08 ޖެނުއަރީ 2022 - 18:06

މާލޭގައި ބާއްވަމުން ދިޔަ ނައިޓް މާކެޓް ހުއްޓާލަން އެންގުމުން ވިޔަފާރިވެރިން ނުކުމެ ނުރުހުން ފާޅުކޮށްފި އެވެ.
ކޮވިޑް-19 ގެ ކޭސްތައް އަނެއްކާވެސް ވަރަށް ބޮޑަށް އިތުރުވާން ފެށުމުން، މީހުން އެއްވާ ހަރަކާތްތައް ނުބާއްވަން އެދުމަށް ފަހު އެޗްޕީއޭ އިން ވަނީ ނައިޓް މާކެޓް ހުއްޓާލަން އަންގައިފަ އެވެ. އެކަމަކު ފަހުން ވަނީ ކޮވިޑް ކޮންޓްރޯލްކުރުމުގެ ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދަން ހުއްދަ ދީފަ އެވެ. ނަމަވެސް އެ ގައިޑްލައިނާ ހިލާފުވި ކަމަށް ބުނެ އަނެއްކާ ވެސް ނައިޓް މާކެޓް ހުއްޓުވީ އެވެ.
މާލޭ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ރަސްފަންނު ސަރަހައްދުގައި ބޭއްވި ނައިޓް މާކެޓް ހުއްޓުވުމުން އެކަމާ ދެކޮޅަށް އަޑު އުފުލަން ވިޔަފާރިވެރިން އެއްވީ ވެސް މާކެޓް ބޭއްވި ސަރަހައްދަށެވެ.
އެ މީހުން ވަނީ ނައިޓް މާކެޓް ހުއްޓުވި އިރު ވެޑިން ފަދަ އިވެންޓްތައް ވެސް ނުހުއްޓުވާ ކަމަށާއި މިކަމުގައި އިންސާފެއް ނެތް ކަމަށް ބުނެފަ އެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން ފެށުމުން ފިޔަވަޅުތައް އަންނަނީ ވަރުގަދަ ކުރަމުންނެވެ. މިހާރު ވަނީ ކުރިން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް ފުލުހުން ވެސް މަސައްކަތް ފަށައިފަ އެވެ.