ޓިއްޕީ - ކުޑައިރު ޖަނަވާރުތަކާ އެކު ދުވަސްތައް ހޭދަކުރި އަންހެން ކުއްޖާ
ޓިއްޕީ - ކުޑައިރު ޖަނަވާރުތަކާ އެކު ދުވަސްތައް ހޭދަކުރި އަންހެން ކުއްޖާ

ހަ އަހަރުގެ ކުޑަކުޑަ އަންހެން ކުއްޖަކު ފަސް ޓަނުގެ ބޮޑު އެތެއް މަތީގައި އިނދެގެން ދާ ތަން ފެނުމުން ގިނަ ބަޔަކު ހައިރާން ވިޔަސް އެކުއްޖާ ބުނާ ގޮތުގައި އެއީ އޭނާގެ "ބޭބެ" އެވެ. ކުއްޖާގެ ބެސްޓް ފްރެންޑަކީ ލެޕާޑްއެކެވެ.

ޓިއްޕީ - ކުޑައިރު ޖަނަވާރުތަކާ އެކު ދުވަސްތައް ހޭދަކުރި އަންހެން ކުއްޖާ
ޓިއްޕީ - ކުޑައިރު ޖަނަވާރުތަކާ އެކު ދުވަސްތައް ހޭދަކުރި އަންހެން ކުއްޖާ

މި ފޮޓޯތައް ނެގީ ޓިއްޕީ ކުޑައިރު އެވެ. އެކަމަކު މިހާރު އޭނާ އަކީ ޒުވާނެކެވެ. ދިރިއުޅެނީ މައިންބަފައިންނާ އެކު ފްރާންސްގެ ޕެރިހުގަ އެވެ. ނަމަވެސް އަދިވެސް އޭނާ އެފްރިކާގެ ނެމީބިއާގައި ހޭދަކުރި ކުޑައިރުގެ ހަނދާންތައް އާކުރެ އެވެ. އަދި އަލުން އެތަނުގައި ދިރިއުޅެން ދާހިތް ވެ އެވެ.

ޓިއްޕީ މިފަހަރު ޚަބަރުތަކަށް އެރީ އޭނާގެ ކުޑައިރުގެ ދިރިއުޅުމުގެ މައްޗަށް ލިޔެފައިވާ "ޓިއްޕީ މައި ބުކް އޮފް އެފްރިކާ ނެމީބިއާ 1996" ވުޖޫދަށް އައުމާ ގުޅިގެންނެވެ. އެފޮތުގައި އޭނާގެ އުމުރުން އެންމެ ހަ އަހަރުގައި އެފްރިކާގެ ޖަންގަލީގައި ހޭދަކުރި ދުވަސްތަކުގެ ވާހަކަ ހިމެނެ އެވެ. ޗީތާ އާއި ޒިބްރާ ފަދަ ޖަނަވާރުތަކާ އެކު ކުޅެ މަޖާކޮށް ހެދި ހާދިސާތައް ކިޔައިދީފައިވެ އެވެ.

ޓިއްޕީ އުފަންވީ 1990 ވަނަ އަހަރު ނެމީބިއާގަ އެވެ. އޭނާއަކީ ވައިލްޑްލައިފް ފޮޓޯގްރާފަރު ދެމަފިރިން ކަމަށްވާ ސިލްވީ ރޮބާޓް އާއި އަލައިން ޑެގްރޭގެ ކުއްޖެކެވެ.

ޓިއްޕީގެ ކުޑައިރުގެ ދުވަސްތައް އޭނާ އާއި އާއިލާއިން ހޭދަކުރީ އެފްރިކާގެ ގައުމުތަކުގަ އެވެ. ސައުތު އެފްރިކާ، ޒިމްބާބުވޭ އަދި ބޮޓްސްވާނާ އަށް މައިންބަފައިންނާ އެކު ކުޑައިރު އޭނާ ދަތުރުކުރި އެވެ.

މި އަންހެންކުއްޖާ ގެންގުޅެ ބޮޑުކޮށްފައިވާ ގޮތާއި "ދަ ޖަންގަލް ބުކް" ގައި އުޅޭ ފިރިހެން ކުއްޖާގެ އުޅުމާ ވަރަށް އެއްގޮތް ކަމަށް ގިނަ ބަޔަކު ބުނެ އެވެ. ދެ ކުދިން ވެސް ކުޑައިރުގެ ދުވަސްތައް ހޭދަކުރީ ޖަންގަލީގައި ވަލު ޖަނަވާރުތަކާ އެކުގައި ކަމަށް ވެފައި އެންމެ ގާތް އެކުވެރިންނަކީ ވެސް ބައެއް ޖަނަވާރު ކަމަށް ވާތީ އެވެ.

ޓިއްޕީގެ ތަޖުރިބާތައް ހާމަކޮށްދޭ ފޮޓޯތައް އިންޓަނެޓްގައި މިހާރު އަންނަނީ ދައުރުވަމުންނެވެ. ގިނަ ބަޔަކު ހައިރާންކަމާ އެކު އެ ފޮޓޯތައް ބަލާ ކޮމެންޓްކުރަމުން އެބަ ދެ އެވެ. އަދި ޓިއްޕީގެ މި އާދަޔާޚިލާފު ތަޖުރިބާއާ މެދު ގިނަ ބަޔަކު ތިބީ ބުނާނެ އެއްޗެއް ވެސް ނޭނގިފަ އެވެ.