ދަނޑަށް އެރީ ފުރަތަމަ ހާފްގައި ދެ ގޯލް ޖަހަން، ނިންމާލީ ހެޓްރިކަކުން
ދަނޑަށް އެރީ ފުރަތަމަ ހާފްގައި ދެ ގޯލް ޖަހަން، ނިންމާލީ ހެޓްރިކަކުން

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޕްރެޒިޑެންޓްސް ކަޕްގައި ކްލަބް ގްރީން ސްޓްރީޓުން ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އެ ޓީމުގެ ޒުވާން ފޯވާޑް ހަސަން ނަޒީމް (ޗޯޓު)، ކޯޗު އަލީ ނިސްތާތު މުހައްމަދަށް ސުވާލެއް ކުރި އެވެ. އޭނާ އެހީ ހާފްޓައިމް ކުރިން ދެ ގޯލު ޖަހައިފިއްޔާ 90 މިނިޓު ކުޅެން ދޭނަންތޯ އެވެ.

ދަނޑަށް އެރީ ފުރަތަމަ ހާފްގައި ދެ ގޯލް ޖަހަން، ނިންމާލީ ހެޓްރިކަކުން
ދަނޑަށް އެރީ ފުރަތަމަ ހާފްގައި ދެ ގޯލް ޖަހަން، ނިންމާލީ ހެޓްރިކަކުން

އެ އެރި ގޮތަށް އަރައި ފުރަތަމަ ހާފު ނިމުމުގެ ކުރިން އޭނާ ދެ ގޯލް ޖެހި އެވެ. އެ މެޗުގައި ފުލް ކޮށް ކުޅެ މެޗުގެ އެންމެ ފަހު މިނިޓުގައި ހެޓްރިކް ވެސް ހަދައި ނިންމުން އިތުރަށް ފުރިހަމަކޮށްލި އެވެ. އަދި އިތުރު ވަގުތުގައި އަންސަރު އިބްރާހިމް (އަންކޮ) އަށް އެ ޓީމުގެ ފަހު ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ވެސް ޗޯޓެވެ.

ދަނޑަށް އެރީ ފުރަތަމަ ހާފްގައި ދެ ގޯލް ޖަހަން، ނިންމާލީ ހެޓްރިކަކުން
ދަނޑަށް އެރީ ފުރަތަމަ ހާފްގައި ދެ ގޯލް ޖަހަން، ނިންމާލީ ހެޓްރިކަކުން

މެޗުގައި އެންމެ ފުރަތަމަ ޗޯޓު ބެންޗުން ފަށާ ގޮތަށް އޮތަސް، ފަހު ވަގުތު އަބްދުﷲ ޔާމީން (ޔާނު) ގެ ބަދަލުގައި ފުރަތަމަ 11 ގައި ހިމެނި ޗޯޓު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނެވެ.

ނިސްތާރު ކޯޗު "މިހާރު" އަށް ބުނި ގޮތުގައި އެންމެ ފަހު ވަގުތު ފުރަތަމަ 11 އަށް ބަދަލު ގެންނަން ޖެހުނީ މާލެ ސަރަހައްދުގައި މިހާރު ފެތުރެމުންދާ ރޯގާއާ ހުރެ ޔާނު އަށް ކުޅެވޭ ގޮތް ނުވުމުންނެވެ.

"ވީގޮތަކީ ޗޯޓު އަލިފުށީގައި ކުޅެފައި އައީމަ ކޯޗު ބުނިން ކުޅެވޭނީ ފަހު 15 މިނެޓޭ. އެއީ އިންޖަރީއެއް ރިސްކް ކުރަން ބޭނުން ނުވާތީ. އެކަމަކު މިއުޅޭ ރޯގާ ޖެހިގެން އެންމެ ފަހުވަގުތު ނުކުޅެވޭތީވެ ފުރަތަމަ ހާފުގައި ޗޯޓު ނެރެން ނިންމީ. ޗޯޓު ބުނި ތިމަންނާ ފިޓޭ، މުޅި މެޗް ކުޅެވޭނެއޭ. އެކަމަކު ކޯޗު ބުނިން ފެޓީގު ވެދާނެތީވެ ޖެހިލުން ވެތޭ އެއްކޮން ކުޅުވަން،" ނިސްތާރު ބުންޏެވެ.

"ދެން ދަނޑަށް އަރަމުން ދެން ޗޯޓު ބުނަނީ ހާފް ޓައިމް ކުރިން ދެ ގޯލު ޖަހައިފިއްޔާ ހެޓްރިކް ހެދުމުގެ ފުރުސަތު އޮންނާންނޫންހޭ، އޭރުން ފުލް 90 މިނިޓު ކުޅެވެން ޖޭހެނެނޫންހޭ. ހާފް ޓައިމްގައި އައިސް ޗޯޓު ބުނީ 'ކޮބާ ކޯޗު، އެއޮތީ ދެ ގޯލު ޖަހާފަ' ނޫންހޭ. އެހެންވެ ފުލްކޮށް ޗާންސް ދިނީ އަސްލު."

