ގުރައިދޫ މަރުކަޒުގައި ހިދުމަތް ދޭ މީހުން ތަމްރީނު ކުރަން އޭޖްޑް ކެއާ މޯލްޑިވްސްއާ ހަވާލުކޮށްފި
ގުރައިދޫ މަރުކަޒުގައި ހިދުމަތް ދޭ މީހުން ތަމްރީނު ކުރަން އޭޖްޑް ކެއާ މޯލްޑިވްސްއާ ހަވާލުކޮށްފި

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީތެރިކަން ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ދޮށީ އުމުރުގެ މީހުންނަށް ހިދުމަތް ދޭ މީހުންނަށް ތަމްރީނު ދިނުމަށް ޖެންޑާ މިނިސްޓްރީން އޭޖްޑް ކެއާ މޯލްޑިވްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެވެ. އަދި އޭޖްޑް ކެއާ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރު އަދި އެތަނުގެ ފައުންޑަރު، ޑރ. އައިމިނަތު ޖަމީލެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ދޮށީ އުމުރުގެ މީހުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެ، އެމީހުން ބެލުމަށް ތިބޭ މީހުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމެއް ފަރުމާކޮށް މި އެއްބަސްވުމުގެ ދަށުން ހިންގާނެ ކަމަށެވެ.

އެ ޕްރޮގްރާމް މެދުވެރިކޮށް، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ދޭ ހިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭޖްޑް ކެއާ މޯލްޑިވްސްގެ ފައުންޑަރު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން، އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާ އެކު ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށާއި އޭގެ ތެރޭގައި ދޮށީ އުމުރުގެ މީހުންނަށް ދެވޭ ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ހިންގަން ހަމަޖެހިފައިވާ ޕްރޮގްރާމަކީ ވަރަށް ބޭނުންތެރި ޕްރޮގްރާމެއް ކަމަަށެެވެ.

އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ، ގުރައިދޫ މަރުކަޒުގައި ތިބި މީހުންނަށް ދެވޭ ހިދުމަތްތައް ރަނގަޅުކޮށް ރައްކާތެރި ހިތްހަމަ ޖެހޭ މާހައުލެއް ގާއިމުކުރުމެވެ. އެއްބަސްވި ކަންކަމުގެ ތެރޭގައި، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ކެއާ ގިވާސް ގެ ހުނަރު އިތުރުކުރުމަށް، ކޮންމެ ހަތަރު މަހަކުން އެއް ފަހަރު ތަމްރީން ހިންގުމާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފުންނާއި މަޝްވަރާކޮށް ފިޒިއޮތެރަޕީ/ ކަސްރަތު އަދި އެހެނިހެން ހަރަކާތްތައް ގަވާއިދުން ހިންގޭނެ ޝެޑިއުލެއް ހެދުން ހިމެނެ އެވެ.

އޭގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ރެކްރިއޭޝަންގެ ހަރަކާތް ރޭވުމުގައި އެހީތެރިވެދިނުމުގެ އިތުރުން ޑައިޓީޝަނެއްގެ އެހީގައި ފައިދާ ހުރި ޑަޔަޓް ޕްލޭނެއް ހެދުމާއި ކޮންމެ ތިން މަހަކުން ރިވިއުކުރުން ހިމެނެ އެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، އެ މަރުކަޒުގައި ތިބޭ ދޮށީ އުމުރުގެ މީހުންނަށް ދޭ ހިދުމަތްތައް ރަނގަޅުކޮށް ރައްކާތެރި ހިތްހަމަޖެހޭ މާހައުލެއް ގާއިމްކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.