09 ޖެނުއަރީ 2022 - 12:57

މީގެ ތިން އަހަރު ކުރިން ފެށިގެން ޖަލުގައި ހައްޔަރުކޮށްފައި ހުންނެވި، ސައޫދީ އަރަބިއްޔާގެ އަމީރާ ބަސްމާ ބިންތި ސައޫދު ބިން އަބްދުލްއަޒީޒް އާއި އޭނާގެ ދަރިކަނބަލުން އަމީރާ ސުހޫދު ބިންތި ޝުކާއުއް ޝަރީފް، މިނިވަންކޮށްފި ކަމަށް އެ ދެ ބޭފުޅުންގެ ގާނޫނީ ވަކީލު ވިދާޅުވެއްޖެ އެވެ.
އަމީރާ ބަސްމާ އާއި ދަރިކަނބަލުން ހައްޔަރުކޮށް ޖަލުގައި ބަންދުކުރީ، ބޭސްފަރުވާއަކަށް ސްވިޒަލޭންޑަށް ފުރާވަޑައިގަންނަވަން އުޅުއްވަނިކޮށް 2019 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. ނަމަވެސް މިދިޔަ ގާތްގަނޑަކަށް ތިން އަހަރުގެ ތެރޭގައި، އެ ދެ ބޭފުޅުންގެ މައްޗަށް އެއްވެސް ދައުވާއެއް ނުއުފުލަ އެވެ. އަދި އެ ދެ ބޭފުޅުން ހައްޔަރުކޮށް ޖަލަށްލި ސަބަބެއް ވެސް ސައޫދީ ސަރުކާރުން ނުބުނެ އެވެ.
ނަމަވެސް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ބަސްމާ އާއި އޭނާގެ ދަރިކަނބަލުން ހައްޔަރުކުރީ، ސައޫދީގައި އިންސާނީ ހައްގުތަކަށް އާންމުން ހޭލުންތެރިކުރުމަށާއި، އަންހެނުންގެ ހައްގުތައް ހޯދައިދިނުމަށް ބަސްމާ ކުރައްވާ މަސައްކަތްތަކުގެ ސަބަބުންނެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި، އެ ދެބޭފުޅުން ހައްޔަރުކުރީ، ސައޫދީގެ ކުރީގެ ވަލީ އަހުދު މުހައްމަދު ބިން ނާޔިފް އާއި ބަސްމާއާ ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުންނެވެ.
އަމީރާ ބަސްމާ، 57، މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ވަނީ ސައޫދީ ރަސްގެފާނު ސަލްމާނަށާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އަށް ސިޓީފުޅެއް ފޮނުއްވައި، އޭނާ އާއި ދަރިކަނބަލުން މިނިވަންކޮށްދެއްވަށް އެދި އާދޭސް ދަންނަވައިފަ އެވެ. އެ ސިޓީފުޅުގައި ބަސްމާ ވިދާޅުވެފައިވަނީ އޭނާ އެއްވެސް ގޯސް ކަމެއް ނުކުރައްވާ ކަމަށާއި، ސިއްހީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ ފަރުވާ ހޯއްދަވަން ޖެހިވަޑައިގެންފައިވާ ކަމަށެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އަލްގިސްތު ޖަމިއްޔާ އިން ބުނި ގޮތުގައި، އަސްމާ ޖަލުގައި ހުންނެވި ދުވަސްވަރު، އޭނާއަށް ބޭނުންވާ ސިއްހީ ބޭސްފަރުވާގެ ކަންތައް ސައޫދީ ސަރުކާރުން ހަމަޖައްސައެއް ނުދެ އެވެ.
އަމީރާ ބަސްމާއަކީ، ސައޫދީ އަރަބިއްޔާގައި 1953 އިން 1964 އަށް ރަސްކަން ކުރެއްވި ސައޫދު ބިން އަބްދުލްއަޒީޒްގެ އެންމެ ހަގު ދަރިކަނބަލުންނެވެ.