09 ޖެނުއަރީ 2022 - 08:03

ބުދަ ދުވަހާ ގުޅޭ
އަނެއްކާ ވެސް ހަމަ އެ އަޑު އިވުނެވެ. ދެން ފެނުނީ ހަލީމާ ހަޅޭއްލަވަމުން ކޮޓަރިން ނުކުތް ތަނެވެ. ހަމަ ކުއްލިއަކަށް ހަލީމާގެ ބުރަކަށިން ދިލަނަގަން ފެށީއެވެ. އޭނައަށް ހޭލެވުނީ ދިލަނަގާތީ ކެތްނުވެގެންނެވެ. ހަދާނެ ގޮތެއް ނޭނގިގެން އޭނަ ތެޅިފޮޅުނެވެ. އެކަމަކު ބުރަކަށީގައި މީހަކު އަތްލިޔަ ވެސް ނުދިނެވެ. ފަތިސްނަމާދަށް ބަންގިގޮވަންދެން ގޭތެރެ އޮތީ ހަލަބޮލިވެފައެވެ. ދަންވަރުހެން ހީ ވެސް ނުވެއެވެ. މަތީނަށް ގުޅަން ޖަލީލު ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއްނުވިއެވެ. ބަންގިގޮވަން ފެށުމުގެ މިނެޓެއް ވަރު ކުރިން ދިލަކެނޑުނެވެ. ކުއްލިއަކަށް ނަގަން ފެށި ދިލަ، އެހާމެ ކުއްލި ގޮތަކަށް ކެނޑުނީއެވެ. ހަމަހިމޭންވެފައި އޮތް އަޒްރާ ވެސް ހީވަނީ ނިދިން ހޭލެވިގެން ތެދުވިހެންނެވެ.
"ހަމަ ހީވަނީ ހޫނު ފެންއެއްޗެއް ބުރަކަށްޓަށް އޮއްސާލިހެން،" ހަމަޖެހުމުގެ ނޭވައެއްލެވުމުން ހަލީމާ ކިޔައިދިނެވެ. "މުޅި ބުރަކަށި ހުރީ ވާންވެލާފަ. ހާދަހާ ދިލައެކޭ ނެގީ."
އަޒްރާއަށް ރުގުޔާކުރުމުން އަޒްރާގެ ބޭބެއާއި މަންމައަށް ގޮތްގޮތްވަނީ ކީއްވެގެން ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު ނައުޝާދަށް ދިނީ މަތީނެވެ. ޖެހިގެން އައި ދުވަހުއެވެ. އެހެންވަނީ، ކޮންމެވެސް ގޮތަކުން އެ ވޭދަނަ ގުޅިފައި ހުރީމައެވެ. ފަރުވާކުރަން ބަލާ އިރު އެއީ އެންމެ އުނދަގޫ ވައްތަރެވެ. އަޒްރާގެ އެއްބާރުލުން އިންތިހާއަށް ލިބިގެންނޫނީ ކާމިޔާބެއް ނުކުރެވޭނެއެވެ. ރޫހާނީ ލަޝްކަރު ބޮޑު ތަފާތަކުން ބަލިކުރުމަށް ޓަކައި، އަޒްރާގެ ދިފާއީ ފާރު އުސްކުރަން ޖެހެއެވެ. ވަރުގަދަކުރަން ވެސް ޖެހެއެވެ. ނަމާދަށް ފަރުވާތެރިވެ، ގިނަގިނައިން ޤުރުއާންކިޔަވަންޖެހެއެވެ. އަޒްރާއަކީ އެ ހުރިހައި ދިމާއަކުން ވެސް ބަލިކަށި ޒުވާނެކެވެ. އެހެންކަމުން، ގަދަހިފުމަކަށް ދިޔުމުގެ ކުރިން އަޒްރާގެ އީމާންތެރިކަން ވަރުގަދަކުރަން މަތީން އެދުނެވެ. އެ ކަމެއް ނުވިއެވެ. އެންމެ ނަމާދެއްކުރާކަށް ވެސް އަޒްރާ ބޭނުމެއް ނުވިއެވެ. ޝައުގުވެރިކަމެއް ނެތެވެ.
