14 ޑިސެމްބަރ 2016 - 19:05

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަކީ ޕީޕީއެމްގެ ރައީސްކަން އަންގައިދޭ ލިޔުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހޯދުމަށް އެމަނިކުފާނު ހުށަހެޅުއްވި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެ ލިޔުން ދުލެއް ނުކުރި އެވެ.
މައުމޫނަކީ ޕީޕީއެމްގެ ރައީސްކަމުގެ ލިޔުން ހޯއްދެވުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެމަނިކުފާނު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ، އާންމު އުސޫލުގެ ތެރެއިން ވެސް އެ ކޮމިޝަނުން އެ ލިޔުން ނުދިނުމުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަލީ ސޮއިކުރައްވައި މައުމޫނަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ ރައީސްކަން ނުވަތަ އިސް މެމްބަރެއްކަން 'އަންގައިދޭ' ލިޔުމެއް ހޯދުމަކީ އެ ޕާޓީއަކުން އެދިގެން ކުރަންޖެހޭ ކަމެއް ކަަމަށެވެ. އަދި އެއީ އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
"އަދި އެދިވަޑައިގެންފައިވާ ޖަނަވަރީ 2013 ގައި ބޭއްވުނު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފުރަތަމަ ގައުމީ ޖަލްސާގެ ޔައުމިއްޔާގެ ކޮޕީ މި ކޮމިޝަނުން ބަލަހައްޓަން ލާޒިމް ނުކުރާ ކަމާއި، މި ކޮމިޝަންގެ މައުލޫމާތަށްޓަކައި އެ ޕާޓީ އިން އެ ޔައުމިއްޔާގެ ކޮޕީ މި ކޮމިޝަނަށް ފޮނުވާފައިވާ ނަމަ، އެ ކޮޕީ ގެއްލިގެން ހޯދުމަށް ޕާޓީގެ ލެޓަ ހެޑްގައި ފޮނުވާ ސިޓީއަކުން އެދުމުން، ފޯރުކޮށްދެވޭނެ ވާހަކަ ދެންނެވީމެވެ،" އިލެކްޝަންސް ކޮމިޝަންގެ ސިޓީގައި މައުމޫނަށް އަންގާފައިވެ އެވެ.
މައުމޫނަކީ ޕީޕީއެމްގެ ރައީސްކަން އަންގައިދޭ ލިޔުން ހޯދުމަށް އެމަނިކުފާނު އިލެކްޝަންސް ކޮމިޝަނަށް ސިޓީ ފޮނުއްވީ "ޕީޕީއެމްގެ ރައީސްގެ އޮފީސް"ގެ ލެޓަހެޑުގަ އެވެ.
މައުމޫނަކީ ޕީޕީއެމްގެ ރައީސްކަން އަންގައިދޭ ލިޔުމުގެ އިތުރުން އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްގެ ޔައުމިއްޔާގެ ކޮޕީއެއް ހޯދަން ވެސް މައުމޫން ވަނީ މިިދިޔަ މަހުގެ 28 ގައި އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން މައުމޫނަށް އެންގީ އެމަނިކުފާނު ބޭނުންފުޅުވާ ލިޔެކިޔުންތައް ޕީޕީއެމާ ގުޅައިގެން ހޯއްދެވުމަށެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން، އެ ގާނޫނުގެ ދަށުން މައުލޫމާތެއް ހޯދުމަށް އެދިއްޖެނަމަ، އެންމެ ގިނަވެގެން 21 ދުވަހުގެ ތެރޭގައި އެ މައުލޫމާތެއް ފޯރުކޮށްދޭންޖެހޭނެ އެވެ.
މައުމޫނަކީ ޕީޕީއެމްގެ ރައީސްކަން އަންގައިދޭ ލިޔުމެއް އެމަނިކުފާނު ހޯއްދަވަނީ ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރަން ޕާޓީގެ ކައުންސިލުން ނިންމި ނިންމުން ބާތިލް ކުރަން މައުމޫންގެ ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެ ލިޔުން ބޭނުންވާތީ އެވެ.