ޗޯޓު، މޭން އޮފް ދަ މެޗްގެ ޓްރޮފީއާ އެކު ނެގި ފޮޓޯ ކޯޗު ނިސްތާރު ފޭސްބުކްގައި ޝެއާކޮށް، މެޗުގެ ކުރިން އޭނާ ގާތުގައި ޗޯޓު ކުރި ސުވާލު ކޮމާކޯޅިއެއް ތެރޭގައި ލިޔެފައިވެ އެވެ. އަދި މެޗުގައި ޗޯޓު ކުރި މަސައްކަތަށް ކޯޗު ވަނީ ތައުރީފުކޮށްފަ އެވެ. އެ ޕޯސްޓުގެ ޖަވާބަކަށް ޗޯޓު ކޮމެންޓްކޮށް ބުނެފައި ވަނީ "ޝުކުރިއްޔާ ބެސްޓު ކޯޗް،" އެވެ.

ޗޯޓު ވަނީ ގްރީން އިން މި ސީޒަނުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައި ވެސް ފުރަތަމަ 11 ގައި ކުޅެފަ އެވެ. ފުރަތަމަ ދެ މެޗުގައި ޗޯޓު 90 މިނިޓު ހަމަކުރި ނަމަވެސް ޖެހިގެން އައި ދެ މެޗުގައި ވަނީ ދެ ވަނަ ހާފުގެ ވަކި ހިސާބަކުން ބަދަލުކޮށްފަ އެވެ.

މިއީ 2018 ވަނަ އަހަރު ނިސްތާރު ކޯޗާ އެކު ފޯކައިދޫ ފުޓުބޯޅަ ޓީމުން ސީނިއާ ކެރިއަރު ފެށި، މިހާރު އުމުރުން 20 އަހަރުގެ ޗޯޓުގެ ސީނިއާ ފުޓުބޯޅަ ކެރިއަރުގައި ހެދި ފުރަތަމަ ހެޓްރިކެވެ. އަދި މިހާރު ކުރިޔަށްދާ ދިވެހި ފުޓުބޯޅަ ސީޒަނުގެ ވެސް ފުރަތަމަ ހެޓްރިކެވެ.

ހޮނިހިރު ދުވަހުގެ ރޭ ޗޯޓު ހެދި ހެޓްރިކުގެ ކުރިން ޕްރެޒިޑެންޓްސް ކަޕުގައި ހެޓްރިކެއް ހެދީ މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ. އަސަދުﷲ ވަނީ 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕުގެ ގުރޫޕް ސްޓޭޖުގައި ޔުނައިޓެޑް ވިކްޓަރީ ކޮޅަށް ގުރޫޕް ސްޓޭޖުގައި ހަތަރު ލަނޑު ޖަހައިފަ އެވެ.

މިނިވަން ޗެމްޕިއަންޝިޕުން ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދި ފޯކައިދޫއަށް ދެ ސީޒަން ކުޅުމަށް ފަހު ޕްރިމިއާ ލީގުން އެ ޓީމަށް ފުރުސަތު ގެއްލުމާ އެކު ކޯޗު ނިސްތާރާ އެކު ޗޯޓު ވެސް މިދިޔަ ސީޒަނުން ފެށިގެން ފެނުނީ ކްލަބް ގްރީން ސްޓްރީޓްސް އިންނެވެ. ފޯކައިދޫއާ އެކު ކުޅުނު ފަހު ސީޒަނުގެ ފަހު ބައިގައި ޗޯޓު ފެނުނީ ލޯނު އުސޫލުން ކްލަބް އީގަލްސް އިންނެވެ.

ގްރީންއާ އެކު މިދިޔަ ސީޒަނުގައި ތިން ލަނޑު ޖެހުނަސް މި ސީޒަނުގައި މިހާތަނަށް ގްރީން އިން ކުޅުނު ފަސް މެޗުން ހަތަރު ލަނޑު ޖަހައި، ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ. ހާއްސަ ކަމަކީ މިއީ ޕްރެޒިޑެންޓްސް ކަޕުގައި ޗޯޓު ކުޅޭ ފުރަތަމަ ފަހަރަށް ވުމެވެ.

ފޯކައިދުއާ އެކު ފުރަތަމަ ސީޒަނުގައި ޗޯޓު އަށް ޖެހުނީ އެންމެ ލަނޑެކެވެ. އޭނާގެ ފުރަތަމަ ލަނޑު އެ ސީޒަނުގައި ޖެހީ ވެސް ގްރީން ސްޓްރީޓްސް ކޮޅަށެވެ.

ފޯކައިދޫގައި ވެސް ތަފާތު ދައްކައި ޗޯޓު ވަނީ ޖެހިގެން އައި ސީޒަނުގައި ސީނިއާ ގައުމީ ޓީމުން ޖާގަ ހޯދައިފަ އެވެ. އުމުރުން 18 އަހަރުގައި ޗޯޓު ގައުމީ ޓީމަށް އެންމެ ފުރަތަމަ ކުޅުނީ 2019 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމްއާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗުގައި އަސަދުﷲ އަބްދުﷲގެ ބަދަލުގަ އެވެ.

ކޮލިފައިން މެޗަށް ފަހު ޗޯޓު ވަނީ ގައުމީ 18 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން ފުރަތަމަ ފަހަރަށް 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުން މެޑަލެއް ހޯދައިދީފަ އެވެ. އެ ފަހަރުގެ މުބާރާތުން ރާއްޖޭން ވަނީ ބްރޯންޒް މެޑަލް ހޯދައިފަ އެވެ.