ބޭރަށް ހިންގާތީ ޑޮކްޓަރަށް ދައްކާ ނަމަ ތިރީގައި މި ބުނާ ކަންކަމާ ބެހޭ ގޮތުން ޑޮކްޓަރުން ސުވާލުކޮށްފާނެ އެވެ؛
• ބޮޑުކަމުދާއިރު ލޭ ހުރޭތޯ
• ބޮޑުކަމުދާއިރު ފެންކޮށް ހުންނަވަރު
• އެކީގައި އުޅޭ މީހުންގެ ތެރެއިން އެއްވެސް މީހަކަށް މި މައްސަލަ ދިމާވެގެން އުޅޭތޯ
• ބޮޑުކަމުދާން ޖެހޭއިރު ވަރަށް އުނދަގޫވޭތޯ
• ބަނޑުގައި ނުވަތަ ދަށްބަނޑުގައި ވަރަށް ބޮޑަށް ރިއްސާތޯ
• ހުން އާދޭތޯ
• ބޮލަށް އެނބުރުންއެރުން ފަދަ ކަމެއް ވޭތޯ
• ފަހުގެ ތާރީހެއްގައި ދަތުރެއް ކޮށްފައި ވޭތޯ
• އެންޓިބައޮޓިކްސްއެއް ބޭނުންކުރޭތޯ ނުވަތަ އެންޓިބައޮޓިކް ޑޯޒެއް ފުރިހަމަކޮށް ނިންމާލީ ކޮން އިރަކުތޯ
• ވަކި އެއްޗެއް ކެއުމުން އިތުރަށް އުނދަގޫވޭތޯ
މި ކަންކަމަށް ބަލައި، ބައެއް ހާލަތުގައި، ބޮޑުކަމުދާ ތަކެތީގެ ސާމްޕަލް ނަގައި ޓެސްޓެއް ވެސް ކޮށްފާނެ އެވެ. އަދި ވަކި އެއްޗެއް ކެއުމުން އިތުރަށް ގޯސްވާ ކަމަށް ޑޮކްޓަރަށް ބެލެވޭ ނަމަ އެ އެއްޗެއް ނުކާން އަންގާނެ އެވެ. މިގޮތަށް އެންމެ ގިނައިން މަނާކުރާ ކާނާގެ ތެރޭގައި ކިރުގެ ބާވަތްތައް ހިމެނެ އެވެ.
ބޭރަށްހިންގުމަކީ ދެތިން ދުވަސް ތެރޭ ރަނގަޅުވާންޖެހޭ ކަމެކެވެ. މާގިނައިން ބޮޑުކަމުދެވޭ ނަމަ ޑިހައިޑްރޭޓްވެދާނެކަން ހަނދާނުގައި ބަހައްޓައި، ދިޔާ އެއްޗެހި ގިނައިން ބޯންޖެހޭނެ އެވެ. އެންމެ ރަނގަޅީ ސާފު ފެން ބުއިމެވެ. ޖޫސް ވެސް ރަނގަޅުވާނެ އެވެ. ބޭރަށްހިންގާ މީހެއް ނަމަ ދުވާލަކު 2-3 ލިޓަރުގެ ފެން ބޯންވާނެ އެވެ.
ބޭރަށްހިންގުމަކީ ހަށިގަނޑުގައި ހުންނަ ލޮނާއި އެފަދަ އެހެން މާއްދާތައް ވެސް ބޭރުކޮށްލާ ކަމަކަށް ވާތީ، ލޮނު ޕެކެޓް ގޮތަށް، ސްޕޯޓްސް ޑްރިންކެއް ބޯން ވެސް ޑޮކްޓަރު ލަފާ ދީފާނެ އެވެ. އެއީ ވެސް ސޯލްޓް، ޕޮޓޭސިއަމް އަދި އިލެކްޓްރޮލައިޓްސް ހަށިގަނޑަށް ލިއްބައިދޭނެ ވަސީލަތަަށް ވާނެ އެވެ.
ބޭރަށްހިންގާއިރު ހޮޑު ލެވުމަކީ ވެސް އާންމު ކަމަކަށް ވާތީ، ބުއިންތައް ވެސް އެއްފަހަރާ ނުބޮއެ ކުދި އެތި ފޮދުފޮދުން ވެސް ބޮވިދާނެ އެވެ.
ބޭރަށްހިންގާ މީހުން ކާން ވަކިން ހާއްސަ މޮޅު ކާނާއެއް ނެތް ނަމަވެސް ކާން ރަނގަޅު ބައެއް ބާވަތްތަކަށް ޑޮކްޓަރުން ލަފާ ދެއްވަ އެވެ. އޭގެ ތެރޭގައި؛
• އަލުވި
• ޕީނަޓް ބަޓަރު
• ހަން ނުހުންނަ ގޮތަށް ކުކުޅު އަދި ޓާކީ މަސް
• ޔޯގަޓް
ބޭރަށްހިންގުން އަދި ބަނޑުގައި ވައި ހެދުން އިތުރަށް ގޯސްވާ ކާނާތަކާ ދުރުވާށެވެ. މިފަދަ ކާނާގެ ތެރޭގައި؛
• ފެޓް ހުންނަ ތެލުލި ކާނާ
• ރޯ ތަރުކާރީ އާއި މޭވާ
• ކުޅި / ހަވާދު ހުންނަ އެއްޗެހި
• ކޮފީ އާއި ސޮޑާ ފަދަ، ކެފެއިން ގިނައިން ހުންނަ އެއްޗެހި
• ބީންސް
ކެބެޖް
އާންމު ބޭރަށްހިންގުންތަކަށް ވަކި ހާއްސަ ފަރުވާއެއް ވެސް ނެތެވެ. އެކަމަކު ބޭސްސިޓީއަކާ ނުލައި ގަންނަން ލިބޭ އާންމު ބައެއް ބޭސްތަކުން ފަރުވާ ހޯދިދާނެ އެވެ.
- މައުލޫމާތު: ވެބްއެމްޑީ