09 ޖެނުއަރީ 2022 - 11:55

މިދިޔަ މަހު ފިލިޕިންސަށް އެރި ބާރުގަދަ ތޫފާން، "ރައި" ގެ ސަބަބުން ހާލުގައި ޖެހުނު ދިވެހި ދަރިވަރުން ރައްކާތެރި އެހެން ސަރަހައްދުތަކަަށް ސަރުކާރުން މިހާރު ބަދަލުކޮށްދީފައިވާ ކަމަށް އެ ދަރިވަރުންގެ އާއިލާތަކުން ބުނެފި އެވެ.
ފިލިޕީންސްގެ ބައެއް ސަރަހައްދުތަކަށް އެރި ތޫފާނުގައި، ސޭބޫ ސިޓީގައި ޕައިލެޓް ޓްރެއިނިން ހަދަމުން އަންނަ ދިވެހި ބައެއް ދަރިވަރުން ދިރިއުޅެމުން ދިޔަ ޑޯމިޓަރީ އަށް ބޮޑެތި ގެއްލުންތަކެއްވެ، ފެނާއި ކަރަންޓު ކެނޑި އަސާސީ ހިދުމަތްތައް ނުލިބި ތިބެން ޖެހުނެވެ.
ތޫފާނަށް ފަހު ދަރިވަރުން ހާލުގައި އުޅެނިކޮށް ސަރުކާރުން ވަނީ ދަރިވަރުން ވަގުތީ ހިޔާތަކަށް ބަދަލުކުރުމަށް ފައިސާގެ އެހީތެރިކަން ދީފަ އެވެ. އެ އެހީގައި މިހާރު ދަރިވަރުން އެކި ސަރަހައްދުތަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ކަމަށާއި ދަރިވަރުންގެ ހާލު ރަނގަޅު ކަމަށް އާއިލާތަކުން ބުންޏެވެ.
"ކިޔެވުން އޮތީ އަދިވެސް ހުއްޓިފައި. އެކަމަކު ސްކޫލުން މަސައްކަތްކުރަމުންދަނީ އެހެން ރަށެއްގައި ކިޔެވުން ފެށުމަށް. އަންނަ ހަފްތާގައި އަލުން ކިޔެވުން ފެށޭނެ ކަމަށް ވަނީ،" ދަރިވަރެއްގެ އާއިލާ އިން "މިހާރު" އަށް ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އޭނާ ބުނީ ކިޔެވުން ފެށުމުން ދަރިވަރުންގެ އެކޮމޮޑޭޝަން ހަމަޖައްސާނީ ސްކޫލުން ކަމަށް ބުނެފައިވާ ކަމަށެވެ.
އެންސްޕާ އާއި ޒަކާތު ފަންޑުގެ އެހީގައި ސަރުކާރުން މި ދަރިވަރުންނަށް އެހީވީ މަސް ދުވަހަށެވެ. މިއިން ކޮންމެ ދަރިވަރަކަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ވެސް ވަނީ 200 ޑޮލަރުގެ އެހީއެއް ދީފަ އެވެ.