"އެތައް ގޮތަކަށް ވިސްނައިދީފިން. އެ ކަމެއް ނުވި،" މާޔޫސްކަމާ އެކު ނައުޝާދު ބުންޏެވެ. "މީން ޒަމާނަކު ވެސް ހަތިމުން އަކުރެއް ނުކިޔާ. ހިޔެއްނުވޭ ކުރުސި ވެސް އެނގޭނެހެނެއް. އެކަމަކު އޭނަ ރަނގަޅުކުރަން އެބަ ޖެހޭ. އެ ކަމަކުން ސަލާމަތްވީމަތާ އަހަންނަށް އިނދެވޭނީ ވެސް."
"ނޫނޭ! މިހާރު ވެސް އިނދެވޭނެ،" މަތީން ބުންޏެވެ. "އާނ ހަމަޖެހިގެނެއް ނޫޅެވޭނެ. ވަރަށް ޖެއްސުންކުރާނެ. އެކަމަކު އަހަންނަކަށް ނެތް ކޮށްދެވޭނެ ކަމެއް."
ނައުޝާދު ގަބޫލެއް ނުކުރިއެވެ. ކުރެއް ވެސް ނުކުރިއެވެ. ހިތާ ދެކޮޅަށް ވެސް މަތީނަށް ޖެހުނީ ކޮންމެވެސް އެހީއެއް ވާށެވެ. އެ ހާލަތަށް ވެސް މަތީން ހުރީ ތައްޔާރުވެގެންނެވެ. ވީމާ، ފަނަރަ ސަތޭކަ އެމްއެލްގެ ފެންފުޅިއެއް މަތީން ތައްޔާރުކުރިއެވެ. އެއީ، އެ ކަމުގައި ކުރިޔަށް ދާން މަތީން އެންމެ ބޭނުންވި ގޮތެއް ނޫނެވެ.
"ކަން ކުރަންވާ ގޮތް ނޫން ގޮތްގޮތަށް ކަންތައްކުރަން ދިމާކުރީމަ ފަސޭހައެއް ނުވާނެ އިނގޭ،" ފެންފުޅި ދެމުން މަތީން ބުންޏެވެ. "އޭނައަށް މި ފެނުގަ ޒާތެއްގެ ރަހައެއްލާނެ. އެއަކަށް ބަލާނެކަމެއް ނެތް. ތުންޖަހާ ގޮތަށް އޭނަ ޖެހޭނެ ހުސްކޮށްލަން. ވާނެ؟"
"ތިހެންވިއްޔާ އަހަރެން ހުރެގެން ތި ކަން ކުރަންޖެހޭނީ." ނައުޝާދު ބުންޏެވެ. "އެހެން ނޫނީ އޭނައެއް ނުބޯނެ. އުކައި ވެސް ލައިފާނެ. ތި ޖެހުނީ އަދި މާ އުނދަގޫ ކަމެއް."
މީރު ކާއެއްޗެއް ނަމަ ނައުޝާދަށް ވަރަށް ފަސޭހަވީހެވެ. ކޮންމެވެސް އެއްޗެކޭ ކިޔައިގެން އަޒްރާއަށް ކާންދެވުނީހެވެ. އެކަމަކު ބޮޑު ފެންފުޅިއެއް، އެއް ފަހަރުން އަޒްރާއަށް ބޯންދޭނެ ގޮތެއް ނައުޝާދަކަށް ނުވިސްނެއެވެ. ރުޅިއައިސްގެން އަމުރުކުރުމުގެ ބަދަލުގައި ނައުޝާދު ގަސްތުކުރީ އާދޭސްކުރާށެވެ. ދެފައިގައި ހިފަންޖެހިއްޖެ ނަމަ އެ ކަން ވެސް ކުރާށެވެ.
ފުޅި ހިފައިގެން އަޒްރާގެ ގެއަށް ނައުޝާދު ވަނެވެ. ހިތުން ވަރަށް ތައްޔާރުވެގެންނެވެ. ބޮޑުކޮޓަރިއަށް ވަން އިރު އަޒްރާ އިނީ ސޯފާގައި އިށީނދެލައިގެންނެވެ. ޓީވީ ހުރީ ނިއްވައިލައިފައެވެ. ނައުޝާދު ދޮރުން ވަނީއްސުރެ އަޒްރާ އިންނަނީ ނައުޝާދަށް ކަޅިއަޅައިގެންނެވެ. ސީދާ ނައުޝާދުގެ ލޮލަކަށް ނުބަލައެވެ. އަޒްރާގެ ނަޒަރު ހުރީ ފެންފުޅިއަށެވެ. އެ ފާޑަށް އަޒްރާ ބަލަހައްޓައިގެން އިންދައެއް ނައުޝާދު ދުވަހަކު ވެސް ނުދެކެއެވެ.
