ދީމާ، ތައިލެންޑް މުބާރާތުގެ ޑަބަލްސް ޗެމްޕިއަންކަން ހޯދައިފި
ދީމާ، ތައިލެންޑް މުބާރާތުގެ ޑަބަލްސް ޗެމްޕިއަންކަން ހޯދައިފި

ތައިލެންޑްގައި ބޭއްވި ޓޭބަލް ޓެނިސް މުބާރާތުގެ ޑަބަލަސް ޗެމްޕިއަންކަން ރާއްޖޭގެ ފާތީމަތު ދީމާ އަލީގެ ޕެއާ ހޯދައިފި އެވެ.

ދީމާ، ތައިލެންޑް މުބާރާތުގެ ޑަބަލްސް ޗެމްޕިއަންކަން ހޯދައިފި
ދީމާ، ތައިލެންޑް މުބާރާތުގެ ޑަބަލްސް ޗެމްޕިއަންކަން ހޯދައިފި

އޯލް ތައިލެންޑް ޓީޓީ ޗެމްޕިއަންޝިޕްގެ 15 އަހަރުން ދަށުގެ ޑަބަލްސް ބައިގައި ދީމާގެ ޕެއާ އަކީ ތައިލެންޑްގެ ފަންގް އެވެ. މިއަދު ކުޅުނު މެޗު ދީމާ އާއި ފަންގް ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. ދީމާ އާއި ފަންގް، ސެޓްތައް ގެންދިޔައީ، 11-8، 11-9 އަދި 11-7 އިންނެވެ.

ތައިލެންޑްގައި މިހާރު ޓްރެއިނިން ހަދަމުން އަންނަ ދީމާ ވަނީ، އެ މުބާރާތުގެ އަންހެން ސިންގަލްސްގެ 17 އަހަރުން ދަށުގެ ކުއާޓާ ފައިނަލަށް ވެސް ދަތުރުކޮށްފަ އެވެ. ކުއާޓާ ފައިނަލްގައި ދީމާ ބަލިވީ، މިދިޔަ އަހަރުގެ ފެބްރުއަރީގައި ތައިލެންޑްގެ ޗޮންބުރީ ޕްރޮވިންސްގެ ޓީޓީ މުބާރާތުގެ ފައިނަލްގައި ދީމާ ބަލިކުރި ކުޅުންތެރިޔާ އަތުންނެވެ. އޭރު ސީދާ ތިން ސެޓުން ދީމާ ބަލިވި އެވެ. އެކަމަކު މިފަހަރު މުބާރާތުގައި ދީމާ ބަލިވީ 3-1 ސެޓުންނެވެ.

މިދިޔަ އަހަރަކީ، ދީމާގެ ކެރިއާގައި ހާއްސަ އަހަރެކެވެ. މިދިޔަ މަހު ޕޯޗްގަލްގައި ބޭއްވި ވޯލްޑް ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ މިކްސް ޑަބަލްސް ބައިގައި ޗެކް ރިޕަބްލިކްގެ މާޓިން ސިޕްއާ އެކު ކުޅެ ދީމާ ވަނީ މެޗުން މޮޅުވެފަ އެވެ. އޮސްޓްރޭލިއާގެ ނީ ޗުލޯންގް އާއި ސައިހޯޖިއޯސް ކޮންސްޓަންޓީނާގެ ޕެއާ ބަލިކޮށް ދީމާ އާއި ސިޕް މެޗު ކާމިޔާބު ކުރުމުން، ދީމާ ވެފައިވަނީ ވޯލްޑް ޓީޓީ ޗެމްޕިއަންޝިޕް މެޗެއް ކާމިޔާބު ކުރި ރާއްޖޭގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ރާއްޖޭގެ ގައުމީ ޓީޓީ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް ހޯދި ދީމާ އަކީ 15 އަހަރުން ދަށުގެ އަންހެން ރޭންކިންގައި ދުނިޔޭގެ 20 ވަނަ އެވެ. އޭޕްރީލް މަހު ރޭންކިންގެ، އަށް ވަނަ އަށް ވެސް ދީމާ ޖެހިލި އެވެ.

އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މެޑަލް ހޯދި ދީމާ ވަނީ ނޮވެމްބަރު މަހު އޮމާންގެ މަސްކަޓްގައި ބޭއްވި ވޯލްޑް ކޮންޓެންޑާ މުބާރާތުގެ 15 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަކޮށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެ މުބާރާތުގެ ކުއާޓާއާ ހަމައަށް އޭނާ ދަތުރުކުރީ ޕާކިސްތާނާއި އުޒްބެކިސްތާންގެ ކުޅުންތެރިން ބަލި ކުރުމަށް ފަހު އެވެ.