16 ޑިސެމްބަރ 2016 - 06:55

އެމެރިކާގެ ޑެޓްރޮއިޓް މެޓްރޯޕޮލިޓަން އެއާޕޯޓުން ފުރަން ތައްޔާރުވެފައި އޮތް ޑެލްޓާ ފްލައިޓެއްގައި އިން އަންހެނަކު ފުލުހުން އަރާ ގަދަކަމުން ދަމާ ބާލައިފި އެވެ.
މީޑިއާތަކުން ބުނާ ގޮތުގައި ފުލުހުން އެގޮތަށް ކަންތައް ކުރީ ބޯޑިންގައި އަމަލް ކުރަން ޖެހޭ އުސޫލުތަކަށް ހުރުމަތްތެރިކޮށް ނުހިތުމުން ކަމަށް ވެ އެވެ.
ފުލުހުން ބޯޓަށް އަރާ އޭނާ ފައިބަން ތަކުރާރުކޮށް އެދުމުން ވެސް ބަސް ގަބޫލުނުކޮށް އިނީ އެވެ.
އެ އަންހެން މީހާ އަކީ ކާކު ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
އޭނާ ބޯޓަށް އެރީ ގޭޓްތަކުން ގަދަކަމުން ވަދެގަނެ އަދި ޗެކިން ވެސް ނަހަދާ ކަމަށް ވެ އެވެ. އެގޮތަށް އޭނާ ކަންތައް ކުރީ އޭގެ ކުރިން ދުވަހަކު ވެސް މަތިންދާބޯޓެއްގައި ދަތުރުކޮށްފައި ނުވާތީ ކަމަށް އޭނާ ބުނެ އެވެ.
ފޮކްސް އިން ރިޕޯޓްކުރި ގޮތުގައި ބޯޓަށް އަރާ އިށީނުމަށް ފަހު އޯވަހެޑް ކޮމްޕާޓްމަންޓުން ޖާގަ ހުސްކޮށްދޭން ވެސް އޭނާ ޑިމާންޑް ކުރި އެވެ.
މި ހާދިސާގެ ކުރު ވީޑިއޯ ކްލިޕެއް މިހާރު ޔޫޓިއުބުގައި ވަނީ އާންމުވެފަ އެވެ. ފުލުހުން އޭނާ ބޯޓުން ބާލަނީ ދެ އަތުގައި ހިފައި، ދަމާފައި ގެންގޮހެވެ.
އެއާޕޯޓުގެ ގަވާއިދުތަކަށް ބޯނުލެނބުމުގެ ސަބަބުން އޭނާ މިހާރު ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ. އަދި ވަރަށް އަވަހަށް އޭނާގެ މައްޗަށް ދައުވާ އުފުލާނެ ކަމަށް ވެސް ވެ އެވެ.