"ހޫނ! ގެނޭ!" އަޒްރާ އަމުރުކުރިއެވެ. "ތީ ދެން ކޯޗެއް؟"
ނައުޝާދު ހައިރާންވެފައި ފުޅި ދިއްކޮށްލާ އިރަށް، މަތި ނަގައިފައި ތުންޖެހި ގޮތަށް ފުޅި ހުސްކޮށްލިއެވެ. އަޒްރާ އެހާ ނޭވާ ދިގުކަމެއް ނައުޝާދު ނުދެނަހުއްޓެވެ. އަނެއްކޮޅުން އެހާ ގިނަ ފެން އެޅީ ކޮންތާކަށް ހެއްޔެވެ؟ ނައުޝާދު ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓެވެ.
"މިއަށް ވުރެ މޮޅު އެއްޗެއް ހަދާކަށް އޭނައަކަށް ނޭނގުނު؟" ފުޅި ދިއްކޮށްލަމުން އަޒްރާ ބުންޏެވެ. "އެކަމަކު މާ މޮޅު މީހެކޯ!"
ނައުޝާދު ހުސްފުޅި ހިފައިގެން ދުރަށް ޖެހިލައިފައި މަތީނަށް އެ ޚަބަރު ދިނެވެ. ހައިރާންކަމާ އެކުގައެވެ.
"ހީވީ ފެން ކޯވަރެއް ބޯލިހެން. އެ ކަން ނިމިއްޖެ!" ނައުޝާދު މަޑުމަޑުން ބުންޏެވެ. "އޭނައަކަށް އެއްވެސް ކަމެއް ނުވޭ!"
"އެއީ އާޓު،" ވަރަށް ހަމަޖެހިލައިފައި މަތީން ބުންޏެވެ. "ދެން ހުރެބަލަ ވާ ގޮތް ބަލަން. އޭނަ ހިތުން އޭނައަކަށް އެއްވެސް ކަމެއް ނުވާނެ."
މަތީން އެހެން ބުނުމުން ނައުޝާދުގެ ފިކުރު ހައްތަހާ ބޮޑުވިއެވެ. ހުސް ފުޅި ގެންގޮސް ކުނިވަށިގަނޑަށް ލައިފައި އައިސް އަޒްރާ ކައިރީގައި އިށީނެވެ. ދެން ވާ ގޮތެއް ބަލާށެވެ. އަޒްރާ އިނީ ކަށްޓެއްހެންނެވެ. ނައުޝާދާ ދިމާއަކަށް ނުބަލައެވެ. އެ ފަހަރު އަޒްރާގެ ނަޒަރު ހުރީ ފާރާ ދިމާއަށެވެ. އެހެން އިނދެފައި، ދެ ލޯ މެރެމުން ގޮސް ސޯފާ މައްޗަށް ދެމުނެވެ. ގޮވައިގޮވައި ވެސް ލޮލެއް ނުހުޅުވިއެވެ. މަތީނަށް ގުޅުމުން މަތީނު އެދުނީ އޮތް ގޮތަށް ބޭއްވުމަށެވެ. ކަމެއް ކޮންޓުރޯލުން ނައްޓައިލައިފިއްޔާ މަތީނަށް ގުޅުމަށެވެ. ދަންވަރު ވިޔަސް ވެހެވެ. އެހެނަސް އެ ދަނޑިވަޅެއް ނައެވެ. އިރުކޮޅަކުން އަޒްރާގެ މަންމަ އައިސް ގޮވުމުން، ވަރަށް ހަމަޖެހިލައިފައި ގޮސް އެނދަށް އަރައި އޮށޯތެވެ.
