މުޒާހަރާއިން ހައްޔަރުކުރި ދެ މީހުން ޝަރުތުތަކާ އެކު ދޫކޮށްލައިފި
މުޒާހަރާއިން ހައްޔަރުކުރި ދެ މީހުން ޝަރުތުތަކާ އެކު ދޫކޮށްލައިފި

އިދިކޮޅު ޕީޕީއެމުން ކުރާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 29 މީހުންގެ ތެރެއިން ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލައިފި އެވެ.

މުޒާހަރާއިން ހައްޔަރުކުރި ދެ މީހުން ޝަރުތުތަކާ އެކު ދޫކޮށްލައިފި
މުޒާހަރާއިން ހައްޔަރުކުރި ދެ މީހުން ޝަރުތުތަކާ އެކު ދޫކޮށްލައިފި

ހައްޔަރުކުރި ދެ މީހުންނަކީ ރަޒްނާ އަލީ މުހައްމަދާއި އަބްދުއްސަމަދެވެ

މި ދެ މީހުންްގެ މައްޗަށް ވެސް ފުލުހުން ވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމާއި ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ހުއްދަ ނަގައިގެން ނޫނީ ކުރުން ހުއްދަ ނޫން ކަމެއް ހުއްދަ ނުހޯދާ ކުރުމުގެ ކުށުގެ ތުހުމަތުކޮށްފަ އެވެ. އަދި ރަޒްނާގެ މައްޗަށް ވަނީ ފުލުހުންގެ ގައިގައި ޖެހުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.

މި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ގާޒީ އާދަމް މުހައްމަދު ނިންމެވީ ބަންދުގައި ބަހައްޓަންޖެހޭ ފަދަ ސަބަބެއް ނެތް ކަމަށެވެ. ނަމަވެސް ބަންދުން ދޫކޮށްލަން ނިންމެވީ ޝަރުތުތަކެއް ކޮށްފަ އެވެ.

އާންމު ގޮތެއްގައި މިފަދަ މައްސަލަތަކުގައި ކުރާ އާންމު ޝަރުތަކީ ތަހުގީގަށް އެއްބާރުލުން ދިނުމެވެ. މުޒާހަރާތަކުން ހައްޔަރުކޮށް ކޯޓަށް ގެންދާ މީހުންނަށް، އެފަދަ އެއްވުންތަކަށް ވަކި މުއްދަތަކަށް ނުދިއުމަށް ވެސް ކުރިން ޝަރުތުކޮށްފައި އެބަހުއްޓެވެ. ނަމަވެސް މި ދެ މީހުންނަށް ކުރީ ކޮން ޝަރުތެއް ކަމެއް ނޭނގެ އެވެ.

ޕީޕީއެމުން "އިންޑިއާ އައުޓް" ނަމުގައި ކުރާ މުޒާހަރާގައި ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ ގާއިމުވެ ތިބުމާ ދެކޮޅަށް ގެންދަނީ އަޑު އުފުލަމުންނެވެ. މި މުޒާހަރާތައް ރޫޅާލުމުގައި ބާރުގެ ބޭނުންކުރާ ގޮތުން އެތައް ބަޔަކަށް އަނިޔާވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.