ގްރަނާޑާއިން ފަހު ވަގުތު ބާސެލޯނާއާ އެއްވަރު ކޮށްފި
ގްރަނާޑާއިން ފަހު ވަގުތު ބާސެލޯނާއާ އެއްވަރު ކޮށްފި

ގްރަނާޑާ (ޖެނުއަރީ 9) - ސްޕެނިޝް ލަ ލީގާގައި ގްރަނާޑާ އިން އަމިއްލަ ދަނޑުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ޖެހި ލަނޑާ އެކު އެޓީމުން ބާސެލޯނާއާ ރޭ އެއްވަރުކޮށްފި އެވެ.

ގްރަނާޑާއިން ފަހު ވަގުތު ބާސެލޯނާއާ އެއްވަރު ކޮށްފި
ގްރަނާޑާއިން ފަހު ވަގުތު ބާސެލޯނާއާ އެއްވަރު ކޮށްފި

ގްރަނާޑާ އާއި ބާސެލޯނާ ބައްދަލުކުރި މި މެޗް އެއްވަރުވީ 1-1 އިންނެވެ. މި ނަތީޖާއާއެކު ބާސެލޯނާ އަށް ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލުމުގެ ފުރުސަތު ނަގާލައިފަ އެވެ. ބާސެލޯނާ ފަސްވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން ހަތަރުވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ އެއްވަރަށް 32 ޕޮއިންޓް ހޯދައިގެންނެވެ.

ގްރަނާޑާއިން ފަހު ވަގުތު ބާސެލޯނާއާ އެއްވަރު ކޮށްފި
ގްރަނާޑާއިން ފަހު ވަގުތު ބާސެލޯނާއާ އެއްވަރު ކޮށްފި

ބާސެލޯނާގެ ބްރެޒިލް ރައިޓް ބެކް ޑެނީ އަލްވޭސް 2016 ވަނަ އަހަރަށް ފަހު ލަ ލީގާގައި ކުޅުނު ފުރަތަމަ މެޗުގައި ބާސެލޯނާއިން ލީޑު ނެގީ 57 ވަނަ މިނިޓުގައި ލޫކް ޑި ޔޮންގް އެވެ. ފުރަތަމަ ހާފުގައި ވެސް ޑި ޔޮންގް ލަނޑެއް ޖެހި ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ރެފްރީ ވަނީ އޭނާ އޮފްސައިޑު ކަމަށް ނިންމައިފަ އެވެ.

މެޗުގެ 79 ވަނަ މިނިޓުގައި ބާސެލޯނާގެ ގަވީ އަށް ވަނީ ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ. ބާސެލޯނާއިން 10 ކުޅުންތެރިންނާ އެކު ކުޅެނިކޮށް ގްރަނާޑާއިން އެއްވަރުކުރީ 89 ވަނަ މިނިޓުގައި އެޓީމުގެ އެންޓޯނިއޯ ޕުއެރްތާސް އެވެ.

މިދިޔަ ނޮވެމްބަރު މަހު ރެއާލް މެޑްރިޑު އަތުން ގްރަނާޑާ 4-1 އިން ބަލިވި މެޗަށް ފަހު އެޓީމު ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުން ވެސް ބައްޔެއް ނުވެ އެވެ. އޭގެ ފަހުން އަމިއްލަ ދަނޑުގައި ހަތަރު މެޗު ކުޅެފައި ވާއިރު ތިން މެޗު ވަނީ ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗު ވެސް ހިމެނެ އެވެ.

ގްރަނާޑާ އޮތީ 20 މެޗުން ހޯދި 23 ޕޮއިންޓާ އެކު ތާވަލުގެ 12 ވަނައިގަ އެވެ.

ބާސެލޯނާގެ ޕެޑްރީ އާއި މިފަހުން ބާސެލޯނާއަށް ބަދަލުވި ފެރާން ޓޮރޭޒް ކޮވިޑަށް ޕޮޒިޓިވް ވެގެން ތިބީ އައިސޮލޭޝަންގަ އެވެ.

ފެރާން ޓޮރޭޒް ޓީމުގައި އަދިވެސް ރަޖިސްޓާ ނުކުރެވެ އެވެ.

އިނގިރޭސި ކްލަބް އެސްޓަން ވިލާ އިން، މުސާރައިގެ 65 ޕަސެންޓް ދޭ ގޮތަށް ބާސެލޯނާގެ ފިލިޕޭ ކުޓީނިއޯ ލޯނު އުސޫލުން ހުކުރު ދުވަހު ގެންދިޔުމާ އެކު ލީގުގެ ފައިނޭންޝިއަލް ފެއާޕްލޭ އުސޫލުގެ ދަށުން ޓޮރޭޒް ޓީމުގައި ރަޖިސްޓާ ކުރެވޭނެ ކަމަށް ބެލެވުނެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ޓޮރޭޒް ޓީމުގައި ރަޖިސްޓާ ކުރެވިފައި ނުވާކަމަށް އެޓީމުގެ ޑިރެކްޓަރު މެޓިއު އަލިމާނީ ބުނެ އެވެ.

"އަހަރެމެންނަށް އަދިވެސް ފެރާން ޓޮރޭޒް ރަޖިސްޓާ ނުކުރެވޭ. ފިލިޕޭ ކުޓީނިއޯ ލޯނު އުސޫލުން އެސްޓަން ވިލާއަށް ބަދަލުވުމަކުން އަދި ނުފުދޭ،" އަލިމާނީ ބުންޏެވެ.