09 ޖެނުއަރީ 2022 - 08:00

ފްރެންކްފާޓް (ޖެނުއަރީ 9) - ޖަރުމަން ބުންޑެސްލިގާގައި ރޭ ލީގުގެ ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑުން ރަށުން ބޭރުގައި އެއިންޓްރަކް ފްރޭންކްފާޓާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 3-2 އިން ކާމިޔާބު ކޮށްފި އެވެ.
މި ނަތީޖާއާ އެކު ޑޯޓްމަންޑުން ވަނީ އެއްވަނައިގައި އޮތް ބެޔާން މިއުނިކާ ދެމެދު އޮތް ފަރަގު ހަ ޕޮއިންޓަށް ކުޑަ ކޮށްފަ އެވެ. ބެޔާން އިން ލީގުގައި އަމިއްލަ ދަނޑުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުން އެޓީމު ވަނީ ބޮރޫޝިއާ މޮންޗެންގްލަޑްބަކް އަތުން ބަލިވެފަ އެވެ.
ރޭގެ މެޗުގައި އެއިންޓްރަކް ފްރޭންކްފާޓް އިން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. އެ ޓީމުގެ ދެ ލަނޑު ވެސް ޖަހައިދިނީ އެ ޓީމުގެ ކޮލަމްބިއާ ފޯވާޑް ރަފައޭލް ސަންޓޯސް ބޮރޭ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑޯޓްމަންޑަށް ފަރަގު ކުޑަކުރަން ވަނީ ރަނގަޅު ފުރުސަތެއް ލިބި، ނާކާމިޔާބުވެފަ އެވެ. މާކޯ ރޮއިސް ނެގި ކޯނަރެއް މެޓް ހަމެލްސް ބޮލުން ފޮނުވާލުމުން އެއިންޓްރަކްގެ ކީޕަރު ކެވިން ޓްރެޕް މަތަކުރިއިރު، ރީބައުންސްވެފައި އައި ބޯޅަ ޑޮންޔެލް މޭލަން ފޮނުވާލުމުން ހުރަހަކަށްވީ ގޯލުގެ ދަނޑި އެވެ.
އާލިން ބްރައުޓް ހާލަންޑުގެ އެހީތެރިކަމާއެކު ޑޯޓްމަންޑްގެ ފުރަތަމަ ލަނޑު ޖެހީ ކުޅެން ނުކުތްތާ ހަ މިނިޓު ފަހުން، 71 ވަނަ މިނިޓުގައި ތޯގަން ހަޒާޑެވެ. ޑޯޓްމަންޑަށް އެއްވަރު ކޮށްދިނީ 87 ވަނަ މިނިޓުގައި ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް އެވެ. އަދި އޭގެ ދެ މިނިޓު ފަހުން އެޓީމު މޮޅު ކޮށްދިން ލަނޑު ޖަހައިދިނީ މަހްމޫދް ދާހޫދެވެ.
އުމުރުން 18 އަހަރުގެ ބެލިންގްހަމް ޑޯޓްމަންޑަށް ބަދަލުވީ 2020 ވަނަ އަހަރު އުމުރުން 17 އަހަރުގައި، އިނގިރޭސި ޗެމްޕިއަންޝިޕުގައި ކުޅޭ ބާމިންހަމް ސިޓީން 25 މިލިއަން ޕައުންޑަށެވެ.
ޖޫޑް ބެލިންގްހަމް ރޭގެ މެޗުގައި ޑޯޓްމަންޑަށް ލަނޑު ޖަހައި އެއްވަރުކޮށްދިން އިރު، އޭނާގެ ކޮއްކޮ ޖޯބް ބެލިންގްހަމް، 16، ވަނީ ބާމިންހަމް އިން ރޭ އެފްއޭކަޕް ތިންވަނަ ބުރުގައި ޕްލިމޮތު އާގައިލްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ފުރަތަމަ ސީނިއާ މެޗު ކުޅެފަ އެވެ.