ފެންފުޅި ބުއި ފަހުން އަޒްރާގެ ދިރިއުޅުން އާންމު ހާލަތަކަށް ބަދަލުވާން ފެށިހެން ނައުޝާދަށް ހީވެއެވެ. އަޒްރާ ނަމާދުކުރަން ފެށިއެވެ. ޖެހިޖެހިގެން ހަތަރު ދުވަހު ހުރިހައި ނަމާދެއްކުރިއެވެ. އެއީ މަތީން އުންމީދުކުރި ވަރަށް ވުރެ ވެސް ރަނގަޅު ނަތީޖާއެކެވެ. ވަގުތުގެ ބޭނުންހިފައި، އަނެއްކާ ވެސް ރުގުޔާކުރަން ފެށިއެވެ. ބޮޑު ސިއްރު ބޭޒާރުވީ އެ ފަހަރުއެވެ. ޖަލީލާއި ނައުޝާދުގެ ހާޒިރުގައެވެ. އެ ރޭ ކިޔަވަން ހާއްސަ މީހަކު ހުއްޓެވެ. ކިޔަވަން ފެށިތާ ދިހަ ވަރަކަށް މިނެޓުވީ އިރު ވެސް އަޒްރާ ލޯމަރައިލައިގެން މަޑުމަޑުން އޮތީއެވެ. އެކަމަކު ކަޅި ހިނގާކަން އެނގެއެވެ. އޭނައަށް ފެނުނީ ނުވަތަ އޭނަ ބެލީ ކޯޗެއްކަމެއް މަތީނަކަށް ނޭނގެއެވެ. ކިޔެވުން ވަކި ހިސާބަކަށް ދިޔުމުން އަޒްރާ ރޯން ފެށިއެވެ.
"ވާހަކަދައްކަން ބޭނުން؟" އޯގާވެރި ރާގެއްގައި މަތީން ސުވާލުކުރިއެވެ. "ބޭނުމިއްޔާ ކިޔައިދީ! އެކަމަކު އަޒްރާގެ ބޭބެޔާ ނައުޝާދު ވެސް މި ތާ އެބަ އިން."
އަޒްރާ ހިމޭނުން އިރުކޮޅަކު އޮތެވެ. ހީވި ކަހަލައެވެ. އެ ރޭ ދެން އަޒްރާ އިތުރު ވާހަކައެއް ނުދައްކާނެއެވެ. މަތީން ކެތްތެރިކަމާ އެކުގައި އިނެވެ. ކިޔަވާ މީހާގެ އަޑު ތަންކޮޅެއް މަޑުކޮށްލުމަށް، އަތުގެ އިޝާރާތުން މަތީން އެންގިއެވެ.
"އޭރު އަހަންނަށް ބާރަ އަހަރު،" ގިސްލަގިސްލައިފައި އަޒްރާ ކިޔައިދޭން ފެށިއެވެ. "އަހަންނަކަށް ނޭނގެ ކީއްވެކަމެއް އަހަރެން ކުރިން މި ވާހަކަ ކިޔައިނުދިނީ. ހިތަކަށް ވެސް ނާރާ ކިޔައިދޭކަށް. ވެދާނެ ކިޔައިދޭ ވަރަށް ހަނދާން ނުވަނީކަމަށް ވެސް. ފިރިހެނެއްކަން އެނގެނީ. ކާކުކަމެއް ނޭނގޭ. ދެންމެ އޭނަގެ މޫނު މި ފެނުނީ. މިހާރު އެއީ ކާކުކަން ޔަގީންވެއްޖެ."
އަޒްރާ ވާހަކަ ފެށީ އެ ގޮތަށެވެ. ދެއްކި ވާހަކަ މަތީނަށް ދޭހަވިއެވެ. ނައުޝާދަށް ބަލައިލެވުނީ ޖަލީލުގެ މޫނަށެވެ. ޖަލީލު އިސްޖަހައިލިއެވެ. ތެދަށް ބުނާ ނަމަ އެއީ ލަދުވެތި ދަނޑިވަޅެކެވެ. މަތީނަށް އާ ކަމެއް ނޫނެވެ. އަޒްރާ ލޯ ހުޅުވައިލިއެވެ. އެ ވާހަކަ ކިޔައިދޭން އަޒްރާއަށް ކިހާ އުނދަގޫކަން އޭނަގެ މޫނުމަތިން އެނގެއެވެ.
