ޑިޕޮޒިޓްގެ ހިދުމަތް ދޭ ބީއެމްއެލް ކޭޝް އެޖެންޓުންގެ އަދަދު 100 އަށް
ޑިޕޮޒިޓްގެ ހިދުމަތް ދޭ ބީއެމްއެލް ކޭޝް އެޖެންޓުންގެ އަދަދު 100 އަށް

ގދ. ހޯނޑެއްދޫގައި ކޭޝް އެޖެންޓުގެ ހިދުމަތް ތައާރަފު ކުރުމާއެކު، ފައިސާ ޖަމާކުރުމާއި ޕޭމެންޓުގެ ހިދުމަތް ދޭ ބީއެމްއެލް ކޭޝް އެޖެންޓުންގެ އަދަދު 100 އަށް އަރައިފި އެވެ.

ރާއްޖޭގެ އެކި ރަށްތަކުގައި ބީއެމްއެލްގެ 200 އަށް ވުރެ ގިނަ ކޭޝް އެޖެންޓުން މިހާރު ވެސް ހިދުމަތް ދެ އެވެ. އެކަމަކު، މީގެ ތެރެއިން ބައެއް ކޭޝް އެޖެންޓުން ދެނީ ހަމެކަނި ފައިސާ ނެގުމުގެ ހިދުމަތެވެ.

ކޭޝް އެޖެންޓުންނަކީ ބީއެމްއެލްގެ ބްރާންޗެއް އަދި އޭޓީއެމެއް ނެތް ރަށްރަށުގައި ފައިސާ ނެގުމާއި ޖަމާކުރުމަށް 2015 ވަނަ އަހަރު ތައާރަފްކުރި ހިދުމަތެކެވެ. ކޭޝް އެޖެންޓުން މެދުވެރިކޮށް ހަމައެކަނި ފައިސާ ނެގުމުގެ ހިދުމަތް ކުރިން ދިން ނަމަވެސް މިހާރު އެ މީހުން މެދުވެރިކޮށް އަތޮޅުތެރޭގައި އެއްވެސް ފީއަކާ ނުލައި، ފައިސާ ނެގުމާއި ޖަމާކުރުމާއި ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ލިބެ އެވެ.

ބީއެމްއެލް ކަސްޓަމަރުންނަށް ކޭޝް އެޖަންޓުން މެދުވެރިކޮށް ދުވާލަކު 2،000ރ. އާ ހަމައަށް ފައިސާ ނެގޭނެ އެވެ. އަދި ދުވާލަކު 10،000ރ. އާ ހަމަޔަށް ފައިސާ ޖަމާކުރެވޭނެ އެވެ.

ބޭންކުގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ މިއީ މުޅި ރާއްޖެ އަށް ބޭންކިންގެ ހިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ދޭން ފެށި މުހިންމު ހިދުމަތެއް ކަމަށެވެ. މި އަހަރުގެ ތެރޭގައި ރާއްޖޭގެ އިތުރު ރަށްތަކަށް ވެސް މި ހިދުމަތް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލުން އަންނަނީ ރާއްޖޭގެ 20 އަތޮޅުގައި 35 ބްރާންޗާއި 76 ސެލްފް ސާވިސް ބޭންކިން ސެންޓަރާއި 134 އޭޓީއެމް އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް ހިދުމަތް ދެމުންނެވެ.