"މަންމައަށް އެނގޭތަ؟" މަތީން ސުވާލުކުރިއެވެ. "ނޫނީ، އެހެން އެއްވެސް މީހަކަށް އެނގޭނެތަ؟"
"ނޭނގެ! މި ބުނީ ނޭނގެޔޭ އެނގޭކަމެއް ނޭނގޭކަމެއް ވެސް. އަދިވެސް ކިޔައިދޭންވީތަ؟" ޖަލީލާއި ނައުޝާދަށް ބަލައިލައިފައި އަޒްރާ އެހިއެވެ. "އޯކޭ ތަ؟"
"އަޒްރާ ބޭނުން ގޮތެއް،" އެންމެނަށް ވުރެ ކުރިން މަތީން ޖަވާބުދިނެވެ. "މި ހިސާބުން ނިންމައި ވެސް ލެވިދާނެ."
އަޒްރާ ވިސްނައިލިއެވެ. ފަނޑުވެފައިވާ އެތަކެއް ހަނދާންތަކެއް އަޒްރާގެ ސިކުނޑީގައި ތާޒާވެއްޖެއެވެ. އަކުރުން އަކުރަށް ކިޔައިދޭން އެނގޭ ވަރަށެވެ. އިއްޔެ ވީ ކަމެއްހެންނެވެ.
"ކުރިން އަހަންނާ އަހަރެންގެ އަންހެން ކޮއްކޮޔާ ނިދާނީ އެއް އެނދެއްގަ،" އަޒްރާ އަނެއްކާ ވެސް ކިޔައިދޭން ފެށިއެވެ. "އެ ކަމެއް ހިނގި ފަހުން ކޮޓަރިއަށް އެހެން އެނދެއް ވައްދާފަ، އެ އެނދުގަ އަހަރެން ނިދަންޖެހެނީ. ކޮއްކޮ އޮންނަނީ އަނެއް އެނދުގަ. އެ ކަން ހިނގި ފަހުން އަހަރެން ވަރަށް ޗޭންޖުވި. ކުރިން އަހަރެން ވަރަށް ޖެހިލުންވާނެ. ލަދުގަންނާނެ. އެ ދެ ކަންތައް ވެސް މަޑުމަޑުން ދަމުން ގޮސް އަނެއް ކޮޅަށް ބަދަލުވީ. ދެން އަބަދު ވެސް މީހަކާ ރައްޓެހިވެގެން އަހަރެން އުޅެނީ. އެކަކު ނެތިއްޔާ އަނެކަކު."
އަނެއްކާ ވެސް އަޒްރާ ރޯން ފެށިއެވެ. ހީވަނީ، ދައްކަން ބޭނުން ނުވާ ވާހަކައެއް އޭނައަށް ދެއްކޭހެންނެވެ.
"މީ ދެން މީހުން ދައްކާ ކަހަލަ ވާހަކަތަ؟" މޫނުމަތީ އަތްއަޅައިފައި އަޒްރާ ބުންޏެވެ. "އަހަރެން ބޭނުމެއް ނޫން ކިޔައިދޭކަށް. އެކަމަކު ވެސް އެބަ ކިޔައިދެވޭ. ހުއްޓައެއް ނުލެވޭ. މިރޭ ކިޔައިނުދީފިއްޔާ ހިޔެއްނުވޭ ފަހުން ކިޔައިދެވޭނެހެނެއް."
"ކިހިނެއް ތި ކަން ފެށުނީ؟" މަތީން ސުވާލުކުރިއެވެ.
"ގޭދޮށު ކުދިން ވަރަށް ގިނައިން އަންނާނެ އަހަރެން ބަލާ. ކުޅެން ދާން،" އަޒްރާ ކިޔައިދޭން ފެށިއެވެ. "އަހަރެން ވަރަށް ގިނައިން ގޭގެއަށް ދަން. ގޭގަ ކަމެއް ނޯވެފަ، ކުޑަވީމަ ދެން މާ ބޮޑު ވިސްނުމެއް ވެސް ނުހުންނަނީ. އޭރު ގޭގޭގަ ހުސް ތަން ވަރަށް ބޮޑުވާނެ. އަހަރުމެން ފީކޯއިކުޅެ، ކޮރާކުޅެ، ގަނޑުފިއްލާ ވެސް ކުޅެން."
ނުނިމޭ